Roadha Mihaaru
އެޗްޕީއޭއިން ފުރަތަމަ އެދުނީ ހުރިހާ ގްރޭޑެއް ހުއްޓާލަން

އެޗްޕީއޭއިން ފުރަތަމަ އެދުނީ މާލެ ސަރަހައްދުގެ ހުރިހާ ގްރޭޑެއްގެ ކިޔެވުން މެދުކަނޑާލަން

28 ފެބުރުއަރީ 2021

އިތުރު ދެ ހަފުތާއަށް ގްރޭޑް 8 އިން ފެށިގެން ދަށުގެ ހުރިހާ ގްރޭޑެއްގެ ކިޔެވުން އޮންލައިންކޮށް ކުރިއަށް ގެންދަން އެޑިޔުކޭޝަން މިނިސްޓްރީން އިއްޔެ ހަމަޖެއްސި ނަމަވެސް، އެޗްޕީއޭ އިން ފުރަތަމަ އެދިފައި އޮތީ، ހުރިހާ ގްރޭޑެއްގެ ކިޔެވުން ވެސް މި ދުވަސްވަރު ހުއްޓާލަންކަން "މިހާރު"އަށް އެނގިއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އިތުރު ދެ ހަފުތާއަށް ގްރޭޑް 8 އިން ފެށިގެން ދަށުގެ ހުރިހާ ގްރޭޑެއްގެ ކިޔެވުން އޮންލައިންކޮށް ކުރިއަށް ގެންދަން އެޑިޔުކޭޝަން މިނިސްޓްރީން އިއްޔެ ހަމަޖެއްސި ނަމަވެސް، އެޗްޕީއޭ އިން ފުރަތަމަ އެދިފައި އޮތީ، ހުރިހާ ގްރޭޑެއްގެ ކިޔެވުން ވެސް މި ދުވަސްވަރު ހުއްޓާލަންކަން "މިހާރު"އަށް އެނގިއްޖެ އެވެ.

އެޑިޔުކޭޝަން މިނިސްޓްރީއަށް އެޗްޕީއޭއިން އިއްޔެ ފޮނުވި ސިޓީއެއްގައި ބުނީ މާލެ ސަރަހައްދުގައި ބަލި ފެތުރެމުންދާ މިންވަރާއި ހާލަތަށް ބަލައި، ބަލި ފެތުރުމުގެ ރިސްކް އަވަހަށް ކުޑަކުރުމުގެ ގޮތުން އަޅާ ފިޔަވަޅެއްގެ ގޮތުން "ކުރިއަށް އޮތް ދެ ހަފުތާއަށް ސްކޫލުތަކުގެ ހުރިހާ ފިޒިކަލް ކްލާސްތައް ހުއްޓާލެއްވުން އެދި ދެންނެވިން" ކަމަށެވެ.

ނަމަވެސް އެޑިޔުކޭޝަން މިނިސްޓްރީން ނެރުނު އިއުލާންގައި ބުނެފައި އޮތީ، މިހާރެކޭ އެއްގޮތަށް ކުރިއަށް އޮތް ދެ ހަފުތާގައި "އެލްކޭޖީން ފެށިގެން ގްރޭޑް އަށެއްގެ ކިޔެވުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ އޮންލައިންކޮށް ކަމުގައި" އަންގާ ކަމަށެވެ.

ގްރޭޑް ނުވަޔަކުން ފެށިގެން މަތީގެ ގްރޭޑްތަކުގެ ދަރިވަރުން ސްކޫލަށް ހާޒިރުވާނެ އެވެ. އެޑިޔުކޭޝަނުން އެ ބަދަލު ގެނައީ، އެ މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި، ފަހުން އެޗްޕީއޭއާ އެކު މަޝްވަރާކޮށް، ގްރޭޑް ނުވަޔަކުން ފެށިގެން މަތީ ދަރިވަރުން ސްކޫލަށް ގެންގޮސްގެން ކިޔަވައިދޭން އެއްބަސްވެގެންނެވެ.

އެޗްޕީއޭގެ ސިޓީގައި ބުނެފައިވާ ގޮތުގައި ބަލި ކޮންޓްރޯލްކޮށް ބަލިޖެހޭ މީހުންގެ އަދަދު ދަށްކުރެވޭނީ މީހުން އެއް ތަނުން އަނެއް ތަނަށް ދިއުން ވެސް މަދުކޮށްގެންނެވެ.

މީގެ ދެ ހަފުތާ ކުރިން މާލޭ ސަރަހައްދުގެ އެލްކޭޖީން ފެށިގެން ގްރޭޑް އަށަކާ ހަމައަށް އޮންލައިންކޮށް ކިޔަވައިދޭން ނިންމީ ތިން ވަނަ ރާޅުގައި ކޮވިޑްގެ ކޭސްތަައް މާ މައްޗަށް ދާން ފެށުމުންނެވެ.

މި ގޮތަށް ސްކޫލްތައް ބަންދުކުރަން ތައުލީމީ ބައެއް ތަޖުރިބާކާރުން ވެސް ދެކޮޅެވެ. ބައެއް ސްކޫލްތަކުގެ ވެރިން ވިދާޅުވާ ގޮތުގައި ސްކޫލްތަކުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކަމުން ސްކޫލް ތެރެއިިން ބަލި ފެތުރުމުގެ ފުރުސަތު ވަރަށް ކުޑަ އެވެ. އެހެންކަމުން ކުދިން ގޭގައި އަނެއްކާވެސް ބޭތިއްބުމުގެ ބަދަލުގައި ސްކޫލްތަކަށް ފޮނުވަން، ތައުލީމީ ދާއިރާގެ އެއް ބަޔަކު ބާރުއަޅަ އެވެ.