Roadha Mihaaru

ބިލް ހުށަހެޅީ މީޑިއާ ބާރުވެރި ކުރަން: ހަންނާން

މޯލްޑިވްސް މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން އެއްކޮށްލައި، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ނަމުގައި ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހެޅުއްވީ، ރާއްޖޭގެ މީޑިއާ ބާރުވެރިކުރުމުގެ ބޭނުމުގައި ކަމަށް ތުޅާދޫ ދާއިރާގެ އަމިއްލަ މެމްބަރު އަބްދުލް ހަންނާން އަބޫބަކުރު ވިދާޅުވެއްޖެ އެވެ.

ބިލް ހުށަހެޅީ މީޑިއާ ބާރުވެރި ކުރަން: ހަންނާން

މޯލްޑިވްސް މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން އެއްކޮށްލައި، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ނަމުގައި ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހެޅުއްވީ، ރާއްޖޭގެ މީޑިއާ ބާރުވެރިކުރުމުގެ ބޭނުމުގައި ކަމަށް ތުޅާދޫ ދާއިރާގެ އަމިއްލަ މެމްބަރު އަބްދުލް ހަންނާން އަބޫބަކުރު ވިދާޅުވެއްޖެ އެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން އުވާލައި އުފައްދާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް، ނޫސްވެރިކަން ރެގިއުލޭޓް ކުރުމާ އެކު ބޮޑެތި ފިޔަވަޅުތަކެއް އެޅުމުގެ ގާނޫނީ ބާރު ލިބިދޭ އާ ބިލެއް އަނެއްކާ ވެސް އޭނާ ހުށަހެޅުއްވުމާ އެކު ނޫސްވެރިން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މަޖިލިހުގައި ތަމްސީލްކުރާ ސިޔާސީ ޕާޓީތަކާއި ވަކިވަކި މެމްބަރުންގެ ތާއީދަށް އެދި ފޮނުއްވި މެސެޖެއްގައި ހަންނާން ވިދާޅުވީ، ބްރޯޑްކާސްޓް ކޮމިޝަންގައި މިހާރު މުޅިން ވެސް ތިއްބަވަނީ ރައީސުލްޖުމްހޫރިއްޔާ ނަން ފޮނުއްވައިގެން ރައްޔިތުންގެ މަޖިލީހުން ރުހުންދޭ މެންބަރުން ކަމަށެވެ.

"ނަމަވެސް މިހާރު ހުށަހެޅިފައި އެވާ ބިލުގައި މީޑިއާ ރެގިއުލޭޓް ކުރާ ކޮމިޝަންގެ މެޖޯރިޓީ އޮންނާނީ މީޑިއާތަކުން އިންތިހާބުވާ ނޫސްވެރީންނަށް. މިގޮތުން މި ކޮމިޝަންގައި ހިމެނޭ ހަތް މެންބަރުން ކުރެ ހަތަރު މެންބަރުން އިންތިހާބު ކުރާނީ މީޑިއާތަކުން،" ހަންނާން ވިދާޅުވި އެވެ.

މީގެ ކުރިން ވެސް މިފަދަ ބިލެއް ހުށަހެއްވުމުން މީޑިއާގެ ކަންބޮޑުވުންތަކާ ގުޅިގެން އެ ބިލް އަނބުރާ ގެންދެވި ހަންނާން ވިދާޅުވިގޮތުގައި، އާ ބިލްގަައި މީޑިއާތަކަށް ފުރިހަމަ ބާރާއި އިމްތިޔާޒުތަކާއި ހައްގުތައް ލިބިދީފައިވާނެ އެވެ.

"ތެދު ޚަބަރު މީޑިއާތަކުން ފަތުރަން މަގުފަހިކޮށްދީފައި ވާނެ. ދައުލަތުގެ ހަތަރު ވަނަ ބާރުގެ ގޮތުގައި މީޑިއާއަށް ހަރުދަނާކަމާ އެކު ހަރަކާތްތެރިވާން ޖާގަ ހޯދައިދީފައިވާނެ،" އަމިއްލަ ގޮތުން ހުށަހެޅުއްވި ބިލްގެ ދިފާއުގައި އޭނާ ވިދާޅުވި އެވެ.

