Roadha Mihaaru
އިޒްރޭލާއި އީރާން ވަރުގަދަ ބަހުގެ ހަމަލާތަކެއްގައި

އިޒްރޭލާއި އީރާން ވަރުގަދަ ބަހުގެ ހަމަލާތަކެއްގައި

08 ޖޫން 2022

އީރާންގެ ނިއުކްލިއާ މަޝްރޫއާ ބެހޭ ގޮތުން އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުން ޑިޕްލޮމެޓިކް ދާއިރާ އިން ކުރަމުން ގެންދާ ކަންކަމާ މެދު އިޒްރޭލު ހިތްހަމަނުޖެހި ފާޑުކިޔަން ފެށުމާ ގުޅިގެން، އީރާނާއި އިޒްރޭލާ ދެމެދު ވަރުގަދަ ބަހުގެ ހަމަލާތަކެއް ބަދަލުކުރަން ފަށައިފި އެވެ.

އީރާންގެ ނިއުކްލިއާ މަޝްރޫއާ ބެހޭ ގޮތުން އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުން ޑިޕްލޮމެޓިކް ދާއިރާ އިން ކުރަމުން ގެންދާ ކަންކަމާ މެދު އިޒްރޭލު ހިތްހަމަނުޖެހި ފާޑުކިޔަން ފެށުމާ ގުޅިގެން، އީރާނާއި އިޒްރޭލާ ދެމެދު ވަރުގަދަ ބަހުގެ ހަމަލާތަކެއް ބަދަލުކުރަން ފަށައިފި އެވެ.

އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުން އީރާނާ އެކުގައި 2015 ވަނަ އަހަރު ސޮއިކުރި ނިއުކްލިއާ މުއާހަދާ އިން އެމެރިކާ ވަނީ 2018 ވަނަ އަހަރު، އޭރުގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ވެރިކަމުގެ ދުވަސްވަރު ވަކިވެފަ އެވެ. ނަމަވެސް 2021 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު، މިހާރުގެ ރައީސް ޖޯ ބައިޑެން ވަނީ، އެ މުއާހަދާގައި އެމެރިކާ އަލުން ބައިވެރިވުމަށް ނިންމައިފަ އެވެ.

މިއާ ޚިލާފަށް އިޒްރޭލު ބޭނުންވަނީ، އެމެރިކާ އެ މުއާހަދާގައި ބައިވެރިނުވެ، އީރާނަށް އިގްތިސާދީ ގޮތުންނާއި މާލީ ގޮތުން ދަތިކުރަމުން ގެންދިއުމަށެވެ. އެ ގޮތުން އިޒްރޭލުގެ ބޮޑުވަޒީރު ނަފްތާލީ ބެނެޓް އިއްޔެ ވިދާޅުވި ގޮތުގައި އީރާންގެ ނިއުކްލިއާ މަޝްރޫއުގެ މައްސަލައިގައި ދުނިޔެ އަށް ގޮންޖެހުމުގެ ސިޔާސަތެއް ގެންގުޅޭ ނަމަ، އީރާނުން އެކަމަށް ބޮޑު އަގެއް އަދާކުރަންޖެހޭނެ އެވެ.

އިޒްރޭލުގެ ގާނޫނު ހަދާ މަޖިލީހުގެ ޚާރިޖީ ގުޅުންތަކާއި އަމަނާ ބެހޭ ކޮމިޓީގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ނަފްތާލީ ވިދާޅުވީ އީރާނުން ނިއުކްލިއާ ހަތިޔާރުގެ ގާބިލުކަން ހާސިލުކުރިޔަ ނުދިނުމަށްޓަކައި އިޒްރޭލުން ކުރަންޖެހުނު ކޮންމެ ކަމެއް ކުރާނެ ކަމަށެވެ. އަދި އެކަމުގައި އިޒްރޭލު ހުއްޓުވޭނެ އެއްވެސް ގައުމެއް ނޯންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނަފްތާލީ ވިދާޅުވީ އީރާނާ މެދު އިޒްރޭލުން އަމަލުކުރަމުން އައި ސިޔާސަތު، މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ވަރަށް ބޮޑަށް ބަދަލުވެއްޖެ ކަމަށެވެ. އެހެންކަމުން، އީރާން ސަލާމަތުން އޮތުމުގެ ދުވަސްތައް މިހާރު ނިމުމަކަށް އައިސްފައިވާ ކަމަށާއި، އިޒްރޭލުން މިހާރު ފިޔަވަޅު އަޅަނީ ހަމައެކަނި އީރާންގެ އަސްކަރީ ގާބިލުކަމާ ދެކޮށް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އޭގެ ބަދަލުގައި މިހާރު އިޒްރޭލުގެ އަމާޒަކީ މުޅި އީރާން ކަމަށް ވެސް ނަފްތާލި ވިދާޅުވި އެވެ.

