Roadha Mihaaru

ލޯންޗު ފެރީ ހިންގާ ހޯޕް ޓްރެވެލްސްގެ މައްޗަށް ޓެކުހަށް މަކަރު ހެދުމުގެ ދައުވާކުރަން ފޮނުވައިފި

ހޯޕް ޓްރެވެލްސްގެ ނަމުގައި ށ. އާއި ނ. އަތޮޅަށް ލޯންޗު ފެރީގެ ހިދުމަތް ދެމުންދާ ހޯޕް ޓްރެވަލްސްއިން ގަަސްދުގައި ޓެކުހަށް މަކަރު ހެދި ކަމުގެ ތުހުމަތުކުރެވޭތީ އެ މައްސަލަ ތަހުގީގުކޮށް ދައުވާކޮށްދޭން ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހަށް މީރާ އިން ފޮނުވައިފި އެވެ.

ޓެކުހަށް މަކަރު ހެދުމުން ދައުވާކުރަން ފޮނުވައިފި
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

17 އޯގަސްޓް 2025

ހޯޕް ޓްރެވެލްސްގެ ނަމުގައި ށ. އާއި ނ. އަތޮޅަށް ލޯންޗު ފެރީގެ ހިދުމަތް ދެމުންދާ ހޯޕް ޓްރެވަލްސްއިން ގަަސްދުގައި ޓެކުހަށް މަކަރު ހެދި ކަމުގެ ތުހުމަތުކުރެވޭތީ އެ މައްސަލަ ތަހުގީގުކޮށް ދައުވާކޮށްދޭން ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހަށް މީރާ އިން ފޮނުވައިފި އެވެ.

މީރާ އިން ބުނީ ޖުލައި 1، 2020 އިން މެއި 31، 2023 ގެ ނިޔަލަށް ހިމެނޭ ޓެކްސް ނެގޭ މުއްދުތަކަށް އެ ކުންފުނިން މީރާއަށް ހުށަހަޅާފައިވާ ޖީއެސްޓީ ބަޔާންތަކާއި ޓެކްސް އަހަރު 2020 އަދި ޓެކްސް އަހަރު 2021 އަށް ހުށަހަޅާފައިވާ އިންކަމް ޓެކްސްގެ ބަޔާންތަކުގައި ދޮގު މައުލޫމާތު ހިމަނާފައިވާ ކަމަށް ތުހުމަތުކުރެވޭ ކަމަށެވެ.

މީރާ އިން ބުނި ގޮތުގައި އެކަން ކޮށްފައިވަނީ ގަސްދުގައި ޓެކްސް ދެއްކުމުން އެއްކިބާވުމުގެ ނިޔަތުގައި ކަމަސް ބެލެވޭތީ އޭގެ ތަހުގީގު ފެށި އެވެ. އެ ތަހުގީގުން ފާހަގަވީ އެ ދެ އަހަރުގެ ތެރޭގައި އިންކަމް ޓެކްސް ބަޔާންތަކުގައި 29 މިލިއަން ރުފިޔާގެ އާމްދަނީގެ ގޮތުގައި ހިމަނާފައިނުވާކަން ކަމަށް މީރާއިން ބުންޏެވެ.

މީރާ އިން ބުނީ ހޯޕް ހޯލްޑިންސް ޕާޓްނާޝިޕް މީރާގައި ޖީއެސްޓީއަށް ރަޖިސްޓްރީކޮށްފައިވީ ނަމަވެސް އެ ވިޔަފާރީގެ ދަށުން ހިންގާ "ހޯޕް ޓްރެވެލްސް" ގެ ހަރަކާތް މީރާގައި ރަޖިސްޓްރީނުކޮށް ގިނަ ދުވަސްތަކެއް ވަންދެން ހިންގި ކަމަށެވެ. އަދި އެ ތަހުގީގު ކުރި މުއްދަތުގައި ފާހަގަވީ އެ ވިޔަފާރި ހިންގައިގެން ލިބިފައިވާ ޖުމްލަ އާމްދަނީގެ 89 ޕަސެންޓް މީރާއަށް ހުށަހަޅާފައިވާ ޖީއެސްޓީ ބަޔާންތަކުގައި ނުވާ ކަމަށް މީރާ ބުންޏެވެ.

"މިގޮތުން މި މުއްދަތަށް ޓެކްސް ދައްކާ ފަރާތަށް ލިބިފައިވާ އާމްދަނީގެ ތެރެއިން 54 މިލިއަން ރުފިޔާ އާއި ޖީއެސްޓީގެ ގޮތުގައި ތިން މިލިއަނަށް ވުރެ ރުފިޔާ މީރާއަށް ރިޕޯޓުކޮށްފައިނުވާ ކަމަށް ވަނީ ފާހަގަކުރެވިފަ އެވެ،" މިރާއިން ބުންޏެވެ.

މީރާއިން ވަނީ ތަހުގީގުގެ ތެރެއިން ޓެކްސް ދައްކާ ފަރާތުގެ ވިޔަފާރިއާ ގުޅޭ ލިޔުންތައް ބަލަހައްޓާ އެ ފަރާތުގެ އޮފީސް ބަލައި ފާސްކުރުމުގެ އިތުރުން މައުލޫމާތު ހޯދުމަށާއި ކުށުގެ ތުހުމަތުގައި މީހުން ހާޒިރުކޮށް ބަޔާން ނަގާފައި ކަމަށް ބުނެފަ އެވެ.

އެ ތަހުގީގަށް ފަހު މީރާ އިން ދައުވާކުރަން ފޮނުވީ ހޯޕް ހޯލްޑިންސް ވިޔަފާރީގެ ޕާޓްނަރެއް ކަމަށްވާ ޝަހުދު އިބްރާހިމްމަނިކާއި ވިޔަފާރީގައި އިސްކޮށް އުޅޭ މުހައްމަދު އަލީ ނަމަކަށް ކިޔާ މީހެއްގެ މައްޗަށެވެ.

މީރާ އިން ބުނީ ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނުގެ 64 ވަނަ މާއްދާގެ ދަށުން ދައްކަން ޖެހޭ ޓެކްސް ދެއްކުމަށް، އެނގިހުރެ ގަސްދުގައި އެއްކިބާވުމުގެ ނިޔަތުގައި އެއްވެސް ކަމެއް ކުރުމަކީ ކުށެކެވެ. އެފަދަ ކުށެެއް ކުރުމަށް މީހަކަށް އެހީތެރިވެދިނުމުގެ ނިޔަތުގައި އެއްވެސް ކަމެއް ކުރުމަކީ ވެސް ކުށެއް ކަމަށާއި އެފަދަ ކަމެއް މީހަކު ކުރާ ނަމަ، އެ ފަރާތްތަކާ މެދު މީރާ އިން ފިޔަވަޅު އަޅާނެ ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ.