Roadha Mihaaru

މީޑިއާ ބިލަށް ހިޔާލު ހޯދަން ކޮމިޓީން ހޯމަ ދުވަހު ނޫސްވެރިންނާ ބައްދަލުކުރަނީ

މީޑިއާ ރެގިއުލޭޓް ކުރުމުގެ ނަމުގައި ތުޅާދޫ ދާއިރާގެ އަމިއްލަ މެމްބަރު އަބްދުލްހަންނާނު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި "މިޑީއާ ކޮންޓްރޯލް ބިލް" ދިރާސާކުރުމުގެ މަސައްކަތުގެ ތެރެއިން ނޫސްވެރިންގެ ހިޔާލު ހޯދުމަށްޓަކައި އަންނަ ހޯމަ ދުވަހު މަޝްވަރާ ބައްދަލުވުމެއް ބާއްވަން ކަމާ ގުޅޭ ކޮމިޓީން މިއަދު ނިންމައިފި އެވެ.

ބިލަށް މީޑިއާގެ ހިޔާލު ހޯދަން ހޯމަދުވަހު ބައްދަލުކުރަނީ

މީޑިއާ ރެގިއުލޭޓް ކުރުމުގެ ނަމުގައި ތުޅާދޫ ދާއިރާގެ އަމިއްލަ މެމްބަރު އަބްދުލްހަންނާނު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި "މިޑީއާ ކޮންޓްރޯލް ބިލް" ދިރާސާކުރުމުގެ މަސައްކަތުގެ ތެރެއިން ނޫސްވެރިންގެ ހިޔާލު ހޯދުމަށްޓަކައި އަންނަ ހޯމަ ދުވަހު މަޝްވަރާ ބައްދަލުވުމެއް ބާއްވަން ކަމާ ގުޅޭ ކޮމިޓީން މިއަދު ނިންމައިފި އެވެ.

"މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން" ބިލް ދިރާސާ ކުރުމުގެ މަސައްކަތް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މިއަދު ފަށާފައިވާއިރު، ނޫސްވެރިންގެ ހިޔާލު ހޯދުމުގެ މަޝްވަރާ ބައްދަލުވުން ހޯމަ ދުވަހުގެ ހެނދުނު 11 ޖަހާއިރު ބާއްވަން އެ ކޮމިޓީން ވަނީ ނިންމައިފަ އެވެ.

މަޖިލިހުގެ އިދާރާ އިން ކޮށްފައިވާ އިއުލާނެއްގައިވާ ގޮތުން، އެ ބައްދަލުވުމުގައި ބައިވެރިވެވޭނީ ރަޖިސްޓަރީ ކޮށްގެން ހިންގާ މީޑިއާތަކަށެވެ. އެ ބައްދަލުވުމަށް ފުރުސަތު ދެނީ ކޮންމެ މީޑިއާއަކުން އެކަކަށް ކަމަށް ވާއިރު، ބައްދަލުވުމަށް ހާޒިރުވުމަށް ރަޖިސްޓްރޭޝަން ފޯމެއް ފުރަންޖެހެ އެވެ. ރަޖިސްޓްރޭޝަން ފޯމު ފުރުމުގެ ސުންގަޑިއަކީ އަންނަ އާދިއްތަ ދުވަހުގެ ހެނދުނު 10 އެވެ.

ހިޔާލު ތަފާތުވުން ބޮޑުވެފައިވާ މީޑިއާ ބިލް އަންނަ މަހުގެ 15 ވަނަ ދުވަހުގެ ކުރިން ނިންމަން ކޮމިޓީން މިއަދު ފާސްކުރި އެވެ. އަދި ނޫސްވެރިންގެ އިތުރުން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނާއި ހިއުމަން ރައިޓްސް ކޮމިޝަންގެ އިތުރުން ޔޫތު މިނިސްޓްރީ އެ ކޮމިޓީ އަށް ހާޒިރުކޮށް، ހިޔާލު ހޯދަން ވެސް މިއަދު ނިންމި އެވެ.

މީޑިއާ ބިލް ތައްޔާރު ކޮށްފައި ވަނީ ނޫސްވެރިންގެ މަސައްކަތަށް ހުރަސް އެޅޭ ގޮތަށް އަދި ބޮޑެތި އަދަބުތަކެއް ހިމަނައިގެން ކަމަށް ވާތީ އޭގެ ކަންބޮޑުވުން ނޫސްވެރިން ގެންދަނީ ފާޅުކުރަމުންނެވެ. އެކަމަކު، ރައްޔިތުންގެ މަޖިލިހަށް އެ ބިލް އިއްޔެ ބަލައިގަތުމަށް ފަހު، ރައީސް ޑރ. މުހައްމަދު މުއިއްޒާއި ސަރުކާރުގެ ކަމާ ގުޅޭ ހުރިހާ ވެރިން ވެސް ވިދާޅުވެފައި ވަނީ ކޮމިޓީ މަރުހަލާގައި ބޭނުން އިސްލާހެއް ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

އެ ބިލުގެ ވަކިވަކި މާއްދާތަކުގައި ހުރި ކަންބޮޑުވުންތަކަށް ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހަޅާނެ ކަމަށް ރައީސް މުއިއްޒު ވެސް މިއަދު ވިދާޅުވި އެވެ. އަދި ބިލުން ރައީސަށް ލިބިދޭ ބާރުތައް ވެސް ދޫކޮށްލައްވަން ވަނީ ނިންމަވައިފަ އެވެ.