Roadha Mihaaru
ނަފްސުގެ ދުޅަހެޔޮކަމަށް "ހިތް އުފާ"

ނަފްސުގެ ދުޅަހެޔޮކަމަށް "ހިތް އުފާ"

25 ޖޫން 2021

ދިރިއުޅުމަށް އުއްމީދު ވެސް ނުކުރާ ވަރުގެ ބޮޑެތި ބަދަލުތަކެވެ. ރާއްޖޭގައި ކޮވިޑު-19 ފެތުރި، މި ވޭތުވެދިޔަ ދޮޅު އަހަރުގެ ތެރޭގައި އެތައް ބައެއްގެ ދިރިއުޅުމަށް ނަފްސާނީގޮތުންނާއި އިޖުތިމާއީ ގޮތުން އެކި އަސަރުތައް ކޮށްފި އެވެ. އެކަމުގެ އެންމެ ކުރީގައި ތިބީ ސްކޫލު ދަރިވަރުންނެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ދިރިއުޅުމަށް އުއްމީދު ވެސް ނުކުރާ ވަރުގެ ބޮޑެތި ބަދަލުތަކެވެ. ރާއްޖޭގައި ކޮވިޑު-19 ފެތުރި، މި ވޭތުވެދިޔަ ދޮޅު އަހަރުގެ ތެރޭގައި އެތައް ބައެއްގެ ދިރިއުޅުމަށް ނަފްސާނީގޮތުންނާއި އިޖުތިމާއީ ގޮތުން އެކި އަސަރުތައް ކޮށްފި އެވެ. އެކަމުގެ އެންމެ ކުރީގައި ތިބީ ސްކޫލު ދަރިވަރުންނެވެ.

"ހިތް-އުފާ" ނަމުގައި ރާއްޖޭގެ ދެ ސްކޫލެއްގެ ދެ ކައުންސެލަރުން ގުޅިގެން ފެށި މަސައްކަތުގެ ބޭނުމަކީ އެ އުނދަގޫ ތަހައްމަލުކުރާ މީހުންނާއި ދަރިވަރުންނަށް އެހީތެރިކަމުގެ އަތެއް ދިއްކޮށްލުމެވެ.

އިންސްޓިޓިއުޓް އޮފް ވެލްނެސް އެޑިއުކޭޝަންގެ ފައުންޑަރު ހައްވާ ލީޝާގެ އެހީތެރިކަމާއެކު މި ކަމުގައި އިސްކޮށް ތިއްބެވީ ތ. ހިރިލަންދޫ ސްކޫލު ކައުންސެލަރު ސުލްތާނާ އާދަމް އާއި އެ އަތޮޅު ކިނބިދޫ ސްކޫލުގެ ކައުންސެލަރު އައިޝަތު ސަމާ އެވެ.

ސުލްތާނާ ވިދާޅުވި ގޮތުގައި ކޮވިޑުން ރައްކާތެރިވުމަށް ރާއްޖޭގެ ސްކޫލުތައް މިދިޔަ އަހަރުގެ މާޗު މަހު އެންމެ ފުރަތަމަ ބަންދުކޮށް، ގާތްގަނޑަކަށް ހަތަރު މަސް ފަހުން ދަރިވަރުން އެނބުރި ސްކޫލަށް ހާޒިރުވެ ކިޔަވައިދޭން ފެށިއިރު އެ ކުދިންގެ ކިބައިން ބޮޑެތި ބަދަލުތަކެއް ފެނުނު ކަމަށެވެ. ސްކްރީނުގައި ގިނަ ވަގުތު ހޭދަކުރުމުން ކިޔަވަން އުނދަގޫވުމާއި ގޭގައި ގިނަ ވަގުތު ތިބުމުން ހާސްކަމާއި ނުތަނަވަސްކަން ކުރިިމަތިވާ ކަމަށް ދަރިވަރުން އޭރު ފާހަގަކުރި ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެންވެ، އިންސްޓިޓިއުޓް އޮފް ވެލްނެސް އެޑިއުކޭޝަނުން މީގެ ތިން އަހަރު ކުރިން ބޭއްވި ވޯކްޝަޕަކުން ދިމާވެ، ރަހުމަތްތެރިކަން އުފެދުނު ސުލްތާނާ އާއި ސަމާ ގުޅިގެން އާއްމުންނަށް އެހީތެރިކަމެއް ދޭނެ އެއްޗެއް ހަދަން ބޭނުންވީ އެވެ.

