Roadha Mihaaru
އަރަބިއްޔާ ބެލެނިވެރިން ބުނީ މިގޮތް ވެސް ރަނގަޅުކަމަށް

އަރަބިއްޔާ ވަގުތީ އިމާރާތަށް، ބެލެނިވެރިން ބުނަނީ މި ގޮތް ވެސް ރަނގަޅު ކަމަށް

16 ޖެނުއަރީ 2022

އަރަބިއްޔާ ސްކޫލުގެ ކުދިންނަށް ވަގުތީ ހައްލެއްގެ ގޮތުގައި ސަރުކާރުން ހަމަޖައްސައިދިން އެމްޓީސީސީގެ ސޯމިލް ނުވަތަ ދާދި ފަހަކާ ޖެހެންދެން ވަގުތީ ގޮތުން ފޮރިން މިނިސްޓްރީ ހިންގި އިމާރާތް މާރާމާތުކޮށް، މިއަދު އެތަނުގައި ކިޔަވައިދޭން ފަށައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އަރަބިއްޔާ ސްކޫލުގެ ކުދިންނަށް ވަގުތީ ހައްލެއްގެ ގޮތުގައި ސަރުކާރުން ހަމަޖައްސައިދިން އެމްޓީސީސީގެ ސޯމިލް ނުވަތަ ދާދި ފަހަކާ ޖެހެންދެން ވަގުތީ ގޮތުން ފޮރިން މިނިސްޓްރީ ހިންގި އިމާރާތް މާރާމާތުކޮށް، މިއަދު އެތަނުގައި ކިޔަވައިދޭން ފަށައިފި އެވެ.

މީގެ އަށް އަހަރު ކުރިން ބޭނުންކުރަން ފެށި، ޗާނދަނީ މަގުގައި ހުންނަ އަރަބިއްޔާ ސްކޫލުގެ އިމާރާތުގެ ތަނބުތަކުގައި ރެނދުލައި، ވަރަށް ބޮޑަށް ހަލާކުވުމުން އެޑިއުކޭޝަން މިނިސްޓްރީން ފުރަތަމަ ނިންމީ، މިއަދު ފެށި ސްކޫލުތަކުގެ ދެ ވަނަ ޓާމަށް ވަގުތީ ގޮތުން އެ ކުދިން އިއްޒުއްދީން ސްކޫލަށް ބަދަލުކުރާށެވެ. ނަމަވެސް، ބެލެނިވެރިން އެގޮތް ބޭނުންނުވުން ސޯމިލް އިމާރާތައް ކިޔެވުން ބަދަލުކުރަން ފަހުން ނިންމީ އެވެ.

ވަގުތީ އިމާރާތުގައި ކިޔަވައިދޭން ފެށިއިރު، އަރަބިއްޔާ ސްކޫލުގެ ކުދިންގެ ބެލެނިވެރިންގެ ހިތްހަމަޖެހުމާ ޝަކުވާތަކެއް ވެސް އެބަހުއްޓެވެ.

"މި ވަގުތަށް ވަރަށް ބޮޑު ހައްލެއް މި ލިބުނީ. އެކަމަކު އަޅުގަނޑުމެން ބޭނުންވަނީ ސަރުކާރުން ވީހާ ވެސް އަވަހަކަށް ދާއިމީ އިމާރާތެއްގައި ދަރިވަރުންނަށް ކިޔެވޭނެ އިންތިޒާމު ހަމަޖައްސައިދިނުން،" ކުއްޖަކު ބަލައި މިއަދު ސްކޫލް ދޮށަށް ގޮސް ހުރި ބެލެނިވެރިޔަކު ބުންޏެވެ.

އެމްޓީސީސީގެ ސޯމިލް އިމާރާތުގައި އަރަބިއްޔާ ސްކޫލްގެ ދަރިވަރުންނަށް ވަގުތީގޮތުން ކިޔަވައިދޭން ފެށުން.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

އެމްޓީސީސީގެ ސޯމިލް އިމާރާތުގައި އަރަބިއްޔާ ސްކޫލްގެ ދަރިވަރުންނަށް ވަގުތީގޮތުން ކިޔަވައިދޭން ފެށުން.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

އަރަބިއްޔާގެ ޕީޓީއޭގެ ކުރީގެ ނައިބު ރައީސް ޔޫސުފް އަބްދުﷲ "މިހާރު" އަށް ވިދާޅުވީ ބޮލަށް ވެއްޓޭ ހިސާބުގައި ހުރި ތަނަކުން ދަރިވަރުން މި ވަގުތަށް ވެސް ސަލަމާތްވުމަކީ ބެލެނިވެރިންނަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުން ކަމަށެވެ. އެކަމަކު އޭނާ ވެސް ވިދާޅުވީ، ދާއިމީ އިމާރާތުގެ މަސައްކަތް އަވަސް ނުކުރެވިއްޖެ ނަމަ އަނެއްކާ ވެސް މައްސަލަތަކެއް އުފެދިދާނެ ކަމަށެވެ.

