Roadha Mihaaru

ނޫސްވެރިންގެ ދެކޮޅު ހެދުންތަކާ އެކު ވެސް މީޑިއާ ރެގިއުލޭޓް ކުރާ ބިލު މަޖިލީހުން ބަލައިގަނެ ކޮމިޓީ އަށް

މީޑިއާ ރެގިއުލޭޓް ކުރުމުގެ ނަމުގައި ތުޅާދޫ ދާއިރާގެ އަމިއްލަ މެމްބަރު އަބްދުލް ހަންނާނު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި "މީޑީއާ ކޮންޓްރޯލްކުރާ ބިލް" ރައްޔިތުންގެ މަޖިލީހުން ދެންމެ ބަލައިގަނެ ދިރާސާކުރަން ކޮމިޓީ އަށް ފޮނުވައިފި އެވެ.

މީޑިއާ ރެގިއުލޭޓް ކުރާ ބިލު މަޖިލީހުން ބަލައިގެންފި
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

27 އޯގަސްޓް 2025

މީޑިއާ ރެގިއުލޭޓް ކުރުމުގެ ނަމުގައި ތުޅާދޫ ދާއިރާގެ އަމިއްލަ މެމްބަރު އަބްދުލް ހަންނާނު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި "މީޑީއާ ކޮންޓްރޯލްކުރާ ބިލް" ރައްޔިތުންގެ މަޖިލީހުން ދެންމެ ބަލައިގަނެ ދިރާސާކުރަން ކޮމިޓީ އަށް ފޮނުވައިފި އެވެ.

މި އަހަރުގެ ދެވަނަ ދައުރު ނިންމައި، ޗުއްޓީގައި އޮތް މަޖިލީހުގެ ދައުރުން ބޭރު ޖަލްސާގައި އެ ބިލު ބަލައިގަތީ ޕީއެންސީގެ 49 މެމްބަރުންގެ ވޯޓުންނެވެ. ބިލު ބަލައިގަންނަން ނުފެންނަ ކަމަށް 12 މެމްބަރަކު ވޯޓު ދެއްވި އެވެ.

އެހެންވެ، ބިލު ބަލައިގަނެ، ދިރާސާ ކުރުމަށް ވަނީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވައިފަ އެވެ.

އެ ބިލު މަޖިލީހުން ބަލައިގެންފައި މިވަނީ ބިލު ބޭރުކޮށްލަން ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ފެށުނީއްސުރެ ނޫސްވެރިން މުޒާހަރާ ކުރަމުންދަނިކޮށެވެ. އަދި އެ ބިލްގެ ސަބަބުން މީޑިއާގެ ހައްގުތައް ގެއްލޭނެތީ ބިލް އަނބުރާ ގެންދަން އެމްޖޭއޭ އާއި އެމްއެމްސީން ވެސް އައީ އިލްތިމާސް ކުރަމުންނެވެ.

މިއީ މަޖިލިސް ޗުއްޓީ ދުވަސްވަރަކަށް ވުމާ ގުޅިގެން، ދައުރުން ބޭރުން ޖަލްސާއެއް ބާއްވަން ޕީއެންސީގެ މެމްބަރުންތަކެއް ސޮއިކުރައްވައި ހުށަހެޅުއްވުމުން މިއަދު ބޭއްވި ޖަލްސާގެ އެންމެ ފަހު ކަމަކަށް މީޑިއާ ބިލަށް ވޯޓަށް އެއްސެވުމަށް ފަހު، މަޖިލިހުގެ ރިޔާސަތުން ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، ދައުރުން ބޭރުގެ ޖަލްސާ އަށް އެޖެންޑާކުރި ހުރިހާ ކަމަކަށް ވޯޓަށް އަހައި ނިމުނީ ކަމަށެވެ. އެހެންވެ، ދައުރުން ބޭރުގައި ދެން ޖަލްސާއެއް ނޯންނާނެ ކަން އިއުލާން ކުރެއްވި އެވެ.

ނޫސްވެރިން މަޖިލިސް ދޮށުގައި މީޑިއާ ކޮންޓްރޯލް ބިލާ ދެކޮޅަށް މުޒާހަރާކުރަނީ. -- ފޮޓޯ: ނިޝާން އަލީ | މިހާރު

ނޫސްވެރިން މަޖިލިސް ދޮށުގައި މީޑިއާ ކޮންޓްރޯލް ބިލާ ދެކޮޅަށް މުޒާހަރާކުރަނީ. -- ފޮޓޯ: ނިޝާން އަލީ | މިހާރު

ބިލުގެ ދިފާއުގައި ވާހަކަ ދައްކަވަމުން ޕީއެންސީގެ މެމްބަރުން ވިދާޅުވެފައި ވަނީ މޯލްޑިވްސް މީޑިއާ ކައުންސިލާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނަކީ އެއްކަމެއް ކުރާ ދެ މުއައްސަސާ ކަމަށާއި އެކަމަކު މީހުންގެ އަބުރު ކަތިލަމުން އަންނައިރު އެއިން އެއްވެސް އިދާރާއަކުން ފިޔަވަޅު ނާޅާ ކަމަށެވެ.

އެހެންވެ، މީޑިއާތައް ހަމަ މަގަށް އެޅުމަށް މިއީ ކޮންމެހެން ވެސް ބޭނުން ބިލެއް ކަމަށް ވިދާޅުވި އެވެ.

