Roadha Mihaaru

ބިންވެރިޔާ/ގެދޮރުވެރިޔާ ސްކީމްގެ ދެވަނަ ފިޔަވަހި ކުރިއަށް ނުގެންދާތީ ސަމާލުކަމަށް ގެނެސްފި

ކުރީގެ ސަރުކާރުން އިއުލާނުކޮށްފައިވާ ބޯހިޔާވަހިކަމުގެ ދެ ސްކީމް ކަމަށްވާ، ބިންވެރިޔާ އަދި ގެދޮރުވެރިޔާގެ ދެވަނަ ފިޔަވަހީގެ ދަށުން ގޯއްޗާއި ފްލެޓު ދޭންޖެހޭކަން ފަހި ޔޫނިއަނާއި އުތުރުތިލަފަޅު ޔޫނިއަނުން ސަރުކާރަށް ހަނދާކޮށްދީފި އެވެ.

ބިންވެރިޔާ/ގެދޮރުވެރިޔާގެ ދެ ފިޔަވަހި ހަނދާންކޮށްދީފި

ކުރީގެ ސަރުކާރުން އިއުލާނުކޮށްފައިވާ ބޯހިޔާވަހިކަމުގެ ދެ ސްކީމް ކަމަށްވާ، ބިންވެރިޔާ އަދި ގެދޮރުވެރިޔާގެ ދެވަނަ ފިޔަވަހީގެ ދަށުން ގޯއްޗާއި ފްލެޓު ދޭންޖެހޭކަން ފަހި ޔޫނިއަނާއި އުތުރުތިލަފަޅު ޔޫނިއަނުން ސަރުކާރަށް ހަނދާކޮށްދީފި އެވެ.

ސޯޝަލް ހައުސިން ސްކީމްތަކުން ފްލެޓް ލިބޭ މީހުންގެ ހައްގުގައި މަސައްކަތްކުރާ އަމިއްލަ ޖަމިއްޔާ، ފަހި ޔޫނިއަނާއި އުތުރުތިލަފަޅު ޔޫނިއަން ގުޅިގެން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވީ، ގެދޮރުވެރިޔާ އަދި ބިންވެރިޔާ ސްކީމުގެ ދެވަނަ ފިޔަވައްސެއް އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އިއުލާނު ކުރައްވާފައިވާ ކަމަށެވެ.

އެއީ، ބިންވެރިޔާ ސްކީމަށް ކުރިމަތިލި ނުވަ ހާހެއްހާ މީހުންނަށް ބިން ފޯރުކޮށްދިނުމަށް ކަމަށް އަލީ ފާހަގަކުރެއްވި އެވެ. އަދި މުޅި އުމުރު މާލޭގައި ދިރިއުޅެފައިވާ އަތޮޅު ތެރޭގެ މީހުންނަށް އަމިއްލަ ރަށުން ގޯއްޗާއި ފްލެޓު ލިބުން ދަތިވާތީ، އެ ދެ ސްކީމުގެ ދެވަނަ ފިޔަވައްސަކަށް ހުޅުވައިލުމުން 40،500 އަށް ވުރެ ގިނަ މީހުން ފޯމު ހުށަހެޅި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭގެ ތެރޭގައި ހިމެނެނީ އަލީ ވިދާޅުވި ގޮތުގައި، ފްލެޓަށް ހުށަހެޅި 21،247 ފޯމާއި ގޯއްޗަށް އެދި ހުށަހެޅި 19،347 ފޯމެވެ.

"އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުން ހަގީގަތުގައި މި ސްކީމްތަކުގެ މަތިންވެސް ހަނދާން ނެތިއްޖެ، އަޅުގަނޑުމެން ރަށުތެރޭގައި ބައެއް މީހުންނާ ވާހަކަ ދައްކާލީމާ މީހުން އެބަ ބުނޭ، ތިމަންނާމެން ވެސް ފޯމު ލީމޭ، އެކަމަކު ފޯމު ލީ ކޮން ސްކީމަކަށް ކަމެއް، ތިމަންނަމެންގެ ނަން އޮތްކަން ވެސް ނެތްކަން ވެސް ތިމަންނަމެންނަކަށް ނޭނގެއޭ،" އަލީ ވިދާޅުވި އެވެ.

