Roadha Mihaaru
ދުނިޔޭގެ އެންމެ ބޮޑު އެއާޕޯޓް ދުބާއީގައި އަޅަނީ

ދުނިޔޭގެ އެންމެ ބޮޑު އެއާޕޯޓް ދުބާއީގައި، އަހަރަކު 260 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ

29 އެޕްރީލް 2024

ދުނިޔޭގެ އެންމެ ބޮޑު އެއާޕޯޓްގެ ގޮތުގައި ޔޫއޭއީގެ ދުބާއީގައި އަޅާ 35 ބިލިއަން ޑޮލަރުގެ އެއާޕޯޓް އިއުލާންކޮށްފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ދުނިޔޭގެ އެންމެ ބޮޑު އެއާޕޯޓްގެ ގޮތުގައި ޔޫއޭއީގެ ދުބާއީގައި އަޅާ 35 ބިލިއަން ޑޮލަރުގެ އެއާޕޯޓް އިއުލާންކޮށްފި އެވެ.

އެ އެއާޕޯޓް ޓާމިނަލްގެ މަސައްކަތް ނިމުމުން އެތަން ވާނީ ދުނިޔޭގެ އެންމެ ބޮޑު ކެޕޭސިޓީ އޮތް ޓާމިނަލަށް ކަމަށް ދުބާއީގެ ބޮޑުވަޒީރު އަދި ނައިބު ރައީސް ޝެއިހު މުހައްމަދު ބިން ރަޝީދު އަލް މަކްތޫމް ވިދާޅުވި އެވެ.

މުހައްމަދު ވިދާޅުވީ، އާ ޓާމިނަލަކީ މިހާރު އޮތް ދުބާއީ އިންޓަނޭޝަނަލް އެއާޕޯޓަށް ވުރެ ފަސް ގުނަ ބޮޑު ޓާމިނަލަކަށް ވާނެ ކަމަށާއި އަހަރަކު 260 މިލިއަން ފަސިންޖަރުން މެނޭޖު ކުރެވޭނެ ކަމަށެވެ.

މިއީ މިހާރު އޮތް، މަކްތޫމް އިންޓަނޭޝަނަލް އެއާޕޯޓު ބޮޑު ކުރުމުގެ މަޝްރޫއެކެވެ. އެ އެއާޕޯޓު ބޮޑު ކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިމުމުން މިހާރު ދުބާއީ އިންޓަނޭޝަނަލް އެއާޕޯޓުގެ ހުރިހާ އޮޕަރޭޝަނެއް އެތަނަށް ބަދަލުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ކުރިއަށް އޮތް 10 އަހަރުގެ ތެރޭގައި ދުބާއީ އިންޓަނޭޝަނަލް އެއާޕޯޓުގެ އޮޕަރޭޝަން އާ އެއާޕޯޓަށް އެއްކޮށް ބަދަލުކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ގާތްގަނޑަކަށް 70 އަކަ ކިލޯމީޓަރުގެ ސަރަހައްދެއްގައި ހަދާ އެ އެއާޕޯޓާ އެކު އެއް މިލިއަން މީހުން އެ ސަރަހައްދުގައި އާބާދު ވާނެ އެވެ.

"އެއާޕޯޓުގެ ވަށައިގެން ދުބާއީ ދެކުނު ސަރަހައްދުގައި ސިޓީއެއް ތަރައްގީކުރާ އިރު މިލިއަނެއްހާ މީހުންނަށް ބޯހިޔާވަހިކަމުގެ ޑިމާންޑް އަންނާނެ. އަދި ލޮޖިސްޓިކްސް އާއި ވައިގެ ދަތުރުފަތުރުގެ ދާއިރާއިން ދުނިޔޭގެ ބޮޑެތި ކުންފުނިތައް އެ ސަރަހައްދަށް އަންނާނެ،" އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝެއިހް މުހައްމަދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އަންނަން އޮތް ޖީލުތަކަށް އާ ޕްރޮޖެކްޓެއް ކުރިއަށް ގެންދަނީ، އެ ގައުމުގެ އާ ޖީލަށް ހަމަޖެހޭ ދިރިއުޅުމެއް ހޯދައިދިނުމަށް ކަމަށާއި ކުރިއަށް އޮތްތަނުގައި ދުބާއީ ވާނީ އާ ގްލޯބަލް ސެންޓަރަކަށް ކަމަށެވެ.

އަލް މަހްތޫމް އިންޓަނޭޝަނަލް އެއާޕޯޓު: އެ އެއާޕޯޓު ނިމުމުން 260 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ  -- ފޮޓޯ: އެކްސް

އަލް މަހްތޫމް އިންޓަނޭޝަނަލް އެއާޕޯޓު: އެ އެއާޕޯޓު ނިމުމުން 260 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ -- ފޮޓޯ: އެކްސް

އަލް މަކްތޫމް އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތް ނިމުމުން، އެމިރޭޓްސްގެ އާ މައި އެއާޕޯޓުގެ ގޮތުގައި ބޭނުން ކުރާނީ ވެސް އެ އެއާޕޯޓެވެ. އެ އެއާޕޯޓުގައި ފަސް ޕެރެލަލް ރަންވޭ އާއި 400 އެއާކްރާފްޓް ގޭޓް ހުންނާނެ ކަމަށެވެ.

ދުބާއީ އެއާޕޯޓްސްގެ ސީއީއޯ ޕޯލް ގްރިފިތްސް ވިދާޅުވީ އާ އެއާޕޯޓާ އެކު ދުބާއީއަކީ ދުނިޔޭގެ ލީޑިން އޭވިއޭޝަން ހަބެއްގެ ގޮތުގައި އޮތް އޮތުން ހިފެހެއްޓޭނެ ކަމަށެވެ.

އޭނާ ވިދާޅުވީ ދުބާއީގެ ކުރިއެރުން ގުޅިފައިވަނީ އެ ގައުމުގެ އޭވިއޭޝަން އިންފްރާސްޓްރަކްޗާގެ ކުރިއެރުމާ ކަމަށެވެ.

ވޭތުވެދިޔަ 10 އަހަރުގައި އެންމެ ބިޒީ އެއާޕޯޓުގެ ގޮތުގައި އޮތީ ދުބާއީ އިންޓަނޭޝަނަލް އެއާޕޯޓެވެ.

މިދިޔަ އަހަރު ގާތްގަނޑަކަށް 87 މިލިއަން ފަސިންޖަރުން އެ އެއާޕޯޓު ބޭނުންކުރި އިރު، މިއީ ކޮވިޑުގެ ކުރިން އެއާޕޯޓުން ހިދުމަތް ހޯދި އަދަދަށް ވުރެ އިތުރު އަދަދެކެވެ.

ދުބާއީ އަށް މިދިޔަ އަހަރު 17 މިލިއަން މީހުން ދަތުރުކޮށްފައި ވެ އެވެ. އެއީ އޭގެ ކުރީ އަހަރަށް ވުރެ 20 ޕަސެންޓު އިތުރު އަދަދެކެވެ.