Roadha Mihaaru
އެންމެ ބޮޑު ކެންވަސް ކުރެހުމަށް 62 މިލިއަން ޑޮލަރު

އެންމެ ބޮޑު ކެންވަސް ކުރެހުމަށް 62 މިލިއަން ޑޮލަރު

26 މާޗް 2021

އެންމެ ބޮޑު ކެންވަސް ޕެއިންޓިންގެ ރެކޯޑް ވެސް ދާދި ފަހުން ލިބުނު "ދަ ޖާނީ އޮފް ހިއުމެނިޓީ" ނީލަމެއްގައި 62 މިލިއަން ޑޮލަރަށް ވިކިއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެންމެ ބޮޑު ކެންވަސް ޕެއިންޓިންގެ ރެކޯޑް ވެސް ދާދި ފަހުން ލިބުނު "ދަ ޖާނީ އޮފް ހިއުމެނިޓީ" ނީލަމެއްގައި 62 މިލިއަން ޑޮލަރަށް ވިކިއްޖެ އެވެ.

ސާޗާ ޖެފްރީގެ 17،000 އަކަފޫޓްގެ ކުރެހުން ވިއްކާލީ ދުބާއީގައި ހޯމަ ދުވަހު ބޭއްވި ޗެރިޓީ އޮކްޝަނެއްގަ އެވެ. އެއަށް ލިބުނު 228 މިލިއަން ދިރުހަމް (62 މިލިއަން ޑޮލަރު) އާ އެކު ކުރެހުން ހިމެނިފައި ވަނީ ދުނިޔޭގެ އެންމެ އަގު ބޮޑު ކުރެހުންތަކުގެ ތެރޭގަ އެވެެ.

ފެންނަ ފެނުމަށް ކުލަ މަޖާގަނޑެއްހެން އޮތް މި ކުރެހުމުގެ ބޮޑުމިން ފަސޭހައިން ސިފަކޮށްދޭ ނަމަ އެއީ ބާސްކެޓް ކުޅޭ ކޯޓްތަކުގެ ހަތަރު ކޯޓް ވަރުގެ ކުރެހުމެކެވެ. "ދަ ޖާނީ އޮފް ހިއުމެނިޓީ" ގެ ނަމުގައި އިނގިރޭސިވިލާތުގެ ރައްވެހިކަން އޮންނަ ސާޗާ، 44، ތައްޔާރުކުރި މި ކެންވަސް ޕެއިންޓިން އަކީ މިދިޔަ އަހަރު ކުރިމަތިވި ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން ހާލުގައި ޖެހުނު ކުދިންތަކަތަކަށް އެހީވާން ފައިސާ ހޯދުމުގެ ގޮތުން ތައްޔާކުރި އެއްޗެކެވެ.

ވިޝުއަލް އާޓަށް ހާއްސަ ސާޗާ ބުނީ އޭނާ ކުރެހުން ކެންވަންސް ޕެއިންޓިން ތައްޔާރުކުރީ ވަކިވަކި 70 ބައި ހިމަނައިގެން އެ ގުޅުވާލައިގެން ކަމަށެވެ. އަދި އެ ތައްޔާރުކުރީ އެންމެ މަދުވެގެން ވެސް 30 މިލިއަން ޑޮލަރު ލިބޭނެކަމުގެ އުންމީދުގައި ކަމަށް ބުންޏެވެ.

އެކަމަކު އޭނާ އުންމީދުކުރި އަގުގެ ދެ ގުނަ ބޮޑު އަގަކަށް ކުރެހުން ގަތީ ދުބާއީގައި ދިރިއުޅޭ ވިޔަފާވެރިއެއް ކަމަށްވާ އެންޑްރީ އަބްދޫން އެވެ.

"ޕެއިންޓިން އަށް ދެ ގުނަ ބޮޑު އަގެއް ލިބުމަކީ ވަރަށް ބޮޑު އުފަލެއް. އަދި ވަރަށް ބޮޑު ކާމިޔާބީއެއް ވެސް މެ،" ސާޗާ ބުންޏެވެ. "އެކަމަކު އެންމެ ބޮޑު އުފަލަކީ އިންސާނިއްތަޔަށް ފެށި އިނިޝިއޭޓިވެއް މިހާ ކާމިޔާބުކޮށް ދިޔައިމަ. މިއީ މިފަދަ މަސައްކަތްތައް ކުރަން ލިބުނު އިތުރު ހިތްވަރެއް ވެސް މެ."

އެ ވިއްކާލައިގެން ލިބުނު ފައިސާ ހަދިޔާކުރަން ނިންމާފައި ވަނީ ޔުނެސްކޯ އާއި ޔުނިސެފާއި ދަ ގްލޯބަލް ގިފްޓް ފައުންޑޭޝަން އަދި ދުބާއީ ކެއާޒްއަށެވެ.

ސާޗާގެ "ދަ ޖާނީ އޮފް ހިއުމެނިޓީ" ތައްޔާރުކުރަން 6،300 ލީޓަރުގެ ކުލަ އާއި 1،065 ފިހި ބޭނުންކޮށްފައިވާ އިރު އެ ފުރިހަމަކުރަން ހަތް މަސް ނެގި އެވެ. އެއީ ދުވަހުގެ ނިސްބަތުން ބަލާ ނަމަ ދުވާލަކަށް 20 ގަޑިއިރުގެ މަސައްކަތެވެ. ކުރެހުން ތައްޔާރުކުރީ ސާޗާ މިދިޔަ އަހަރުގެ ލޮކްޑައުނާ އެކު ކަރަންޓީނުވެގެން ހުރި ދުބާއީގެ އެޓްލާންޓިސް، ދާ ޕާމް ހޮޓެލްގެ ބޯލްރޫމްގަ އެވެ.