Roadha Mihaaru
ބެލެނިވެރިއަކު ދަރިވަރެއްގެ ގައިގައި ޖެހުމުން ފުލުހަށް

ރެހެންދި ސްކޫލުގައި، ބެލެނިވެރިއަކު ދަރިވަރެއްގެ މޫނުމަތީ ޖެހި މައްސަލައެއް ފުލުހަށް

22 ޖެނުއަރީ 2019

ހުޅުމާލޭގައި ހުންނަ ރެހެންދި ސްކޫލުގެ ތެރޭގައި، ބެލެނިވެރިއަކު އެ ސްކޫލުގެ ފިރިހެން ދަރިވަރެއްގެ ގައިގައި މިދިޔަ އާދިއްތަ ދުވަހު ޖެހި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ހުޅުމާލޭގައި ހުންނަ ރެހެންދި ސްކޫލުގެ ތެރޭގައި، ބެލެނިވެރިއަކު އެ ސްކޫލުގެ ފިރިހެން ދަރިވަރެއްގެ ގައިގައި މިދިޔަ އާދިއްތަ ދުވަހު ޖެހި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

އެކަމަކު ރެހެންދި ސްކޫލުން އެ ވާހަކަ ދޮގުކުރެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ސްކޫލެއްގެ ތެރޭގައި ފިރިހެނަކު އެ ސްކޫލުގެ އެހެން ދަރިވަރެއްގެ ކަންފަތް މަތީގައި ޖެހި މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް މައްސަލަ ތަހުގީގުކުރަމުން އަންނާތީ ތަފްސީލެއް ނުދެ އެވެ. އަދި ސްކޫލްގެ ނަމެއް ވެސް ފުލުހުން ހާމައެއްނުކުރެ އެވެ.

އަނިޔާ ލިބުނު ދަރިވަރުގެ އާއިލާ އިން އެ މައްސަލަ މިހާރު ވަނީ ޖެންޑާ މިނިސްޓްރީއަށް ވެސް ހުށަހަޅައިފަ އެވެ.

އަނިޔާ ލިބުނު ދަރިވަރުގެ ބައްޕަ "މިހާރު" އާ ވާހަކަދައްކަމުން ބުނީ މައްސަލަ ހިނގީ ގްރޭޑު ހަތެއްގައި ކިޔަވަމުން އަންނަ ދެ ދަރިވަރަކު ލައިބްރަރީން އެއް ފޮތެއް ބޭނުންވުމުން އުފެދުނު ހިތްހަމަނުޖެހުމެއްގެ ތެރޭގަ އެވެ.

އޭނާ ބުނި ގޮތުގައި ދަރިފުޅުގެ ކަންފަތްމަތީގައި އަނެއް ދަަރިވަރުގެ ބައްޕަ ޖެހީ، ސްކޫލުގެ ފުރަތަމަ ދަންފަޅި ނިންމައި މެންދުރު 12:00 ހާއިރު މަންމަ ބަލާ އަންނަންދެން ސްކޫލުގެ ގޯތިތެރޭގައި ހުއްޓައި ކަމަށެވެ.

"އަޅުގަނޑު ދަރިފުޅާއި ދެން ހުރި ކުއްޖާއާ ދެ މީހުން އަބަދުވެސް އެއްކޮށް އުޅޭނީ، ކުޅެން ގޮސް، ނަމާދަށް ގޮސް ވެސް. ދެން އިއްޔެ ލައިބްރަރީ ގަޑީގައި ފޮތެއްގެ ހިތްހަމަނުޖެހުމެއް މި އުޅުނީ،" ބެލެނިވެރިޔާ ބުންޏެވެ.

"ސްކޫލު ނިންމާފައި ކުދިން ބަލާ ބެލެނިވެރިން ގޮސް އުޅެނިކޮށް، އެ މީހާ އަޅުގަނޑުގެ ދަރިފުޅަށް ގޮވާފައި ބުނީ އައިސްބަލާށޭ. ދެން ކައިރިއަށް ދިޔައިމަ ބުނީ އަދިވެސް އައިސްބަލާށޭ. އެހެން ކިޔާފައި ކަންފަތްމަތީގައި ޖަހާފައި ބުނީ އޭނާއާ ދެން ކައިރިނުވާށޭ."

އޭނާ ބުނި ގޮތުގައި، ދަރިފުޅުގެ މޫނުމަތީގައި ޖެހިއިރު ބައެއް ބެލެނިވެރިންނާއި ޓީޗަރަކު ވެސް އެތަނުގައި ހުރި ކަމަށެވެ. ނަމަވެސް ޖެހި މަންޒަރު އެއިން އެއްވެސް މީހަކަށް ނުފެންނަ ކަމަށް އޭނާ ބުންޏެވެ.

ރެހެންދި ސްކޫލުގެ އޮފިޝަލަކު ވިދާޅުވީ އެފަދަ ކަމެއް ހިނގައިގެން އުޅޭކަން އެނގުނީ ވެސް ސޯޝަލް މީޑިއާއިން ކަމަށެވެ. ނަމަވެސް އެކަން ހިނގި ގޮތް ބެލިއިރު ދަރިވަރުގެ މޫނުމަތީގައި ޖަހާފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ލައިބްރަރީ ގަޑީގައި އެތަނުގައި ހުރި ޓީޗަރު ވަނީ ވާހަކަ ދައްކައި މައްސަލަ ހައްލުކޮށްފައި،" އޮފިޝަލް ވިދާޅުވި އެވެ.

"އެއީ ހަގީގަތުގައި ނުވެސް ހިނގާ ކަމެއް. ޖެހިކަމަށް ބުނާ ބެލެނިވެރިޔާއާ ވާހަކަދެއްކީމަ ބުނީ ނުޖަހަމޭ. ހަމައެކަނި އޭނާ ބުނި ކަމަށް ވަނީ އެގޮތަށް [ލައިބްރަރީގައި އެއް ކުއްޖަކު އަނެއް ކުއްޖަކު ހިތްހަމަނުޖެހޭ] ކަންތައް ނުކުރާށޭ،" އޮފިޝަލް ވިދާޅުވި އެވެ.