Roadha Mihaaru
ޣައްޒާގެ 17،000 ކުއްޖަކު ތިބީ އާއިލާއާ ވަކިވެފައި

ޣައްޒާގެ 17،000 ކުއްޖަކު ތިބީ އާއިލާއާ ވަކިވެފައި

04 ފެބުރުއަރީ 2024

އިޒްރޭލުން ފަލަސްތީނުގެ ޣައްޒާއަށް ހަމަލާދޭން ފެށިތާ ހަތަރު މަސް ވީ އިރު އެ ސިޓީގެ 17،000 ކުއްޖަކު މިހާރު ތިބީ އާއިލާ ގެއްލި ނުވަތަ އާއިލާއާ ވަކިވެފައި ކަމަށް ލަފާކުރެވޭ ކަމަށް އދ. އިން ބުނެފި އެވެ.

އިޒްރޭލުން ފަލަސްތީނުގެ ޣައްޒާއަށް ހަމަލާދޭން ފެށިތާ ހަތަރު މަސް ވީ އިރު އެ ސިޓީގެ 17،000 ކުއްޖަކު މިހާރު ތިބީ އާއިލާ ގެއްލި ނުވަތަ އާއިލާއާ ވަކިވެފައި ކަމަށް ލަފާކުރެވޭ ކަމަށް އދ. އިން ބުނެފި އެވެ.

"މިއިން ކޮންމެ ކުއްޖަކު ކިޔައިދެނީ ހިތް ހަލާކުވާ ފަދަ ހިތާމަވެރި ވާހަކަތަކެއް،" ޔުނިސެފުން ފަލަސްތީނަށް ކަނޑަައަޅާފައިވާ ތަރުޖަމާނު ޖޮނަތަން ކްރިކްސް ވިދާޅުވި އެވެ.

"މި އަދަދު، ޣައްޒާގެ 1.7 މިލިއަންގެ އާބާދީން ގެދޮރު ގެއްލި ހާލުގައި ޖެހިފައިވާ އެއް ޕަސެންޓް މީހުންގެ އަދަދާ ދިމާވޭ،" ހުކުރު ދުވަހު ގުދުސްގައި ހުންނަވައި، ވީޑިއޯ މެދުވެރިކޮށް ޖެނިވާގައި ބޭއްވި ޕްރެސް ބްރީފިންގައި ކްރިކްސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިއިން ކޮންމެ ކުއްޖަކީ ވެސް އެއް ހާލެއް ޖެހިފައިވާ ކުދިން ކަމަށެވެ.

ތަރުޖަމާނު ވިދާޅުވީ މި ކުދިންގެ އާއިލާތައް ހޯދުމާއި އެ ކުދިންނާ ގުޅުން ހުރި މީހުން ދެނެގަތުން ވެސް ވަރަށް އުނދަގޫ ކަމަށެވެ. އޭނާ ވިދާޅުވީ މީގެ ތެރެއިން ބައެއް ކުދިންނަކީ ހަމަލާ ދެމުންދާ ވަގުތު ޒަހަމްވެފައި ތިއްބާ ނުވަތަ ބިރުގަނެ ޝޮކެއްގައި ތިއްބާ ހޮސްޕިޓަލަށް ގެންދާ ކުދިންނަށް ވާއިރު އަމިއްލަ ނަން ނުބުނެވޭ ހާލަތުގައި ވެސް ބައެއް ކުދިން ތިބި ކަމަށެވެ.

މިއީ ހަނގުރާމަޔާއި ހަމަނުޖެހުންތަކާ އެއްވެސް ގުޅުމެއް ހުރި ކުދިންނެއް ނޫން. އެކަމަކު މިއީ ކުޑަކުއްޖަކަށް ދުވަހަކު ތަޖުރިބާކުރަން ނުޖެހޭ ފަދަ ހިތްދަތި ހާލަތަށް ގޮސްފައި ތިބި ކުދިން

އޭނާ ވިދާޅުވީ ހަނގުރާމައިގެ ތެރޭގައި މައިންބަފައިން މަރުވެ ނުވަތަ ގެއްލުމުން އާއިލާގެ އެހެން ބަޔަކު ކުދިން ބެލުމަކީ އާންމު ކަމަކަށް ވިޔަސް ޣައްޒާގައި ތިބި ކުދިންގެ އާއިލާތައް ވެސް އުޅެނީ ކާނާ އާއި ފެނާއި ބޯހިޔާވަހިކަން ލިބޭނެ ގޮތެއް ނެތި އެހެން މީހަކަށް އަޅާލުމެއް ނުދެވޭ ހާލަތުގައި ކަމަށެވެ.

ޔުނިސެފުން ބުނީ މި ކުދިން ތިބީ ނަފްސާނީ އެކި މައްސަލަތަކަށް ހުށަހެޅިފައި ކަމަށާއި އެތައް ކުދިންނަކީ ރޭގަނޑު ނުވެސް ނިދޭ ކުދިން ކަމަށެވެ.

"މިއީ ހަނގުރާމަޔާއި ހަމަނުޖެހުންތަކާ އެއްވެސް ގުޅުމެއް ހުރި ކުދިންނެއް ނޫން. އެކަމަކު މިއީ ކުޑަކުއްޖަކަށް ދުވަހަކު ތަޖުރިބާކުރަން ނުޖެހޭ ފަދަ ހިތްދަތި ހާލަތަށް ގޮސްފައި ތިބި ކުދިން،" ކްރިކްސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އޮކްޓޫބަރު 7 ގައި ހަމާސް އިން އިޒްރޭލަށް ދިން ހަމަލާތަކާއި އޭގެ ފަހުން އިޒްރޭލުން ޣައްޒާއަށް ދެމުން ގެންދާ ހަމަލާތަކަކީ ކުޑަކުދިން ދުވަހަކު ވެސް ހުށަހެޅިގެންވާނެ ބިރުވެރިކަމެއް ނޫން ކަމަށެވެ. އެހެންވެ ހަމަލާތައް ވަގުތުން ހުއްޓާލައި އެހީތެރިކަން ލިބޭނެ މަގުތައް ތަނަވަސްކޮށްދޭން އޭނާ ގޮވައިލެއްވި އެވެ. --އޭއެފްޕީ