Roadha Mihaaru

ލުއި ކުދިންނަށްވުރެ އާދަޔާޚިލާފަށް ފަލަ ކުދިން ފުރަތަމަ ފަހަރަށް ގިނަވެއްޖެ

ހުންނަން ޖެހޭ ބަރުދަނަށް ވުރެ ލުއިކޮށް ތިބޭ ކުޑަކުދިންނަށް ވުރެ، ސިއްހީ ގޮތުން ރައްކާތެރި ނޫން މިންވަރަކަށް ފަލަވެފައިވާ [އޮބީސް] ކުދިންގެ އަދަދު ފުރަތަމަ ފަހަރަށް އިތުރުވެފައިވާ ކަމަށް ޔުނިސެފުން ކުރި ދިރާސާއަކުން ދައްކައިފި އެވެ.

މިހާރު ގިނައީ ލުއިކުދިންނަށް ވުރެ މާބޮޑަށް ބަރުކުދިން
މުހައްމަދު ނަސީމް
މުހައްމަދު ނަސީމް

10 ސެޕްޓެމްބަރ 2025

ހުންނަން ޖެހޭ ބަރުދަނަށް ވުރެ ލުއިކޮށް ތިބޭ ކުޑަކުދިންނަށް ވުރެ، ސިއްހީ ގޮތުން ރައްކާތެރި ނޫން މިންވަރަކަށް ފަލަވެފައިވާ [އޮބީސް] ކުދިންގެ އަދަދު ފުރަތަމަ ފަހަރަށް އިތުރުވެފައިވާ ކަމަށް ޔުނިސެފުން ކުރި ދިރާސާއަކުން ދައްކައިފި އެވެ.

ސަތޭކަ ނުވަދިހަ ގައުމަކުން މައުލޫމާތު އެއްކޮށްގެން ކުރި ސާވޭ އަކަށް ފަހު "ފީޑިން ޕްރޮފިޓް، ހައު ފުޑް އެންވަޔަރްމެންޓްސް އާ ފެއިލިން ޗިލްޑްރަން" މި ނަމުގައި އާއްމުކުރި ރިޕޯޓްގައިވާ ގޮތުން ސްކޫލަށް ދާ އުމުރުގެ 188 މިލިޔަން ކުދިން ނުވަތަ އެ އުމުރުގެ ކޮންމެ 10 ކުއްޖަކުން އެއް ކުއްޖަކީ މިހާރު އެކަށީގެންވާ ވަރަށް ވުރެ ބަރު ކުދިންނެވެ. އަދި އެކަށީގެންވާ ވަރަށް ވުރެ ލުއިކުދިންގެ ނިސްބަތް 2000 ވަނަ އަހަރު 13 ޕަސެންޓްގައި ހުރުމަށް ފަހު މިހާރު ވަނީ 9.4 ޕަސެންޓަށް ވެއްޓިފަ އެވެ.

އޮބީސްވުމުގެ ސަބަބުން ފުރާނައަށް ނުރައްކާ ވާފަދަ ބަލިތައް ކުދިންނަށް ޖެހުމުގެ ނުރައްކާ އޮތް ކަމުގެ އިންޒާރުދެމުން ރިޕޯޓްގައި ބުނީ އެކަށީގެންވާ ވަރަށް ވުރެ ބަރުދަން ލުއި ކުދިންނަށް ވުރެ އޮބީސްވުމުގެ މައްސަލަ ބޮޑުނުވެ މިހާރު އޮތީ މުޅިި ދުނިޔެއިން ވެސް އެންމެ ދެ ސަަރަހައްދެެއްގަ އެވެ. އެއީ ސަބްސަހާރަން އެފްރިކާ އާއި ދެކުނު އޭޝިއާ ސަރަހައްދެވެ؛

އަދި ދުޅަހެޔޮ ނޫން މިންވަރަކަށް ކުދިން ފަލަވުމުގެ މައްސަލަ އެންމެ ބޮޑީ ފެސިފިކްގެ ޖަޒީރާ ގައުމުތަކުގައި ކަމަށް ވެސް އެ ރިޕޯޓްގައި ބުންޏެވެ. ހަމަ އެގޮތަށް، މަތީ އާމްދަނީގެ އެތައް ގައުމެއްގައި ވެސް އެ މައްސަލަ އިންތިހާއަށް ބޮޑެވެ.

މިސާލަކަށް ޗިލީގައި އުމުރުން 5 އަހަރާ 19 އަހަރާ ދެމެދުގެ ކުދިންގެ 27 ޕަސެންޓްކީ އޮބީސް ކުދިންނެެވެ. އެމެރިކާގައި އެ އުމުރުގެ 21 ޕަސެންޓް ކުދިން ފަލަ އެވެ. އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގައި ވެސް އެ އުމުރުގެ 21 ޕަސެންޓް ކުދިން ފަލަ އެވެ.

