Roadha Mihaaru
ޔޫކްރޭން ސިފައިން ބަޚްމުތުގައި ކުރި އަރަނީ

ޔޫކްރޭން ސިފައިން ބަޚްމުތުގައި ކުރި އަރަނީ

06 ޖޫން 2023

އަހަރެއްހާ ދުވަހުގެ ހަނގުރާމައަށް ފަހު މިދިޔަ މަހުގެ ތެރޭގައި ރަޝިޔާ ސިފައިން ހިފި، ޔޫކްރޭންގެ ބަޚްމުތު އަލުން ހިފުމަށް ޔޫކްރޭންގެ ސިފައިން މިދިޔަ ހަފުތާގައި ދޭން ފެށި ވަރުގަދަ ހަމަލާތަކާ އެކު ކުރި އަރަމުންދާ ކަމަށް ޔޫކްރޭންގެ އަސްކަރިއްޔާ އިން މިއަދު ބުނެފި އެވެ.

އަހަރެއްހާ ދުވަހުގެ ހަނގުރާމައަށް ފަހު މިދިޔަ މަހުގެ ތެރޭގައި ރަޝިޔާ ސިފައިން ހިފި، ޔޫކްރޭންގެ ބަޚްމުތު އަލުން ހިފުމަށް ޔޫކްރޭންގެ ސިފައިން މިދިޔަ ހަފުތާގައި ދޭން ފެށި ވަރުގަދަ ހަމަލާތަކާ އެކު ކުރި އަރަމުންދާ ކަމަށް ޔޫކްރޭންގެ އަސްކަރިއްޔާ އިން މިއަދު ބުނެފި އެވެ.

ޔޫކްރޭން ސަރުކާރުން ބުނި ގޮތުގައި ބަޚްމުތުގެ ވަށައިގެންވާ ހުރިހާ ސަރަހައްދަކުން ވެސް ޔޫކްރޭން ސިފައިންގެ ޔުނިޓްތަކުން ދަނީ، ބަޚްމުތުގެ އެތެރެ އަށް ވަންނަން މަސައްކަތް ކުރަމުންނެވެ. އެ މަސައްކަތުގައި ކުރިއެރުންތަކެއް ހާސިލުކޮށް، ބަޚްމުތުގެ ރަށްބޭރުން އުތުރާއި ދެކުނުގައިވާ ބައެއް އަވަށްތައް މިހާރު ވަނީ ޔޫކްރޭން ސިފައިންގެ ބާރުގެ ދަށަށް ގެންދެވިފައި ކަމަށް ވެސް ސަރުކާރުން ބުނެ އެވެ.

ރަޝިޔާ ސިފައިންގެ ބާރުގެ ދަށަށް ބަޚްމުތު ގެންދިއުމުގައި ވާގިވެރިވި ކުލީ ސިފައިންގެ ގުރޫޕް، ވަގްނާ އިން ވެސް އިއްޔެ ބުނީ ބަޚްމުތުގެ އުތުރުގައިވާ ބައެއް އަވަށްތައް ޔޫކްރޭން ސިފައިން އަލުން ހިފާފައިވާ ކަމަށެވެ. އަދި ބަޚްމުތު ހިފުމަށް ފަށާފައިވާ ހަނގުރާމައިގައި ޔޫކްރޭން ސިފައިން ކުރިއެރުންތަކެއް ހޯދަމުން އަންނަ ކަމަށް ވެސް ވަގްނާ ގުރޫޕުން ބުންޏެވެ.

ބަޚްމުތު އަލުން ހިފުމަށް ޔޫކްރޭން ސިފައިން ވަރުގަދަ ހަމަލާތަކެއް ފަށާފައިވާ އިރު، ހުޅަނގުގެ ގައުމުތަކުން ބުނެފައިވަނީ، ޔޫކްރޭން ސިފައިންގެ މަސައްކަތަށް ފުރިހަމައަށް ތާއީދުކުރާ ކަމަށާއި އެހީތެރިވެދިނުމުގައި ދެމިތިބޭނެ ކަމަށެވެ. އެމެރިކާގެ އަސްކަރިއްޔާގެ ވެރިޔާ ޖެނެރަލް މާކް މިލޭ ވިދާޅުވީ، ބަޚްމުތު ހިފުމުގެ ރައްދު ހަމަލާ އަށް ޔޫކްރޭން ސިފައިން ވަރަށް ފުރިހަމަ އަށް ތައްޔާރުވެފައިވާ ކަމަށެވެ.

އޭގެ އިތުރުން ބަޚްމުތުގެ އިރުމަތީ ސަރަހައްދުގައި ވެސް ޔޫކްރޭން ސިފައިން ކުރިއަށް ޖެހެމުންދާ ކަމަށް ޖެނެރަލް މިލޭ ވިދާޅުވި އެވެ. އެހެން ނަމަވެސް އެ ހަމަލާތަކުން ހާސިލުކުރެވޭނެ ނަތީޖާއާ މެދު އެއްޗެއް ބުނުން އަދި މާ އަވަސް ކަމަށް އޭނާ ވިދާޅުވި އެވެ.

އަނެއްކޮޅުން ރަޝިޔާ އިން ބުނި ގޮތުގައި ޔޫކްރޭންގެ އިރުމަތީގައި އޮންނަ ޑޮނެޓްސްކް ސަރަހައްދުން ކުރިއަރަމުން އައި ޔޫކްރޭންގެ ސިފައިން ހުއްޓުވައި އެމީހުންގެ ހަމަލާތައް ވަނީ ނާކާމިޔާބު ކޮށްލައިފަ އެވެ. އެ ސަރަހައްދުގައި ހަނގުރާމަ ކުރަމުން ދިޔަ ޔޫކްރޭން ސިފައިންގެ ތެރެއިން 250 މީހަކު މަރާލައި، 28 ޓޭންކާއި 109 އަސްކަރީ އުޅަނދު ހަލާކުކޮށްލެވުނު ކަމަށް ވެސް ރަޝިޔާ އިން ބުންޏެވެ.

އޭގެ އިތުރުން ޔޫކްރޭންގެ ވެރިރަށް ކިޔޭވް އަށް ވެސް ރަޝިޔާ ސިފައިން އިއްޔެ ރޮކެޓް ހަމަލާތަކެއް ދިނެވެ. އެ ހަމަލާތަކުގައި އާންމުންގެ އެކަކު މަރުވެ އިތުރު ބަޔަކު ޒަޚަމްވި ކަމަށް ޔޫކްރޭނުން ބުންޏެވެ.