އެކަމަކު ޕީއެންސީގެ މެމްބަރު އަދި ކުރިން ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން ވެސް ވަނީ މީޑިއާތައް ހިންގަން ޖެހެނީ ވަކި ހުދޫދެއްގެ ތެރޭގައި ކަމަށް ގަބޫލުކުރެއްވިޔަސް މިއީ އިސްލާހުތައް ގެންނަން ޖެހޭ ބިލެއް ކަމަށެވެ.

އޭނާ ވިދާޅުވީ ކޮމިޝަނުން މައްސަލަ ބަލަން ފަށާ ހިސާބުން އެ ނޫހެއް ހުއްޓުވާލުމުގެ ބާރު ކޮމިޝަނަށް އޮތުމަކީ ގޯހެއް ކަމަށާއި އެއީ ނާޖާއިޒު ފައިދާ ނެގުމުގެ ފުރުސަތު އޮންނަ ކަމެއް ކަމަށެވެ.

ބިލާ ދެކޮޅަށް އެމްޑީޕީގެ ހުރިހާ މެމްބަރުން ވެސް ވާހަކަ ދެއްކެވިއިރު އެ ބޭފުޅުން ސިފަ ކުރެއްވި ގޮތުގައި މި ބިލަކީ މީީޑިއާގެ މިނިވަންކަމުގެ ދަރަޖަ އެތައް ގުނައަކަށް ފަހަތަށް ދާ ގޮތަށް އޮތް ބިލެކެވެ. އެހެންވެ ބިލު އަނބުރާ ގެންދިއުމަށް ގޮވާލެއްވި އެވެ.

އެ ބިލާ ދެކޮޅުކަން މޯލްޑިވްސް މީޑިއާ ކައުންސިލާއި މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަނުންނާއި ބޭރުގެ ބައެއް ޖަމްއިއްޔާތަކުން ވެސް ހާމަކޮށްފައިވެ އެވެ. އެ ބިލާ ގުޅިގެން ހުރި ކަންބޮޑުވުންތަކާ އެކު ނޫސްވެރިން ގެންދަނީ ޕެޓިޝަނެއްގައި ވެސް ސޮއިކުރަމުންނެވެ. އޭގައި ބުނެފައި ވަނީ ބިލު ފަރުމާކޮށްފައި ވަނީ ގާނޫނުއަސާސީން ލިބިދީފައިވާ ނޫސްވެރިކަމުގެ ހައްގާއި އެއާ ގުޅިފައިވާ އެހެން ހައްގުތައް ވަރަށް ބޮޑަށް ހަނިވާ ގޮތަށް ކަމަށެވެެ.

މީޑިއާ ކޮންޓްރޯލް ކުރުމަކީ އެއްވެސް އިރެއްގައި ޝައުގުވެރިވެވަޑައިގަންނަވާ ކަމެއް ނޫން ކަަމަށާއި މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން އުވާލައި، އުފައްދާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް މެމްބަރުން އައްޔަން ކުރެއްވުމުގައި ވެސް އެ މަނިކުފާނަށް ކޮންޓްރޯލް އޮންނަ ގޮތަށް ބާއްވަން ބޭނުންފުޅު ނުވާތީ އެ ބައިތައް އިސްލާހު ކުރަން ޕީއެންސީގެ މެމްބަރުންނަށް ދަންނަވާފައިވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މި ހަފުތާގައި ވިދާޅުވެފަ އެވެ.

އެ މަނިކުފާނު ވިދާޅުވީ، ބިލް އިތުރަށް ދިރާސާ ކުރަން ކަމާ ގުޅޭ ކޮމިޓީއަށް ފޮނުވާ ހިސާބަށް ހިނގައްޖެ ނަމަ، ސަރުކާރު ހިންގާ ޕީއެންސީގެ މެމްބަރުންނަށް މިހާރު ދަންނަވާފައި ވާނީ ކޮމިޝަނަށް އައްޔަންކުރާ ހަތް މެމްބަރުންގެ ތެރެއިން ބޭފުޅަކު އެ ކޮމިޝަންގެ ރައީސަކަށް ހަމަޖައްސާ ގޮތަށް ބިލް އިސްލާހު ކުރަން ކަމަށެވެ.

"އަޅުގަނޑު ބޭނުމެއް ނޫން އެއްގޮތަކަށް ވެސް އަޅުގަނޑުމެންނަކީ މީޑިއާ އަށް އެއްވެސް ވަރަކަށް ނުފޫޒު ފޯރުވާ ބަޔަކަށް ވާކަށް. މީޑިއާ ވާން ޖެހޭނީ މިނިވަންކަމާ އެކު އޮޕަރޭޓް ކުރާ ބަޔަކަށް،" މި ހަފުތާގައި ހދ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ނޮޅިވަރަމްގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވި އެވެ.

"އަޅުގަނޑު ދެކޭގޮތުގައި އޮންނަން ވާނީ ފުރިހަމަ މިނިވަންކަން އޮންނަ ގޮތަށް، ދެފުށް ފެންނަ ގޮތަށް، ޒިންމާދާރުކަމާއެކީގައި ހިންގޭ މީޑިއާއެއްގެ ގޮތަށް."