Roadha Mihaaru

ރާއްޖޭގައި ދެ ޕަސެންޓް ކުދިން ދިރިއުޅެނީ ބެލެނިވެރިޔަކު ނެތި!

ރާއްޖޭގެ ކުޑަކުދިންގެ އާބާދީގެ ދެ ޕަސެންޓް ކުދިން ދިރިއުޅެނީ ބެލެނިވެރިޔަކު ނެތި ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ދެ ޕަސެންޓް ކުދިން ދިރިއުޅެނީ ބެލެނިވެރިޔަކު ނެތި!
އިފްރާޒް އަލީ
އިފްރާޒް އަލީ

11 މެއި 2025

ރާއްޖޭގެ ކުޑަކުދިންގެ އާބާދީގެ ދެ ޕަސެންޓް ކުދިން ދިރިއުޅެނީ ބެލެނިވެރިޔަކު ނެތި ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އިއްޔެ ފާހަގަކުރި ބައިނަލްއަގްވާމީ ކުޑަކުދިންގެ ދުވަހާ ދިމާކޮށް، މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް) އިން ވަނީ ރާއްޖޭގެ ކުޑަކުދިންނާ ގުޅޭ ތަފާސްހިސާބުތައް އާންމުކޮށްފަ އެވެ.

އެ ތަފާސްހިސާބުތަކުގައި ވަނީ 2022 ވަނަ އަހަރުގެ ބޯހިމެނުމުގެ ނަތީޖާ އަށް ރިއާޔަތްކޮށް 18 އަހަރުން ދަށުގެ ކުދިންގެ ދިރިއުޅުމުގެ ކަންތައްތައް ހަމަޖެހިފައިވާ ގޮތުގެ ތަފުސީލު ހިމަނައިފަ އެވެ. އޭގައި ބުނެފައިވާ ގޮތުން ކުޑަކުދިންގެ އާބާދީގެ 74 ޕަސެންޓް ކުދިންގެ ދިރިއުޅެނީ މައިންބަފައިންނާ އެކުގަ އެވެ. އަދި 22 ޕަސެންޓް ކުދިން ދިރިއުޅެނީ މަންމަ ނުވަތަ ބައްޕައާ އެކުގަ އެވެ.

އެކަމަކު، ބާކީ ދެ ޕަސެންޓް ކުދިން ދިރިއުޅެނީ އެއްވެސް ބެލެނިވެރިއަކާ ނުލަ އެވެ.

އެންމެ ފަހުން 2022 ވަނަ އަހަރު ބޭއްވި ބޯހިމެނުމުގެ "ޗައިލްޑް އިކުއިޓީ ސެންސަސް" ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، ރާއްޖޭގެ އެކި ރަށްރަށުގައި ބެލެނިވެރިޔަކު ނެތި ދިރިއުޅޭ ކުޑަކުދިން އެބަ ތިއްބެވެ. އެއީ އާބާދީގެ ކުޑަ ނިސްބަތެއް ކަމަށް ވިޔަސް ފާހަގަކުރެވޭ މިންވަރެކެވެ. އޭގެ ތެރޭގައި އާއިލީ ގުޅުން އޮންނަ މީހުންނާ އެކުގައި ދިރިއުޅޭ ކުދިން ވެސް ހިމެނެ އެވެ.

އެ ނިސްބަތް ރަށްރަށުގައި ހުރީ 0.9 އާއި 3.3 ޕަސެންޓާ ދެމެދުގަ އެވެ. ބެލެނިވެރިޔަކާ ނުލައި އުޅޭ ކުދިން އެންމެ ގިނަ ބ. އަތޮޅުގައި އެ ނިސްބަތް ހުރީ 3.3 ޕަސެންޓުގަ އެވެ. ކ. އަތޮޅުގައި 2.9 ޕަސެންޓު އަދި މާލޭގައި 2.7 ޕަސެންޓެވެ. ނ. ޅ، ފ އަދި ސ. އަތޮޅުތަކުގައި އެ ނިސްބަތް ހުރީ އެއްވަރެއްގަ އެވެ. އެއީ 2.4 ޕަސެންޓުގަ އެވެ. ލ އަދި ޏ. އަތޮޅުގައި އެ ނިސްބަތް ހުރީ 2.1 ޕަސެންޓުގަ އެވެ.

މި ތަފާސްހިސާބުތަކުން ދައްކައިދެނީ އެކި ސަބަބުތަކާ ހުރެ މައިންބަފައިންގެ ބެލެނިވެރިކަން ނެތި، އެހެނިހެން ގާތް ތިމާގެ މީހުންނާ އެކު އެ ސަރަހައްދުތަކުގައި ދިރިއުޅޭ ކުޑަކުދިންގެ ހާލަތު ކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.

ރަށެއްގައި ދިރިއުޅޭ ކުޑަކުދިންތަކެއް އަތިރިމަތީގައި ފޮޓޯއަކަށް ހުއްޓިލައިގެން.-- ފޮޓޯ: މިހާރު

ރަށެއްގައި ދިރިއުޅޭ ކުޑަކުދިންތަކެއް އަތިރިމަތީގައި ފޮޓޯއަކަށް ހުއްޓިލައިގެން.-- ފޮޓޯ: މިހާރު

އޭގެ މާނައަކީ ރާއްޖޭގައި 134،000 އަށް ވުރެ ގިނަ ކުދިންގެ އާބާދީއެއް އޮތްއިރު، އޭގެ ތެރެއިން 2،700 އަށް ވުރެ ގިނަ ކުދިން ދިރިއުޅެނީ ބެލެނިވެރިޔަކު ނެތި ކަމަށެވެ.

އެމްބީއެސް އިން ބުނީ އާބާދީގެ އަންދާޒާ ދައްކާ ގޮތުގައި، މި އަހަރުގެ ކުޑަކުދިންގެ އާބާދީއަކީ 134،863 ކަމަށެވެ. އޭގެ ތެރެއިން ދިވެހި ކުދިންގެ އާބާދީއަކީ 131،154 ކަމަށް އެ ބިއުރޯއިން ބުންޏެވެ.

ރާއްޖޭގެ މުޅި އާބާދީގައި ކުޑަކުދިންގެ ޕަސެންޓަކީ 21.8 އެވެ. އެންމެ ގިނަ ކުދިން ދިރިއުޅެނީ ރަށްރަށުގަ އެވެ. އެއީ 77،000 އަށް ވުރެ ގިނަ ކުދިންނެވެ.

ކުޑަކުދިންގެ ޖުމްލަ އާބާދީގެ 52 ޕަސެންޓަކީ ފިރިހެން ކުދިންނެވެ. އަދި 48 ޕަސެންޓަކީ އަންހެން ކުދިންނެވެ.