Roadha Mihaaru

ޣައްޒާއަށް އަޅާލުމެއް ނެތުމުން ހައިރާންވޭ: އދ

ފަލަސްތީނުގެ ޣައްޒާއާ މެދު ދުނިޔޭގެ ހަމްދަރީ އާއި އަޅާލުން ކުޑަކަމުން ހައިރާންވާ ކަމަށް އދ. އިން މިއަދު ބުނެފި އެވެ.

ޣައްޒާއަށް އަޅާލުމެއް ނެތުމުން ހައިރާންވޭ: އދ

ފަލަސްތީނުގެ ޣައްޒާއާ މެދު ދުނިޔޭގެ ހަމްދަރީ އާއި އަޅާލުން ކުޑަކަމުން ހައިރާންވާ ކަމަށް އދ. އިން މިއަދު ބުނެފި އެވެ.

ހޮސްޕިޓަލަކަށް ހަމަލާދީ 20 މީހަކު ޝަހީދުކޮށްލުމާއި އޭގެ ތެރޭގައި ފަސް ނޫސްވެރިޔަކު ހިމެނުނު މައްސަލައިގައި ކަންބޮޑުވުން ފާޅުކުރައްވައި، އދ. އިން އުފައްދާފައި އޮންނަ، ފަަލަސްތީނު ރެފިއުޖީންގެ އެޖެންސީގެ ވެރިޔާ ފިލިޕޭ ލަޒާރިނީ ސިފަކުރެއްވި ގޮތުގައި އެއީ ހައިހޫނު ކަމުގައި އެކަނިވެރި ހާލުގައި މަރުވެދާ ކުދިންގެ އަޑުތައް އިއްވައިދޭން އެންމެ ފަހުން ތިބި މީހުންގެ އަޑު ވެސް ކަނޑުވާލުމެވެ.

ޣައްޒާގެ ސިވިލް ޑިފެންސް އެޖެންސީންގެ ތަރުޖަމާނު މަހުމޫދު ބައްސާލް ވިދާޅުވީ ޣައްޒާގެ ދެކުނުގެ ސިޓީއެއް ކަމަށްވާ ޚާން ޔުނިސްގެ ނާސިރު ހޮސްޕިޓަލުގެ އިމާރާތަކަށް އިޒްރޭލުން މިއަދު ފުރަތަމަ ހަމަލާ ދިނީ ގޮވާ ގޮތަށް ހަދާފައިވާ ޑްރޯނެއް ބޭނުންކޮށްގެން ކަމަށެވެ. އަދި އޭގެ ފަހުން ވައިގެ މަގުން ހަމަލާ ދިނީ ހޮސްޕިޓަލުން މީހުން ހުސްކުރަމުން ދަނިކޮށް ކަމަށް ވެސް ވިދާޅުވި އެވެ.

ރޮއިޓާސް، އެސޯސިއޭޓެޑް ޕްރެސް އަދި އަލްޖަޒީރާއިން ވަނީ މި ހަމަލާގައި އެ މީހުންގެ ކޮންޓްރިބިއުޓަރުން ޝަހީދުވިކަން ކަށަވަރުކޮށްދީފަ އެވެ. މި ހަމަލާ ދީފައި މި ވަނީ ޣައްޒާ ބަނޑަށް ޖެހިފައިވާ ކަމަށް އދ. އިން ކަނޑައެޅިތާ ދެތިން ދުވަސް ފަހުންނެވެ. ނޫސްވެރިންގެ ތެރެއިން ޝަހީދުވި އެންމެންނަކީ ވެސް ފަލަސްތީނު މީހުންނެވެ.

އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ އޮފީހުން ވެސް ވަނީ މި ހަމަލާ ކުށްވެރިކޮށް "ނޫސްވެރިންނާއި ހޮސްޕިޓަލްތަކަކީ ހަނގުރާމައިގެ ޓާގެޓެއް ނޫން" ކަމަށް ބުނެފަ އެވެ.

"ޣައްޒާގައި ނޫސްވެރިން މެރުމަކީ މުޅި ދުނިޔެ ސިހޭ ވަރު ކަމެއް - ސިހުމާ އެކު ހިމޭންވާންވީއެއް ނޫން. ޒިންމާދާރުވުމާއި އިންސާފަށް ގޮވާލައި، އަމަލީ ގޮތުން މިކަމުގައި ތެދުވާންޖެހޭ،" ތަރުޖަމާނު ރަވީނާ ޝަމްދަސާނީ ވިދާޅުވި އެވެ.

"ހަނގުރާމަ އާއި ބަނޑުހައިހޫނުކަމުގެ ހާލަތުގައި އޮތް އިރު، ބައިނަލްއަގްވާމީ ނޫސްވެރިން އެ ސަރަހައްދަށް ވަނުމަށް އިޒްރޭލުން ހުރަސްއަޅަމުން ދޭ،" 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން ފަލަސްތީނުގެ 247 ނޫސްވެރިއަކު ޣައްޒާގައި ޝަހީދުކޮށްލާފައިވާކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވި އެވެ.

"މި ނޫސްވެރިންނަކީ ބައިނަލްއަގުވާމީ މުޖުތަމައުގެ ލޮލާއި ކަންފަތް. އެ މީހުން ހިމާޔަތްކޮށްދޭންޖެހޭނެ،" ތަރުޖަމާނު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކުށެއް ނެތް އާންމުންގެ އެތައް ބަޔަކު ވެސް މަރަމުންދާއިރު މިއީ އަވަހަށް ތަހުގީގުކޮށް އިންސާފު ހޯދައިދޭންޖެހޭ މައްސަލަތައް ކަމަށެވެ. -- އޭއެފްޕީ