Roadha Mihaaru
އެންމެ ފުން ޕޫލް ދުބާއީގައި؛ 196 ފޫޓު

އެންމެ ފުން ޕޫލް ދުބާއީގައި؛ 196 ފޫޓު

10 ޖުލައި 2021

އެންމެ ފުން ޕޫލް އޮތް ގައުމުގެ ރެކޯޑް ދުބާއީން ހޯދައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެންމެ ފުން ޕޫލް އޮތް ގައުމުގެ ރެކޯޑް ދުބާއީން ހޯދައިފި އެވެ.

ކުރިން ޕޮލެންޑަށް އޮތް ރެކޯޑް މުގުރައިލަން އިނގިރޭސިވިލާތުން އެންމެ ބޮޑު އަދި އެންމެ ފުން ޕޫލް ހަދަން މަސައްކަތް ފަށާފައި ވަނިކޮށް ދުބާއީ އަށް ގިނިސް ވޯލްޑް ރެކޯޑް ކަށަވަރުކޮށް ދިނީ މިދިޔަ މަހުގެ 29 ގަ އެވެ. ނާލް އާލް ޝީބާގައި ހުޅުވި "ޑީޕް ޑައިވް ދުބާއީ" ގެ ފުން މިނަކީ 60.02 މީޓަރު (196 ފޫޓް) ވެ. ޕޫލްގައި 14 މިލިއަން ލީޓަރުގެ ފެން ބޭނުންކުރެ އެވެ.

ޕޮލެންޑްގައި މިދިޔަ އަހަރުގެ ޑިސެމްބަރު ހުޅުވި ޕޫލް "ޑީޕް ސްޕޮޓް" ގެ ފުން މިނަކީ 45 މީޓަރު (148 ފޫޓް) އެވެ. އިނގިރޭސިވިލާތުން ކުރިއަށް ގެންދާ ޕްރޮޖެކްޓްގައި 2023 ގައި ނިންމަން އަމާޒު ހިފާފައިވާ ފޫލްގެ ފުން މިނަކީ 50 މީޓަރު (164 ފޫޓް) އެވެ. އެހެންވެ މި ސައިޒާ އެކު ވެސް އިނގިރޭސިވިލާތުގެ ޕޫލް ދުބާއީގެ ޕޫލަށް ވުރެ ފުނެއް ނުވާނެ އެވެ.

އެހެންވެ އެ ގައުމުން ހަދާ ޕޫލްގެ ފުންމިނަަށް ބަދަލެއް ނުގެންނަ ނަމަ އެންމެ ފުން ޕޫލްގެ ރެކޯޑް ދުބާއީ ގިނަ ދުވަސްތަކަކަށް ދަމަހައްޓާނެ ކަމަށް ގަބޫލުކުރެ އެވެ.

"ޑީޕް ޑައިވް ދުބާއީ" ހުޅުވައި ބޭނުން ކުރަން ފެށި ނަމަވެސް މި ވަގުތު އެތަން ބޭނުން ކުރެވެނީ ދައުވަތު ދީގެން ދާ މީހުންނަށެވެ. މި ޕޫލްގެ ވާހަކަ ދުބާއީގެ ވަލީއަހުދު ޝައިހް ހަމްދާންގެ އިންސްޓަގްރާމްގައި ވެސް ހިއްސާކުރައްވާފައިވެ އެވެ.

"ޑީޕް ޑައިވް ދުބާއީ" އަކީ ޕްރޮފެޝަނަލް ފެތުންތެރިންގެ އިތުރަށް ފެތުމަށް ލޯބިކުރާ މީހުންނަށް ބޭނުން ކުރުމުގެ ފުރުސަތު އޮންނާ ތަނެކެވެ. އެގޮތުން ސްކޫބާ އާއި ފްރީޑައިވިން ޕޫލް ހުޅުވައިލަން ނިންމާފައި ވަނީ މި މަހުގެ ފަހުކޮޅު އެވެ. ޕޫލް ބޭނުންކުރާށާއި އެތަނުގައި ޓްރޭނިންތައް ހަދަން އަގަކަށް ނަގަން ނިންމާފައި ވަނީ 800 ދިރުހަމް (218 ޑޮލަރު) އެވެ. އެ ފުރުސަތު އޮންނާނީ އުމުރުން 10 އަހަރުން މަތީގެ މީހުންނަށެވެ.

"ޑީޕް ޑައިވް ދުބާއީ" ގެ ޑިރެކްޓަރު ޖެރޯޑް ޖަބްލޯންޒްކީ ވިދާޅުވި ގޮތުގައި މި އަހަރުގެ ފަހުކޮޅު ޕޫލަށް ހާއްސަ ބައިތަކެއް އިތުރުކުރާނެ އެވެ. އޭގެ ތެރޭގައި ރެސްޓޯރަންޓަކާއި ހައިޕަބޭރިކް ޗެމްބަރެއް ހިމެނެ އެވެ. މިހާރު ވެސް ޕޫލް އޮތީ ވަރަށް ތަފާތު އެކިއެކި ފީޗާތަކާ އެކީގަ އެވެ. އޭގެ ތެރޭގައި ބިލިއާޑް ފަދަ ކުޅިވަރުތައް ވެސް ކުޅެވޭނެ އެވެ.

"މިއީ ހަމަ ޔަގީނުން ވެސް ޕޫލަކަށް އެރިގެން މުޅިން ތަފާތު ތަޖުރިބާއެއްކޮށްލެވޭނެ ފެސިލިޓީއެއް. އަހަރެމެން ޕޫލް ޑިޒައިން ކުރީ ވެސް އެކަމަކަށް ވަރަށް ބޮޑަށް ބަލައިގެން." އޭނާ ވިދާޅުވި އެވެ.