"މިހާރު މި ތަނުގައި 18 ކުލާސްރޫމް މި އިނީ. އެހާ ވެސް ޖާގަ ދަތިވީމާ ބައެއް ގްރޭޑްތަކުގެ ދެތިން ކުލާސް އެއްކޮށްލައިގެން ކިޔަވައިދޭން އެ ފެށީ. އެހެންވެ، ވަރަށް ބޮޑަށް ކޮންޖެސްޓެޑް ވެފައި ކްލާސްރޫމްތައް މިހާރު ހުރީ،" އޭނާ ވިދާޅުވި އެވެ.

"މި ތަނުގެ އެތެރޭގައި އަދިވެސް ޖާގަ އިތުރުކުރެވެން އެބަހުރި. އިތުރު ކްލާސްރޫމްތައް ހެދޭނެ ޖާގަ. އެހެންވެ، އެ ތަންތަނުގައި އިތުރު ކްލާސްރޫމްތައް ހަދައިގެން ކޮންޖެސްޓުވުން ކުޑަކުރެވޭނީ."

އެމްޓީސީސީގެ ސޯމިލް އިމާރާތުގައި އަރަބިއްޔާ ސްކޫލްގެ ދަރިވަރުންނަށް ވަގުތީގޮތުން ކިޔަވައިދޭން ފެށުން.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

އެމްޓީސީސީގެ ސޯމިލް އިމާރާތުގައި އަރަބިއްޔާ ސްކޫލްގެ ދަރިވަރުންނަށް ވަގުތީގޮތުން ކިޔަވައިދޭން ފެށުން.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

ކޮވިޑް މިހާ ބޮޑަށް ފެތުރިފައި އޮތް ދުވަސްވަރެއްގައި އެއް ކުލާސްރޫމެއްގައި އެހާ ގިނަ ކުދިންނަށް ކިޔަވައިދިނުމަކީ އެންމެ ރައްކާތެރި ގޮތް ނޫން ކަމަށް ވެސް 770 ކުދިން ކިޔަވަމުން އަންނަ އަރަބިއްޔާގެ ބައެއް ބެލެނިވެރިން ބުންޏެވެ.

ސޯމިލް އިމާރާތުގައި ހުންނަ ދެ ފްލޯގައި 18 ކްލާސްރޫމް ހަދައި ވަނީ ޕާޓިޝަން ޖަހައިގެންނެވެ. އެ ދެ ފްލޯގައި ވެސް ސެންޓްރަލް އޭސީ ސިސްޓަމެއް ބޭނުންކުރާތީ، ފްލޯއަކުން އެންމެ ކުއްޖަކު ކޮވިޑަށް ޕޮޒިޓިވް ވިޔަސް، އެ ފްލޯއެއްގައި ހިމެނޭ ހުރިހާ ކްލާސްރޫމެއް ބަންދުކުރަން ޖެހޭނެ ކަމަށް އަންގާފައިވާ ކަމަށް ބެލެނިވެރިޔަކު ބުންޏެވެ.

އަރަބިއްޔާ ސްކޫލްގެ ދާއިމީ އިމާރާތް އަޅަން، ކުރީގެ ބާ ޖަމާލުއްދީން ސްކޫލުގެ ބިން ސަރުކާރުން ވަނީ ހަމަޖައްސައިދީފަ އެވެ.

ސްކޫލުގެ އިމާރާތް ހަލާކުވެ، އެ އިމާރާތުގެ ތަނބުތައް ފަޅައިގެން ގޮސް އޭގެ ބައިތައް ވެއްޓި ކުދިންގެ ހައްޓަށް ނުރައްކާވެދާނެތީ 2018 ވަނަ އަހަރުން ފެށިގެން އެ ސްކޫލުން ދިޔައީ އެކަން މިނިސްޓްރީ އަށް އަންގަމުންނެވެ. އެކަމަކު މިނިސްޓްރީގެ އިސްވެރިން އެކަމަށް އަޅާނުލައި ތިއްބަވަނިކޮށް، ހާލަތު ގޯސްވެ، ބެލެނިވެރިން ކުދިން ސްކޫލަށް ފޮނުވަން ދެކޮޅު ހަދައި، މުޒާހަރާ ވެސް ކުރި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ވެސް އަރަބިއްޔާގެ ބެލެނިވެރިން ބައްދަލުކޮށް، ކަންބޮޑުވުންތައް ހުށަހެޅި އެވެ.