Roadha Mihaaru
އެންމެ މަގުބޫލު ސިޓީ އަކީ ބެންކޮކް

އަދިވެސް އެންމެ މަގުބޫލު ސިޓީ އަކީ ބެންކޮކް

09 ސެޕްޓެމްބަރ 2019

ދުނިޔޭގެ އެންމެ މަގުބޫލު ސިޓީގެ މަގާމުން ޖެހިޖެހިގެން ހަތަރު ވަނަ ފަހަރަށް ތައިލެންޑްގެ ބެންކޮކަށް ލިބިއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ދުނިޔޭގެ އެންމެ މަގުބޫލު ސިޓީގެ މަގާމުން ޖެހިޖެހިގެން ހަތަރު ވަނަ ފަހަރަށް ތައިލެންޑްގެ ބެންކޮކަށް ލިބިއްޖެ އެވެ.

މާސްޓަކާޑްގެ މި އަހަރުގެ ގްލޯބަލް ޑެސްޓިނޭޝަން ސިޓީޒް އިންޑެކްސްގައި ބުނާ ގޮތުން އަހަރުން އަހަރަށް، ތައިލެންޑުގެ ވެރިރަށް ބެންކޮކަށް ޒިޔާރަތްކުރާ މީހުންގެ ނިސްބަތް އަންނަނީ އިތުރުވަމުންނެވެ. އަދި 2009 އިން ފެށިގެން ދުނިޔޭގެ އެކި ކަންކޮޅުތަކަށް ޒިޔާރަތްކުރާ މީހުންގެ ނިސްބަތް ވަނީ 76 ޕަސެންޓަށް އިތުރުވެފަ އެވެ.

ގިނަ ބައެއްގެ މެދުގައި ބޮޑު މަގުބޫލުކަމެއް ލިބިފައިވާ ބެންކޮކުގެ އާބާދީ 9 މިލިއަނަށް ވުރެ ގިނަ އެވެ. އެ ސިޓީ އަށް އެންމެ ގިނައިން މީހުން ޒިޔާރަތްކުރާ ފަސް ގައުމުގެ ތެރޭގައި ހިމެނެނީ ޗައިނާ، ޖަޕާން، ދެކުނު ކޮރެއާ، އިންޑިއާ އަދި އިނގިރޭސިވިލާތެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު ބެންކޮކަށް ޒިޔާރަތްކުރި މީހުންގެ އަދަދު 22.78 މިލިއަނަށް އަރަ އެވެ. އަދި މި އަހަރު އެ ނިސްބަތަށް 3.34 ޕަސެންޓްގެ ކުރިއެރުމެއް ވެސް އަންނާނެ އެވެ. ބެންކޮކަށް ޒިޔާރަތްކުރާ މީހުން އެންމެ ޝައުގުވެރިވާ ތަންތަނުގެ ތެރޭގައި އެ ސިޓީގެ ސަޑުއާކް ފްލޯޓިން މާކެޓާއި ގްރޭންޑް ޕެލަސްގެ އިތުރުން ވަޓް އަރުން ހިމެނެ އެވެ.

މިދިޔަ އަހަރު އެންމެ ގިނަ މީހުން ޒިޔާރަތްކުރި ނިސްބަތަށް ބަލައި ބެންކޮކްގެ ފަހަތުން ދުނިޔޭގެ އެންމެ މަޝްހޫރު 10 ސިޓީގެ ލިސްޓްގައި ދެން ހިމެނޭ ސިޓީތަކަށް ބަލާއިރު އެންމެ ކުރީގައި އުޅެނީ 19.10 މިލިއަން މީހުން ޒިޔާރަތްކުރި ފްރާންސްގެ ޕެރިހާއި 19.09 މިލިއަން މީހުން ޒިޔާރަތް ކުރި އިނގިރޭސިވިލާތުގެ ލަންޑަނާއި 15.93 މީހުން ޒިޔާރަތްކުރި ޔޫއޭއީގެ ދުބާއީ އާއި 14.67 މިލިއަން މީހުން ޒިޔާރަތްކުރި ސިންގަޕޫރާއި 13.79 މިލިއަން މީހުން ޒިޔާރަތްކުރި މެލޭޝިއާގެ ކުއަލަ ލަމްޕޫރެވެ.

ލިސްޓްގައި ދެން ހިމެނޭ ސިިޓީތަކަކީ 13.60 މީހުން ޒިޔާރަތްކުރި އެމެރިކާގެ ނިއު ޔޯކާއި 13.40 މިލިއަން މީހުން ޒިޔާރަތްކުރި ތުރުކީގެ އިސްތަންބޫލާއި 12.93 މިލިއަން މީހުން ޒިޔާރަތްކުރި ޖަޕާނުގެ ޓޯކިއޯގެ އިތުރުން 12.41 މިލިއަން މީހުން ޒިޔާރަތްކުރި ތުރުކީގެ އަންޓަލިއާ އެވެ.