ކުރީގެ އެމްޑީޕީގެ ސަރުކާރުން އެ ގޯއްޗާއި ފްލެޓުތައް ދޭން ނިންމި ސަރަހައްދުތަކުގެ ތަފްސީލުތައް ވެސް އޭނާ ހިއްސާކުރެއްވި އެވެ.

އުތުރުތިލަފަޅު - 9،000 ގޯއްޗާއި 3،000 ފްލެޓު

ގުޅީފަޅު - 3،800 ގޯއްޗާއި 4،000 ފްލެޓު

މާލެ - 1،800 ފްލެޓު

ވިލިމާލެ - 300 ފްލެޓު

ހުޅުމާލެ - 1،500 ގޯއްޗާއި 8،000 ފްލެޓު

"ނަމަވެސް މިއަދާ ހިސާބަށް އައިއިރު ވެސް މި ފޯމުތައް އިވެލުއޭޓްކޮށް މި ފޯމުތަކުގައި ހުރީ ސައްހަ މައުލޫމާތުތޯ، މީގެ ތެރެއިން ފްލެޓު ލިބެނީ، ޝަރުތު ހަމަވަނީ ކިތައް މީހުންނަށްތޯ، އަދި ގޯތި ލިބެނީ ކިތައް މީހުންނަށްތޯ އެ މީހުންގެ ޝަރުތުތައް ހަމަވޭތޯ ބަލައި އިވެލުއޭޓްކުރުމުގެ މަސައްކަތް މި ސަރުކާރުން ކޮށްފައެއް ނެތް،" އަލީ ވިދާޅުވި އެވެ.

މި ގޯއްޗާއި ފްލެޓުތަކުގެ މަތިން ސަރުކާރުން ހަނދާން ނައްތާލާފައިވާތީ، ގެޒެޓުކުރި އިއުލާނާ އެކު އެ ދެ ޔޫނިއަނުން ވަނީ ސަރުކާރަށް އެކަން ހަނދާންކޮށްދީފަ އެވެ.

އަލީ ވިދާޅުވި ގޮތުގައި، ކުރީގެ ސަރުކާރުން ދޭން ބުނި ގޯއްޗާއި ފްލެޓުތައް އެ ދޭން ބުނި ތަނަކުން ދޭނެކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ތަކުރާރުކޮށް ދެއްވައިފަ އެވެ.

އެގޮތުން، އުތުރުތިލަފަޅު ނުހިއްކައި، މާލެއާ މާދުރުން ފުށިދިއްގަރު ފަޅު ހިއްކައިގެން ރަސްމާލެ ތަރައްގީ ކުރަން އުޅޭތީ އަލީ ވަނީ ސަރުކާރަށް ފާޑުވިދާޅުވެފަ އެވެ.

އޭނާ ވިދާޅުވީ، ރަސްމާލެ ހިއްކަން ކުރި މަސައްކަތް ހުޅުމާލެ އަދި އުތުރުތިލަފަޅު ހިއްކަން އުޅުނު ނަމަ، އެ ތަންތަން މިހާރު އޮންނާނީ ހިއްކައި ނިމިފައި ކަމަށެވެ.

"އަޅުގަނޑުމެންނަށް އެބަ އެނގޭ ބިން ހިއްކުމުގެ ގާބިލުކަން މި ސަރުކާރުގަ އެބަހުރި ކަން. މި އުޅެނީ ހަމަ ތަރުތީބުގެ މައްސަލައެއް،" އަލީ ވިދާޅުވި އެވެ.

އެހެންކަމުން، ރަސްމާލެ ހިއްކުން މަޑުޖައްސާލާފައި، ގެދޮރުވެރިޔާ/ބިންވެރިޔާ ސްކީމްގެ ދެވަނަ ފިޔަވަހިން ގޯއްޗާއި ފްލެޓުތައް ދޭން ކަނޑައަޅާފައިވާ ތަންތަން ހިއްކައި ނިންމައި، ހައްގުވެރިންނަށް އެ ބިންތައް ހަވާލުކުރުމަށް އޭނާ ގޮވާލެއްވި އެވެ.