Roadha Mihaaru
"ރިވެލި" ޕްރޮގްރާމް ރައީސް ފައްޓަވައިދެއްވައިފި

ބޭރު ގައުމުތަކުގައި އުޅޭ ދަރިވަރުންގެ "ރިވެލި" ޕްރޮގްރާމް ރައީސް ފައްޓަވައިދެއްވައިފި

14 ފެބުރުއަރީ 2024

ރާއްޖެ އިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް އިސްލާމް އާއި ދިވެހި މާއްދާ ދިވެހި ބަހުން އޮންލައިންކޮށް ކިޔަވައިދިނުމަށް ހިންގާ "ރިވެލި" ޕްރޮގްރާމް ރައީސް ޑރ. މުހަންމަދު މުއިއްޒު މިރޭ ދުބާއީގައި ފައްޓަވައިދެއްވައިފި އެވެ.

ރާއްޖެ އިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް އިސްލާމް އާއި ދިވެހި މާއްދާ ދިވެހި ބަހުން އޮންލައިންކޮށް ކިޔަވައިދިނުމަށް ހިންގާ "ރިވެލި" ޕްރޮގްރާމް ރައީސް ޑރ. މުހަންމަދު މުއިއްޒު މިރޭ ދުބާއީގައި ފައްޓަވައިދެއްވައިފި އެވެ.

ޔޫއޭއީގައި ދިރިއުޅޭ ދިވެހިންނާ ބައްދަލު ކުރެއްވުމަށް ތާޖް ހޮޓަލުގައި ބޭއްވި ހަފުލާގައި ފައްޓަވައިދެއްވި މި ޕްރޮގްރާމަކީ، ރައީސް މީގެ ދެ މަސް ކުރިން ދުބާއީ އަށް ވަޑައިގެންނެވުމުން އެމަނިކުފާނަށް ދިވެހިން ހުށަހެޅި ހުށަހެޅުމެކެވެ.

މި ޕްރޮގްރާމާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ ދުބާއީގައި މިކަން ފެށިޔަސް، އުންމީދަކީ ދިވެހިން އުޅޭ ވަރަށް ގިނަ އެހެން ސަރަހައްދުތަކުގައި ވެސް ވީހާ އަވަހަކަށް މި ޕްރޮގްރާމް ފެށުން ކަމަށެވެ.

"މިއީ އަޅުގަނޑުމެން އަލަށް ފެށި ކަމެއް މި ހިދުމަތް އޮންލައިންކޮށް ދިނުމަކީ. އެހެންވީމަ ފަށައިގަންނައިރު އިމްޕްރޫވް ކުރަން ޖެހޭ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ރާވާފައި އޮތީ ސާވޭ ކުރެވޭ ގޮތެއް ރާވައި ފީޑްބެކް ލިބޭ ގޮތަކަށް ބަލައި އެޑިއުކޭޝަނާއި އިސްލާމިކް މިނިސްޓްރީ އާ ވެސް މަޝްވަރާ ކޮށްގެން ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރަން،" ޒަމީރު ވިދާޅުވި އެވެ.

"ރައީސްގެ އެންގެވުމަށް އަޅުގަނޑުމެން މިހާރު ދަނީ އެހެން ދިމާތަކުގައި ދިރިއުޅޭ ފަރާތްތަކަށް ވެސް ހިދުމަތް ދިނުމަށް ތައްޔާރުވަމުން. ކައިރި މުސްތަގުބަލެއްގައި މެލޭޝިޔާ، ސިންގަޕޫރު އަދި އޮސްޓްރޭލިޔާގައި ދިރިއުޅޭ ފަރާތްތަކަށް ވެސް މި ހިދުމަތް ދިނުމަށް މި އަންނަނީ ތައްޔާރުވަމުން."

އޭނާ ވިދާޅުވީ ކުރިއަށް ރޭވިފައި އޮތް ކަންތައްތަކަށް ބަލާއިރު ރާއްޖެ އިން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް މިއިން ޒަމާނަކު ސަރުކާރުން ހިދުމަތް ނުދޭ ވަރަށް ހިދުމަތް ދޭނެ ކަމަށެވެ.

"ރިވެލި" ޕްރޮގްރާމަކީ ރާއްޖެ އިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ދިވެހި އަދި އިސްލާމް މާއްދާ ދިވެހި ބަހުން ކިޔަވައިދޭ ކްލާސްތަކެއް އޮންނަ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ހިންގާނީ އެޑިއުކޭޝަން މިނިސްޓްރީންނެވެ.