ނަފްތާލީގެ މި ވާހަކަތަކާ ގުޅިގެން، އީރާންގެ އެއްގަމު ލަޝްކަރުގެ ވެރިޔާ ކިޔޫމަރްސް ހައިދަރީ ވިދާޅުވީ އީރާނާ ބެހޭ ގޮތުން އިޒްރޭލުން ކަސިޔާރު އެންމެ ފިޔަވަޅެއް އެޅިޔަސް، އިޒްރޭލުގެ ވެރިރަށް ތެލް އަބީބާއި ހައިފާ ސުންނާފަތިކޮށްލާނެ ކަމަށެވެ.

"އަދުއްވުން އެންމެ ގޯހެއް ހެދިޔަސް، އެންމެ އިސް މުރުޝިދުގެ އަމުރުފުޅާ އެއްގޮތަށް، ތެލް އަބީބާއި ހައިފާ ބިމާ ހަމަކޮށްލާނަން. އަދުއްވުންގެ ފަރާތުން ކުރިމަތިވެދާނެ ނުބައި އަމަލަކަށް ރައްދު ދިނުމަށް، އަހަރެމެންގެ ލަޝްކަރުތަކުގައި ވަރަށް ވަރުގަދަ އަސްކަރީ ސާމާނުތައް ތައްޔާރަށް އެބަހުރި،" ހައިދަރީ ވިދާޅުވި އެވެ.

ދެ ފަރާތުގެ މެދުގައި ބަހުގެ ހަމަލާތައް ބަދަލުކުރަމުން މިދާ ދަނޑިވަޅުގައި، އެމެރިކާ އާއި އިނގިރޭސި ވިލާތާއި ޖަރުމަނާއި ފަރަންސޭސި ވިލާތުން އިއްޔެ ވަނީ، އިރާންގެ ނިއުކްލިއާ މަޝްރޫއާ ބެހޭ ގޮތުން އުފެދޭ ސުވާލުތަކަކާ ގުޅޭ ގަރާރެއް، ބައިނަލްއަގުވާމީ އެޓޮމިކް ހަކަތައާ ބެހޭ އޭޖެންސީ (އައިއޭއީއޭ)ގެ ގަވަރުނަރުންގެ ބޯޑަށް ހުށަހަޅައިފަ އެވެ.

އެ ގަރާރުގައި ފާހަގަކޮށްފައިވާ އެއް ކަމަކީ، އީރާންގެ ނިއުކްލިއާ މަޝްރޫއު ކުރިއަށް ގެންދާ ތިން އެކުވެނީގެ ރައްކާތެރިކަމަށް އަޅާފައިވާ ފިޔަވަޅުތަކާ މެދު ޔަގީންކަމެއް ނެތުމެވެ. ސަބަބަކީ އެ ތަންތަނުގައި ހިންގާ ހަރަކާތްތަކާ ގުޅޭ ގޮތުން މައުލޫމާތު ހިއްސާ ކުރުމުގައި، އީރާންގެ ކަމާ ބެހޭ އިދާރާތަކުން އައިއޭއީއޭ އަށް ފުރިހަމަ އަށް އެއްބާރުލުން ނުދޭތީ ކަމަށް، އެ ގަރާރުގައިވެ އެވެ.