ތައުލީމު އުނގެނުމަށް ހުރި ބައެއް ހުރަސްތަކާ އެކު، ރާއްޖޭގެ ކުޑަކުދިންގެ އާބާދީގެ 9،000 އަށް ވުރެ ގިނަ ކުދިން ސްކޫލަށް ނުދެވޭ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
11 މެއި 2025
ތައުލީމު އުނގެނުމަށް ހުރި ބައެއް ހުރަސްތަކާ އެކު، ރާއްޖޭގެ ކުޑަކުދިންގެ އާބާދީގެ 9،000 އަށް ވުރެ ގިނަ ކުދިން ސްކޫލަށް ނުދެވޭ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
އިއްޔެ ފާހަގަކުރި ބައިނަލްއަގްވާމީ ކުޑަކުދިންގެ ދުވަހާ ދިމާކޮށް، މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް) އިން ވަނީ ރާއްޖޭގެ ކުޑަކުދިންނާ ގުޅޭ ތަފާސްހިސާބުތައް އާންމުކޮށްފަ އެވެ.
ތަފާސްހިސާބުތަކުގައިވާ ގޮތުގައި، އުމުރުން ދެ އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންގެ ތެރެއިން އެކި ގޮތްގޮތުން ތައުލީމު ހާސިލްކުރަމުން އަންނަނީ 91 ޕަސެންޓް ކުދިންނެވެ. ތައުލީމު ހާސިލްކުރާ ކުދިންގެ ތެރޭގައި ގިނައީ އަންހެން ކުދިންނެވެ.
ބާކީ ނުވަ ޕަސެންޓް ކުދިންނަށް، އެކި ހުރަސްތަކުގެ ސަބަބުން ސްކޫލަށް ނުދެވެ އެވެ. އެއީ 9،450 ކުދިންނެވެ. އޭގެ ތެރޭގައި ގިނައީ ޕްރީ-ސްކޫލް ކުދިންނާއި ގްރޭޑް 10 ނިންމާފައި ތިބި ކުދިންނެވެ.
އެންމެ ފަހުން 2022 ވަނަ އަހަރު ބޭއްވި ބޯހިމެނުމުގެ "ޗައިލްޑް އިކުއިޓީ ސެންސަސް" ރިޕޯޓުގައި ބުނެފައިވާ ގޮތުން، ދެ އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންގެ ތެރެއިން 9 ޕަސެންޓް ކުދިން ސްކޫލަށް ނުދެ އެވެ. އޭގެ ތެރޭގައި ގިނައީ ފިރިހެން ކުދިންނެވެ.
އިސްކަންދަރު ސްކޫލްގެ ދަރިވަރުންތަކެއް އިމްތިހާނު ހަދަނީ.-- ފޮޓޯ: މިހާރު
މާލޭގައި 3,105 ކުއްޖަކު ސްކޫލަށް ނުދާއިރު ރަށްރަށުގައި 6,345 ކުއްޖަކު ސްކޫލަށް ނުދެ އެވެ.
އެ ރިޕޯޓުގައި ވަނީ އެ ކުދިން ސްކޫލަށް ނުދާ ކަމަށް ބެލެވޭ ބައެއް ސަބަބުތައް ވެސް ބަޔާންކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ؛
- ޕްރީ-ސްކޫލް ތައުލީމު (2-5 އަހަރު) ލާޒިމް ނުވުމާއި މާލެއާ އަޅާ ބަލާއިރު ހާއްސަކޮށް ރަށްރަށުގައި ޕްރީ-ސްކޫލްތައް މަދުވުން.
- ރަށްރަށުގައި މަތީ ސާނަވީ އަށް ކިޔެވޭނެ ފުރުސަތު މަދުވުން.
- ރާއްޖޭ އެކި ހިސާބުތަކުގައި ހުރި ތައުލީމީ ފުރުސަތުތަކާއި ވަސީލަތްތަކުގެ ފަރަގު ބޮޑުވުން.
- ހާއްސަ އެހީއަށް ބޭނުންވާ ކުދިން ވެސް މީގެ ތެރޭގައި ހިމެނޭ.