މޭވާ އާއި ތަރުކާރީ އަށް ވުރެ ގިނައިން ދެނީ ތައްޔާރީ ކާނާ

"މަލްނިއުޓްރިޝަން [ކާނާއިން ހަށިގަނޑަށް ލިބެންޖޭ ބައިތައް އެކަށީގެންވާ ވަރަށް ނުލިބުމުގެ] ވާހަކަ އަޅުގަނޑުމެން ދައްކާ އިރު މިހާރު މި ދައްކަނީ ހަމަ އެކަނި އެކަށީގެންވާ ވަރަށް ވުރެ ލުއިކުދިންގެ ވާހަކަ އެކަންޏެއް ނޫން،" ޔުނިސެފްގެ އެގެޒެކެޓިވް ޑިރެކްޓަރު ކެތަރިން ރަސުލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މާބޮޑަށް ޕްރޮސެސްކޮށްފައި ހުންނަ ކާނާއަކީ މޭވާ އާއި ތަރުކާރީގެ ބަދަލުގައި ދޭ އެެއްޗަކަށް މިހާރު ވެއްޖެ އެވެ. އެހެން އެކަން ވުމުން އެކަށީގެންނުވާ ވަަރަށް ކުދިން ފަލަވެ އެވެ.

"އޮބިސިޓީ އަކީ މިހާރު ބޮޑުވަމުން އަންނަ ކަންބޮޑުވުމެއް. އެއީ ކުދިންގެ ސިއްހަތަށާއި ހެދިބޮޑުވުމަށް އަސަރުކުރާނެ ކަމެއް،" ކެތަރިން ވިދާޅުވި އެވެ.

ފަލަބަލި ކަމަށް ކަނޑައަޅާ މިންގަނޑުތައް

ޔުނިސެފްގެ ރިޕޯޓްގައިވާ ގޮތުން އުމުރުން ފަސް އަހަރާ ދެމެދުގެ އުމުފުރާގެ ކުދިންގެ ތެރެއިން 391 ކުދިންނަކީ މިހާރު ބަރުކުދިންނެވެ. އަދި އޭގެ ތެރެއިން ގިނަ ކުދިންނަކީ ފަލަބަލީގައި އުޅޭ ކުދިން ކަމަށް ރެކޯޑްކޮށްފައިވާ ކުދިންނެވެ.

އެކަށީގެންނުވާ ވަރަށް ފަލަ ބަލި ކަމަށް ކަނޑައަޅަނީ އެ ކުއްޖެއްގެ އުމުރާއި ޖިންސަށް ބަލައި ހުންނަން ޖެހޭ އެކަށީގެންވާ ބަރުދަނަށް ވުރެ މާބޮޑުތަނުން ބަރުވެފައިވާ ނަމަށެވެ. އެ ވަރަށް ބަރުވުމުން ކުރިމަތިވާ ސިއްހީ ގިނަ މައްސަލަތަކެއް ހުރެ އެވެ. އޭގެ ތެރޭގައި ހިތުގެ ބަލިތަކާއި ބައެއް ބާވަތުގެ ކެންސަރު އަދި ޓައިޕްޓޫ ޑައިބޭޓީސް ހިމެނެ އެވެ.

ރިޕޯޓްގައި ޔުނިސެފުން އިންޒާރުކޮށްފައިވާ ގޮތުގައި ކުޑަކުދިން ފަލަވާ މައްސަލަ ހައްލުކުރަން މަސައްކަތް ނުކޮށްފިއްޔާ ސިއްހީ ގޮތުންނާއި މާލީ ގޮތުން ވެސް ގައުމުތަކަށް ބޮޑެތި ގެއްލުންތައް ވާނެ އެވެ.

ޕެރޫއަކީ އެގެ މިސާލެއް ކަމަށާއި ފަލަވުމުގެ ސަބަބުން ކުރިމަތިވާ މައްސަލަތަކަށް ފަރުވާކުރަން އެ ގައުމުން މިހާތަނަށް 220 ބިލިޔަން ޑޮލަރު ހަރަދުކޮށްފައިވާ ކަމަށް ވެސް އެ ރިޕޯޓްގައި ބުންޏެވެ.

ޔުނިސެފުން ލަފާކުރާ ގޮތުގައި އެ މައްސަލައަށް ފަރުވާކުރަން މުޅި ދުނިޔޭގައި ކުރާ ހޭދަ 2035 ވަނަ އަހަރު ހަތަރު ޓްރިލިއަން ޑޮލަރަށް އަރާނެ އެވެ.