Roadha Mihaaru
ޔޫކްރޭންގެ 4.8 މިލިއަން ކުޑަކުދިން ވިއްސިވިހާލިވެއްޖެ

ޔޫކްރޭންގެ 4.8 މިލިއަން ކުޑަކުދިން ވިއްސިވިހާލިވެއްޖެ

12 އެޕްރީލް 2022

ރަޝިޔާ ސިފައިން ޔޫކްރޭނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައިގެ ސަބަބުން، ޔޫކްރޭންގެ ޖުމްލަ އާބާދީގައި ހިމެނޭ ކުޑަކުދިންގެ ތެރެއިން ގާތްގަނޑަކަށް ތިން ބައިކުޅަ ދެބައި (ގާތްގަނޑަކަށް 4.8 މިލިއަން) ކުޑަކުދިން ގެދޮރު ގެއްލި ވިއްސިވިހާލިވެފައިވާ ކަމަށް، އދ. އިން ބުނެފި އެވެ.

ރަޝިޔާ ސިފައިން ޔޫކްރޭނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައިގެ ސަބަބުން، ޔޫކްރޭންގެ ޖުމްލަ އާބާދީގައި ހިމެނޭ ކުޑަކުދިންގެ ތެރެއިން ގާތްގަނޑަކަށް ތިން ބައިކުޅަ ދެބައި (ގާތްގަނޑަކަށް 4.8 މިލިއަން) ކުޑަކުދިން ގެދޮރު ގެއްލި ވިއްސިވިހާލިވެފައިވާ ކަމަށް، އދ. އިން ބުނެފި އެވެ.

ރަޝިޔާގެ އުދުވާނީ ހަމަލާތަކަށް ދޮޅު މަސް ވެގެން ދިޔައިރު، 4.8 މިލިއަނަށް ވުރެ ގިނަ ކުޑަކުދިން ގެދޮރު ދޫކޮށް އެހެން ތަންތަނަށް ދިއުމަށް މަޖުބޫރުވެފައިވާ ކަމަށް އދ.ގެ ކުޑަކުދިންނާ ބެހޭ އިދާރާ ޔުނިސެފުން ބުނެ އެވެ. އެ އިދާރާ އިން ބުނި ގޮތުގައި ހަނގުރާމައިގެ ސަބަބުން ޔޫކްރޭނުން މަރުވި ކުޑަކުދިންގެ އަދަދު މިހާރު ވަނީ 142 އަށް އަރައިފަ އެވެ. ނަމަވެސް އެ އަދަދު އެއަށް ވުރެ މާ ބޮޑަށް އިތުރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް އެ އިދާރާ އިން ބުނެ އެވެ.

ޔުނިސެފްގެ އިމްޖެންސީ ޕްރޮގްރާމްތަކާ ބެހޭ ޑިރެކްޓަރު އިމަނުއެލް ފޮންޓެއިން ވިދާޅުވި ގޮތުގައި މިހާ ކުރު މުއްދަތެއްގެ ތެރޭގައި މިހާ ގިނަ އަދަދެއްގެ ކުޑަކުދިން ގެދޮރު ގެއްލި ވިއްސިވިހާލިކަން އެނގޭކަށް ނެތެވެ. އަދި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި އޭނާ ހޭދަކުރި 31 އަހަރުގެ ތެރޭގައި، އެހާ ކުރު މުއްދަތެއްގެ ތެރޭގައި އެހާ ގިނަ ކުޑަކުދިން ވިއްސިވިހާލިވިކަން ތަޖުރިބާނުކުރެވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޔޫކްރޭންގެ ޖުމްލަ އާބާދީގައި 7.5 މިލިއަން ކުޑަކުދިން ހިމެނޭ އިރު، ގެދޮރު ގެއްލި ހާލުގައި ޖެހިފައިވާ ނުވަތަ އެކި ސަރަހައްދުތަކަށް ވިއްސިވިހާލިވެފައިވާ ކުދިންގެ އަދަދަކީ، ޔުނިސެފުން އަންދާޒާ ކުރާ ގޮތުގައި، 4.8 މިލިއަނެވެ. ގެދޮރު ދޫކޮށް ނުނުކުންނަ 3.2 މިލިއަން ކުދިން ތިބި އިރު އޭގެ ތެރެއިން ދެ ބައިކުޅަ އެއްބައި ކުދިން މިހާރު ތިބޭނީ އެކަށީގެންވާ ކާނާ ނުލިބި ކަމަށް ވެސް އެ އިދާރާ އިން ލަފާކުރެ އެވެ.

އދ.ގެ ސަލާމަތީ މަޖިލީހުގައި ވާހަކަ ދައްކަވަމުން އިމަނުއެލް ފޮންޓެއިން ވިދާޅުވި ގޮތުގައި ޔޫކްރޭންގައި ކުޑަކުދިން އެންމެ ބޮޑަށް ނުރައްކަލަށް ހުށަހެޅިފައިވަނީ މަރިއުޕޯލް އާއި ޚެރްސޯން ފަދަ، ރަޝިޔާ ސިފައިންގެ ހަމަލާތައް އެންމެ ގިނައިން އަމާޒުވާ ސަހަރުތަކުގަ އެވެ. އެ ސަހަރުތަކުގައި ފެނާއި ކަރަންޓުގެ ހިދުމަތް ވެސް ނުލިބޭ އިރު، ނަރުދަމާ ނިޒާމު ވެސް ވަނީ ހަލާކުވެފަ އެވެ. އޭގެ އިތުރުން ކާބޯތަކެތި އެތެރެ ކުރުމާއި ބޭސްފަރުވާގެ ހިދުމަތްތަކަށް ވެސް ވަނީ ބުރޫއަރައިފަ އެވެ.

އދ.ގައި ހުންނަވާ ޔޫކްރޭންގެ ސަފީރު ސަރްގީ ކީސްލިޓްސިޔާ ވިދާޅުވި ގޮތުގައި ރަޝިޔާ ސިފައިން ވަނީ، ޔޫކްރޭންގެ 121،000 އަށް ވުރެ ގިނަ ކުޑަކުދިން، ގަދަކަމުން ނަގައިގެން ރަޝިޔާ އަށް ގެންގޮސްފަ އެވެ. އަދި އެ ކުދިންގެ ގާނޫނީ ބެލެނިވެރިކަން ފުރިހަމަކުރުމުގެ ކަންތައް އަވަސްކުރުމަށް، ރަޝިޔާ ސަރުކާރުން މިހާރު އަންނަނީ ގާނޫނެއްގެ ދެލިކޮޕީ އެކުލަވައިލަމުންނެވެ.