Roadha Mihaaru
އޮންލައިންކޮށް ކިޔެވުމާ ހެދި ނަފުސާނީ މައްސަލަތައް

އޮންލައިންކޮށް ކިޔަވަން ޖެހޭތީ ދަރިވަރުންނާއި ބެލެނިވެރިންނަށް ވެސް ނަފުސާނީ މައްސަލަތައް

27 މާޗް 2021

މިދިޔަ އަހަރު ކުރިމަތިވި ކޮވިޑް-19 ގެ ބޮޑު ބަލިމަޑުކަމާ ހެދި ސްކޫލްތައް ބަންދުކޮށް، ދަރިވަރުން އޮންލައިންކޮށް ނުވަތަ ވާޗުއަލްކޮށް ކިޔަވަން ޖެހިފައިވާތީގެ ދަރިވަރުންގެ އިތުރުން ބެލެނިވެރިންނަށް ވެސް ނަފުސާނީ މައްސަލަތައް ކުރިމަތިވަމުންދާ ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިދިޔަ އަހަރު ކުރިމަތިވި ކޮވިޑް-19 ގެ ބޮޑު ބަލިމަޑުކަމާ ހެދި ސްކޫލްތައް ބަންދުކޮށް، ދަރިވަރުން އޮންލައިންކޮށް ނުވަތަ ވާޗުއަލްކޮށް ކިޔަވަން ޖެހިފައިވާތީގެ ދަރިވަރުންގެ އިތުރުން ބެލެނިވެރިންނަށް ވެސް ނަފުސާނީ މައްސަލަތައް ކުރިމަތިވަމުންދާ ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.

އެމެރިކާގެ ސެންޓާޒް ފޮ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން ބުރާސްފަތި ދުވަހު އާންމުކުރި ރިޕޯޓެއްގައި ބުނީ ކުރިއެކޭ އެއްގޮތަށް ސްކޫލްތަކަށް ގޮސް ކިޔަވާނެ ފުރުސަތު ދަރިވަރުންނަށް ނުލިބި ދިދުލައިދާ ނަމަ ނުކުންނާނެ ނަތީޖާ ފެންނަނީ ވަރަށް ގޯސްކޮށް ކަމަށެވެ. އެގޮތުން މިހާރު ވެސް \ދަރިވަރުންގެ ފަރާތުން ނޭދެވޭ ބަދަލުތަކެއް ފެންނަ ކަމަށް ބުނެފައިވެ އެވެ.

މި ދިރާސާ ސީޑީން ހެދީ އޮކްޓޯބަރު 8، 2020 އާއި ނޮވެމްބަރު، 13، 2020 އާ ދެމެދު އުމުރުން 5-12 އަހަރާ ދެމެދުގެ ދަރިވަރުންނާއި ބެލެނިވެރިންގެ 1،290 ބައިވެރިންނާ އެކު އެވެ. އެގޮތުން ދިރާސާގައި ބައިވެރިވި 25 ޕަސަންޓް ބެލެނިވެރިން ބުނެފައިވާ ގޮތުގައި އޮންލައިންކޮށް ކިޔަވަން ޖެހުމުން އެ މީހުންގެ ދަރިންގެ ފަރާތުން ފަހަކަށް އައިސް ފެންނަ ނަފުސާނީ މައްސަލަތައް ވަނީ އިތުރުވާން ފަށައިފަ އެވެ. އަދި އޭގެ ސަބަބުން ކުދިންގެ ހާލަތު ގޯސްވަމުން ދާތީ އެކަމާ ވަރަށް ކަންބޮޑުވާ ކަމަށް ވެސް ބުނެފައިވެ އެވެ.