"ހިތް-އުފާ"ގެ ސޯޝަލް މީޑިއާގެ ޕޭޖުތަކުން ނަފްސާނީ ދުޅަހެޔޮކަން ދެމެހެއްޓުމަށް ބޭނުންވާނެ މުހިއްމު އަދި ބޭނުންތެރި މައުލޫމާތު ދިވެހި ބަހުން ލިބޭނެ އެވެ.

"ނަފްސާނީ ހޭލުންތެރިކަމާއި ދުޅަހެޔޮކަމަށް ކުރެވޭނެ ބައިވަރު ކަންކަން އެބަހުރި. އިންޓަނެޓުގައި ވެސް އެފަދަ މައުލޫމާތުތައް މުޅިންހެން މި ހުންނަނީ އިނގިރޭސި ބަހުން. މެޑިޓޭޝަން ކަންކަމުގައި، އެ ބުނާ އެއްޗެއް ރަނގަޅަށް އެނގިގެން ނޫނީ ފައިދާއެއް ނުކުރާނެ. އެކަމަކު އެހެން ބަހަކުން ހުންނާތީ އެންމެންނަކަށް އޭގެ ފައިދާއެއް ނުކުރޭ،" ސުލްތާނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފޭސްބުކް، ޓްވިޓާ، ޔޫޓިއުބް އާއި ފޭސްބުކުން "ހިތްއުފާ"ގެ ވީޑިއޯ އަދި ޕޯސްޓުތައް ފެންނާނެ ކަމަށެވެ. އެ ވީޑިއޯތަކުގައި މެޑިޓޭޓް ކުރަން އެހީވެދޭނެ ވީޑިއޯ އަދި ހިތްވަރުގެ ބަސްތައް އާއްމުކޮށްފައި ވެ އެވެ.

ސަމާ ވިދާޅުވި ގޮތުގައި ކޮވިޑުގެ ހާލަތާ ގުޅިގެން ގޭ ބަންދުގައި ތިބޭއިރު ނަފްސާނީ ދުޅަހެޔޮކަމަށް ހާއްސަ އިސްކަމެއް ދޭންޖެހެ އެވެ. ނަފްސާނީ ފަރުވާ ހޯދުމަކީ އުނދަގޫ ކަމަކަށް ވާތީ އެ ވީޑިއޯތަކާއި ޕޯސްޓުތަކުން ލުއެއް ލިބޭނެ ކަމަށް އޭނާ ވެސް އުއްމީދުކުރެއްވި އެވެ.

"ކުދިންގެ ކަންކަމުގައި މަސްއޫލުވެ އުޅޭ ބެލެނިވެރިން އެބަތިބި އަމިއްލަ ނަފްސަށް ވަގުތު ނުދެވި ނުވަތަ ހިތްވަރުނުދެވޭ ބެލެނިވެރިން. އެފަދަ މީހުންނަށް ހިތްވަރު ދިނުމަށް ހާއްސަ ޕޯސްޓުތައް ވެސް ހުންނާނެ،" ސަމާ ވިދާޅުވި އެވެ.

"ތެރަޕީއަކަށް އަންނާނީ މެޑިޓޭޝަނަށް އަންނާތީ، ޓްރެއިނިން ހަދާއިރު ވެސް ދެނީ އިނގިރޭސިން ހުންނާނީ. މާނަ އެނގިގެން އޭގެ ބޭނުން ހިފޭނީ. ކުޑަކުދިންނަށް ހާއްސަ ޓެކްނިކްސް ކިޔައިދޭނެ. ދަރިވަރުންނަށް ވެސް."

ސުލްތާނާ އާއި ސަމާގެ އުއްމީދަކީ ހިތްހަމަޖައްސާލުމަށް ބޭނުންވާ ޓެކްނިކްސް ކިޔައިދޭނެ ވީޑިއޯއެއް ހަފުތާއަކު އެއްފަހަރު އަދި އަމިއްލަ ނަސްފަށް ހިތްވަރުދޭނެ ޕޯސްޓަރެއް ކޮންމެ ދުވަހަކު އާއްމުކުރެއްވުމެވެ. އޭގެ އިތުރުން އެންޒައިޓީ މެޑިޓޭޝަނާއި ރުޅި ގަދަ މީހުންނަށް ހާއްސަ މެޑިޓޭޝަން އަދި ކުޑަކުދިންނަށް ހާއްސަކޮށްގެން މެޑިޓޭޝަން ހެދުމުގެ މަސައްކަތް މިހާރު އަންނަނީ ކުރައްވަމުންނެވެ.