Roadha Mihaaru
ޓެކްސްޓް ފޮތްތައް ސްކޫލުތަކަށް ފޮނުވަން ފަށައިފި

ޓެކްސްޓް ފޮތްތައް ސްކޫލުތަކަށް ފޮނުވަން ފަށައިފި

20 އޯގަސްޓް 2021

މި ފަހަރުގެ ދިރާސީ އަހަރު ފެށިއިރު ކުދިންނަށް ހަމަކޮށް ނުދެވުނު ޓެކްސްޓް ފޮތްތައް ސްކޫލުތަކަށް ފޮނުވަން ފަށާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މި ފަހަރުގެ ދިރާސީ އަހަރު ފެށިއިރު ކުދިންނަށް ހަމަކޮށް ނުދެވުނު ޓެކްސްޓް ފޮތްތައް ސްކޫލުތަކަށް ފޮނުވަން ފަށާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.

ފޮތްތައް ފޮނުވަން ފަށާފައިވާ ކަމަށް މިނިސްޓްރީން ބުނި އިރު، ދިރާސީ އާ އަހަރުގެ ކިޔެވުން ފެށި ފަހުން ދެ ހަފުތާވީއިރު ވެސް ސްކޫލުތަކަށް ޓީޗަރުންނާއި ކުދިންގެ ޓެކްސްޓް ފޮތްތައް ވެސް ހަމަނުވާ ކަމުގެ ޝަކުވާ ބެލެނިވެރިން ވަނީ ކޮށްފަ އެވެ.

"މިހާތަނަށް ދަރިވަރުންނަށް ހާޑް ކޮޕީ ލިބިފައި ނުވާ ފޮތްތައް މިހާރު ވަނީ މިނިސްޓްރީ އަށް ލިބިފައި. އަދި މި ފޮތްތައް ސްކޫލްތަކަށް ފޯރުކޮށްދިނުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފައި،" އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.

ދަރިވަރުންނަށް ހަމަނުވެ ހުރި ފޮތްތައް އެޑިއުކޭޝަނުން ދޭން ފެށުން.-- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

ދަރިވަރުންނަށް ހަމަނުވެ ހުރި ފޮތްތައް އެޑިއުކޭޝަނުން ދޭން ފެށުން.-- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

މި މަހުގެ 10 އިން ފެށިގެން ދަރިވަރުން ސްކޫލަށް ދާން ފެށި ފަހުން ވެސް، ފޮތްތަކާއި ޓީޗަރުން ހަމަނުވާތީ ކަންބޮޑުވުން ފާޅުކުރި ބެލެނިވެރިއަކު ބުނެފައި ވަނީ ޓީޗަރުން ހަމަނުވުމުން، ދަރިވަރުންނަށް އަނެއްކާ ވެސް ކިޔެވުމުގައި ވަރަށް ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.

ސޯޝަލް މީޑިއާގައި ވެސް ވަރަށް ގިނަ ބެލެނިވެރިން ވަނީ މިކަމާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ފޮތްތައް ހަމަނުވުމާއި ޓީޗަރުން ހަމަނުޖެހުމުގެ ޝަކުވާ ގިނަވެފައިވާ އިރު، ހދ. ހިރިމަރަދޫ ސްކޫލްގައި ކިޔަވައިދޭ ޓީޗަރުންގެ ފަރާތުން ނަތީޖާ ނުނެރެދެވޭ ކަމަށް ބުނެ، އެ ސްކޫލްގެ ބެލެނިވެރިން ފުރަތަމަ ހަފުތާގައި ދަރިވަރުން ސްކޫލަށް ވެސް ނުފޮނުވަ އެވެ. އެ މައްސަލަ ވަގުތީ ގޮތުން ހައްލުކުރުމަށްޓަކައި އެޑިއުކޭޝަނުން މިހާރު ވަނީ އެ ސްކޫލަށް އާ ޕްރިންސިޕަލެއް ފޮނުވާ ކިޔަވައިދޭން ފަށައިފަ އެވެ.