ސްކޫލަށް ނުދާ ކުދިން އެންމެ ގިނައީ ރާއްޖޭގައި އެންމެ ކުޑަ އާބާދީއެއް ދިރިއުޅޭ ވ. އަތޮޅުގަ އެވެ. އެ އަތޮޅުގައި ސްކޫލަށް ނުދާ ކުދިންގެ އަދަދު ހުރީ 15.6 ޕަސެންޓުގަ އެވެ. މިއީ އެ އަތޮޅުގައި ތައުލީމު ހާސިލްކުރަން ހުރި ދަތިތަކުގެ ސަބަބުން ކުރިމަތިވެފައިވާ ކަމެއް ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. ސްކޫލެއް ނެތް ރަކީދޫގައި ދިރިއުޅޭ ތިން ކުދިން ވަނީ ކިޔެވުމުން މަހުރޫމްވެފަ އެވެ.
އެ ރިޕޯޓުގައިވާ ގޮތުގައި، މ. ރަތްމަންދޫގައި 21 ޕަސެންޓް ކުދިން ސްކޫލަށް ނުދެ އެވެ. ގދ، ޅ، ގއ، އަދި ފ. އަތޮޅުގައި ވެސް ސްކޫލަށް ނުދާ ކުދިންގެ ނިސްބަތް މައްޗެވެ. އެ އަދަދު ހުރީ 11.65 ޕަސެންޓާއި 12.52 ޕަސެންޓާ ދެމެދުގަ އެވެ. ދ. އަތޮޅުގައި 6.91 ޕަސެންޓް ކުދިން ސްކޫލަށް ނުދާއިރު، ތ. އަތޮޅާއި ފުވައްމުލަކުގައި 8 ޕަސެންޓް ކުދިން ސްކޫލަށް ނުދެ އެވެ.
ށ. މާއުނގޫދޫ ސްކޫލްގެ ދަރިވަރުންތަކެއް ސްކޫލް ނިންމައިފައި ބައިސްކަލުގައި ގެއަށް ދަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
އުމުރުން 15 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންގެ ތެރެއިން 17،651 ކުދިން ވަޒީފާ އަދާކުރެ އެވެ. އެއީ އެ އުމުރުފުރާގެ ކުދިންގެ ތެރެއިން ކޮންމެ ހަ ކުއްޖެއްގެ ތެރެއިން އެއް ކުއްޖެކެވެ. އަދި 58 ޕަސެންޓާ އެކު، ވަޒީފާ އަދާކުރާ ކުދިންގެ ތެރޭގައި ގިނައީ ފިރިހެން ކުދިންނެވެ.
"މަސައްކަތްތެރިކަމުގައި ހަރަކާތްތެރިވާ ކުދިންގެ ނިސްބަތް އުމުރު މަތިވާ ވަރަކަށް މައްޗަށް ދާކަން ފާހަގަކުރެވޭ، އެގޮތުން މި ނިސްބަތް އުމުރުން 17 އަހަރުގެ އުމުރުފުރާގައި ހުރީ 27 ޕަސެންޓުގައި،" އެމްބީއެސް އިން ބުންޏެވެ.
އެމްބީއެސް އިން ބުނީ އުމުރުން 15 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންގެ ތެރެއިން ގާތްގަނޑަކަށް 16 ޕަސެންޓް ކުދިންނަކީ ކިޔަވަން ނުދާ، މަސައްކަތުގައި ހަރަކާތްތެރިނުވާ އަދި ތަމްރީނުގައި ހަރަކާތްތެރި ނުވާ ކުދިން ކަމަށެވެ.
ދެ ޕަސެންޓް ކުދިން ދިރިއުޅެނީ ބެލެނިވެރިޔަކު ނެތި!
ދަރިވަރެއްގެ ބޯ ކޮށާލުމުން މިލިއަން ޑޮލަރުގެ ބަދަލަކަށް
ސްކޫލް ހުޅުވާއިރު އެނގެން ޖެހޭ ފަސް ކަމެއް
ގަޑިޖެހިގެން ކުދިން ބަލައި ދާ ނަމަ ޖޫރިމަނާކުރަނީ
ޖަޕާނުގައި ސްކޫލްތަކަށް ނުދާ ކުދިން އިތުރުވަނީ
ކިންޑަގާޓްން އަދި ޑޭކެއާ، ކެނެޑާގެ ތަޖުރިބާ އިން
ކޮންމެ މުނާސަބަތަކަށް ކޮސްޓިއުމެއް މުހިއްމުތަ؟
ހުރިހާ ކްލާސްރޫމެއް މި އަހަރު އޭސީ ކުރާނަން: ރައީސް
ދިރާސީ އާ އަހަރުގެ ކިޔެވުން ފަށައިފި
އަންނަ އަހަރު ގްރޭޑް 1 އަށް 5،700 ދަރިވަރުން