ހަންނާން ވިދާޅުވީ، މިހާރުގެ މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓް ކޮމިޝަނަކީ ބޭކާރު ބޮޑެތި ހަރަދުތަކެއް ހިނގާ، ބާރެއް ނެތް ދެ މުއައްސަސާކަމަށް ބުނެ ފާޑުކިޔަމުންދާތީ، އެކަމަށް ހައްލެއް ހޯދައި ދިނުމަކީ އޭނާގެ އެއް ބޭނުން ކަމަށެވެ. އަދި މީޑިއާ ރެގިއުލޭޓް ކުރަން ދައުލަތުން ހިނގާ ހަރަދު ކުޑަކޮށް، މީޑިއާގެ ބަސްވިކޭ ބާރުހުރި މުއައްސަސާއެއް އުފެއްދޭނެ މަގު ފަހިކޮށްދީފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ތެދު ޚަބަރު މީޑިއާތަކުން ފަތުރަން މަގުފަހިކޮށްދީފައި ވާނެ. ދައުލަތުގެ ހަތަރު ވަނަ ބާރުގެ ގޮތުގައި މީޑިއާއަށް ހަރުދަނާކަމާ އެކު ހަރަކާތްތެރިވާން ޖާގަ ހޯދައިދީފައިވާނެ،"--- ހަންނާން

ނަމަވެސް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ބިލްގައި މީޑިއާތަކާއި ވަކިވަކި ނޫސްވެރިންނަށް ބޮޑެތި ފިޔަވަޅުތަކެއް އެޅޭ ގޮތަށް ވަނީ ހަދައިފަ އެވެ.

އެ ބިލު އޮތީ، މީޑިއާ ކޮމިޝަނުން އެކުލަވާލާ ސުލޫކީ މިންގަނޑާ ހިލާފުވާ ނޫސްވެރިންނާއި މީޑިއާތައް ބޮޑު އަދަދަކުން ޖޫރިމަނާކޮށް، ރަޖިސްޓްރީ ވެސް ބާތިލްކުރެވޭ ގޮތަށެވެ. ވަކިވަކި ނޫސްވެރިން 5،000-25،000 ރުފިޔާއާ ދެމެދު ޖޫރިމަނާ ކުރެވޭ އިރު، 100،000 ރުފިޔާއާ ހަމައަށް މީޑިއާތައް ޖޫރިމަނާ ކުރެވެ އެވެ.

މީޑިއާ ކޮމިޝަނަށް ލިބިދޭ ބާރުތައް:

- ސުލޫކީ މިންގަނޑާ ހިލާފުވެއްޖެ ނަމަ ނޫސްވެރިން 5،000ރ. އާއި 25،000ރ. އާ ދެމެދު އަދަދަކުން ޖޫރިމަނާކުރެވުން.

- ގާނޫނާ ހިލާފު ކަމެއް ކޮށްފިނަމަ މީޑިއާތައް 100،000ރ. އާ ހަމައަށް ޖޫރިމަނާ ކުރެވުން

- މައްސަލައެއް ބަލައި ނުނިމެނީސް ވެސް ވަގުތީ ގޮތުން ރަޖިސްޓްރީ ބާތިލު ކުރެވުން

- ކޯޓަށް ހުށަހަޅައި ނޫހެއްގެ ރަޖިސްޓްރީ ބާތިލު ކުރެވުން

- މައްސަލައެއް ބަލަމުންދަނިކޮށް، ނޫހެއްގެ ވެބްސައިޓެއް ބްލޮކް ކުރެވުން

- ބްރޯޑްކާސްޓުކުރުން ހުއްޓުވަން އެންގުމުގެ ބާރު ލިބުން

ބިލްގައިވާ ގޮތުން ކޮންޓެންޓާ ގުޅޭ މައްސަލައެއް ހުށަހަޅައިފި ނަމަ އެ މައްސަލަ ބަލަން މީޑިއާ ކޮމިޝަންގެ މެމްބަރުންނާއި މީޑިއާ ތަމްސީލް ކުރާ ހަތަރު މީހުން އެކުލެވޭ ދާއިމީ ކޮމިޓީއަކުންނެވެ. ކޮމިޓީގެ ނަމަކީ "މީޑިއާ ކޮންޓެންޓް އެޖޫޑިކޭޝަން ކޮމިޓީ" އެވެ.