ދިރާސާ އިން ދައްކާ ގޮތުގައި 16 ޕަސަންޓް ބެލެނިވެރިން ގަބޫލުކުރަނީ ސީދާ ޓީޗަރާ ބައްދަލުކޮށްގެން ކިޔެވުމުން ކުދިންގެ ފަރާތުން ފެންނަ މައްސަލަތައް ކުޑަކަމެވެ. ބެލެނިވެރިންގެ ކަންބޮޑުވުންތަކުގެ ތެރޭގައި އެހެން ކުދިންނާ އެކީގައި ވަގުތު ހޭދަކުރަން ނުލިބުމާއި އެކަނިވެރިކަން އިހުސާސްކުރެވުމާއި ބޭރުތެރޭގައި ކުޅެ ސަކަރާތް ޖަހައި، ހަރަކާތްތެރިކޮށް އުޅެން ފުރުސަތު ނުލިބުމާއި ގުޅުން ބަދަހިކުރާނެ ފުރުސަތު ނުލިބުން ފަދަ ކަންކަން ހިމެނެ އެވެ.

ގިނަ ބެލެނިވެރިން ބުނަނީ ކިޔެވުމަށް ދޭން ޖެހޭ ޝައުގުވެރިކަން ކުޑަވެ، ނަފުސާނީ އެކި މައްސަލަތައް ވެސް ކުރިމަތިވާ ކަމަށެވެ.

އަނެއްކޮޅުން ބެލެނިވެރިންނަށް ކުރިމަތިވާ މައްސަލަތައް ވެސް ދަނީ ބޮޑުވަމުންނެވެ. އެގޮތުން ދަރިން ގޭގައި ތިބެގެން އޮންލައިންކޮށް ކިޔަވަން ޖެހުމުން، ބެލެނިވެރިންގެ އެހެން މަސައްކަތްތަކަށް ހުރަސް އެޅުން ހިމެނެ އެވެ.

އަދާކުރާ ވަޒީފާގެ މަސައްކަތްތަކަށް ދަތިވެ ބުރޫއެރުމާއި ދަރިންނަށް ދިމާވާ ކަންކަމުގައި އެކަށީގެންވާ މިންވަރަށް ވަގުތު ދޭން ދަތިވުން، ބެލެނިވެރިން ނަގަނީ އެ މީހުންނަށް ހުރި މައްސަލަތަކުގެ ގޮތުގަ އެވެ. ހާސްކަމާއި ފިކުރު ބޮޑުވެ، ނިދަން އުނދަގޫވުން ފަދަ މައްސަލަތަކާ ހެދި ބެލެނިވެރިން ވެސް ނަފުސާނީ ގޮތުން ބަލިކަށިކޮށްލާ ކަމަށް، ބެލެނިވެރިން ބުނެ އެވެ.

އެހެންވެ ބެލެނިވެރިން އެދެނީ ވީހާވެސް އަވަހަކަށް ކުރިއެކޭ އެއްގޮތަށް ކުދިންނަށް ސްކޫލަށް ގޮސް ކިޔެވޭނެ މަގުފަހިކޮށްދޭށެވެ. އެހެން ނޫން ނަމަ ކުރިމަތިވާ މައްސަލަތައް ދާނީ އިތުރުވަމުންކަން ދިރާސާ އިން ފާހަގަކުރެވިފައިވެ އެވެ.

ކޮވިޑާ ގުޅިގެން ކުރިން ވެސް ހަދާފައިވާ ބައެއް ދިރާސާތަކުން ދައްކާ ގޮތުގައި މި ފަހުން އެކި އުމުރުފުރާތަކުގެ މީހުންނަށް އެންމެ ބޮޑަށް ދިމާވަނީ މެންޓަލް ހެލްތު ނުވަތަ ނަފުސާނީ މައްސަލަތަކެވެ. ކޮވިޑަކީ އެ ބަލީގެ ޒާތުން ބަލިން ރައްކާތެރިކަން ހޯދަން ވަރަށް ބޮޑަށް އެކަހެރިވުން ނުވަތަ ގިނަ ބަޔަކު އެއްކޮށް އުޅުން ހުއްޓުމަކަށް ގެންނަން ޖެހޭ ފަދަ ބައްޔަކަށް ވާތީ އެކަނިވެރިކަމާއި އެކަހެރިކަމުގެ ސަބަބުން ދިމާވާ ސިއްހީ މައްސަލަތައް ދަނީ އިތުރުވަމުންނެވެ.