Roadha Mihaaru

މީރާއިން ހޯޕް ޓްރެވަލްސްއަށް ކުރާ ތުހުމަތުތައް އެ ކުންފުނިން ދޮގުކޮށްފި

ށ. އާއި ނ. އަތޮޅަށް ލޯންޗު ފެރީގެ ހިދުމަތް ދެމުންދާ ހޯޕް ޓްރެވަލްސްއިން ގަަސްދުގައި ޓެކުހަށް މަކަރު ހެދި ކަމަށް ތުހުމަތުކޮށް އެ މައްސަލާގައި ދައުވާކޮށްދޭން އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް މީރާ އިން ފޮނުވި މައްސަލާގައި، އެ ކުންފުނިން އެ ތުހުމަތުތައް ދޮގުކޮށްފި އެވެ.

ހޯޕް ޓްރެވަލްސްއިން މީރާގެ ތުހުމަތުތައް ދޮގުކޮށްފި

ށ. އާއި ނ. އަތޮޅަށް ލޯންޗު ފެރީގެ ހިދުމަތް ދެމުންދާ ހޯޕް ޓްރެވަލްސްއިން ގަަސްދުގައި ޓެކުހަށް މަކަރު ހެދި ކަމަށް ތުހުމަތުކޮށް އެ މައްސަލާގައި ދައުވާކޮށްދޭން އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް މީރާ އިން ފޮނުވި މައްސަލާގައި، އެ ކުންފުނިން އެ ތުހުމަތުތައް ދޮގުކޮށްފި އެވެ.

އެ ކުންފުނިން ނެރުނު ބަޔާނުގައި ވަނީ މީރާއިން މި މައްސަލަ ތަހުގީގުކުރަން ފެށުމުގެ މަސްތަކެއް ކުރިން، އެ ކުންފުންޏަކީ ވަރަށް ފުޅާ ދާއިރާއެއްގައި ލޯންޗު ފެރީކުރާ ކުންފުންޏެއް ކަމަށް ލޭބަލްވެ، އެ ކުންފުނީގެ މައްސަލަ ބަލަން ޖެހޭ ކަމަށް މީރާގެ އެތެރޭގައި ވާހަކަ ދެކެވުނު ކަމުގެ ހަބަރު ލިބުނު ކަމަށެވެ. އަދި އެ މައްސަލައަކީ މީގެ 5 އަހަރު ކުރީގެ މައްސަލައެއް ކަމަށް ވާއިރު، އެއީ އެއްވެސް އަސާސެއް ނެތް ދޮގު ތުހުމަތުތަކެއް ކަމަށް އެ ކުންފުނީގެ ބަޔާނުގައިވެ އެވެ.

"ކުންފުނީގެ ސީއީއޯ އަދި ޖީއެމްއަށް ޓެކްސް ފްރޯޑްގެ ތުހުމަތުކޮށް ދައުވާކުރީ އެއްވެސް އަސާސެއް ނެތް ދޮގު ތުހުމަތުތަކެއްގެ މައްޗަށް ކަމުގައި މެނޭޖުމަންޓުން ދެކެން. އަދި މި ތުހުމަތުތަކަކީ އަޅުގަނޑުމެންގެ މުޅި ގުރޫޕުގެ 300 އަށް ވުރެ ގިނަ މުވައްޒަފުންނާއި އެމީހުންގެ އާއިލާއަށް ލިބޭ ބޮޑު ހިތްދަތިކަމެއްގެ ގޮތުގައި ދެކެން" އެ ބަޔާނުގައި ބުނެފައިވެ އެވެ.

ހޯޕް ޓްރެވަލްސްއިން ބުނީ ކަނޑުދަތުރުފަތުރުގެ ހިދުމަތުގެ އިތުރުން އެކުންފުނިން އެކި އިންޑަސްޓްރީތަކުގައި މަސައްކަތް ކުރާ ކަމަށާއި އެ މަސައްކަތްތަކުން ދައުލަތަށް ދައްކަން ޖެހޭ ޓެކްސްގެ ދައްކަމުންދާ ކަމަށެވެ. އަދި ރޭންޑަމް ޓެކްސް އޮޑިޓްތަކުގައި އެއްވެސް ހިޔާލު ތަފާތުވުމެއް އުޅޭނަމަ މީރާއަށް އެއްބާރުލުން ދޭ ކަމަށް ވެސް ބުންޏެވެ. އަދި މިހާރު ދައުވާކުރަން އެދިފައިވާ މައްސަލަ ކުރިއަށް ގެންގޮސްފައިވަނީ އާއްމު އުސޫލުތަކާއި ހިލާފަށް ކަމަށް ދެކޭ ކަމަށް އެ ބަޔާނުގައި ބުންޏެވެ.

އެ ބަޔާނުގައިވަނީ ހޯޕް ޓްރެވަލްސްއަކީ އެކި ކުންފުނިން މަސައްކަތްކުރާ ދާއިރާތަކުގެ ތެރެއިން އިންވެސްޓްމަންޓާއި މަސައްކަތަށް ބަލާއިރު ވެސް އެންމެ ކުޑަ ދާއިރާކަން މީރާއަށް އިނގޭނެ ކަމަށެވެ.

މީރާއިން ޕީޖީއަށް ފޮނުވި މައްސަލައާ މެދު ހޯޕް ޓްރެވަލްސްގެ ކަންބޮޑުވުންތަކަކީ:

- ވަކި އަސާސެއް ނެތި، ކުއްލިއަކަށް އެ ކުންފުނީގެ އޮފީހަށް މީރާއިން ވަދެ، "ތްރެޓް ލެވަލް" އެއް ކަމަށް ބުނެ އޮގަސްޓް، 2023 ގައި ތަހުގީގު ފެށުން

- މީރާގެ އޮފިސަރަކަށް ލިބޭ މެސެޖްތައް ނުވަތަ ކޮފީ މޭޒުގައި ދެކެވޭ ވާހަކައަކަށް މައްސަލަ ބިނާވުން

- މީރާގެ ތެރޭގައި އޮންނަ ވާދަވެރިކަމުގެ ތެރެއިން ޕްރޮމޯޝަން ހޯދުމުގެ ބޭނުމަށް މެދުފަންތީގެ، ސިޔާސީ ނުފޫޒެއް ނެތް ވިޔަފާރިތަކަށް ޓާގެޓްކުރުން

- 2020 ވަނަ އަހަރު ޑޭޓާއެއްގެ ތަހުގީގެއް 2023 ވަނަ އަހަރުގެ އޮގަސްޓް މަހު ފަށައި، އަވަސް އަރުވާލައިގެން ދައުވާކުރަން ފޮނުވުން

- އެ މައްސަލާގައި ދައުވާކުރަން ހުށައެޅުމުގެ އެންމެފަހު ދުވަހަށްވުމުން ބަޔާން ކިޔައި، ސޮއިކުރުމަށް އެކަށީގެންވާ ވަގުތު ދީފައި ނުވުން

- ތަހުގީގު ކުރިއަށް ދިޔައިރު، ރަސްމީ "މީޓިން"ތަކަށް މީހުން މެދުވެރިކޮށް ދައުވަތު ލިބިފައިވުން

- ތަހުގީގު މަރުހަލާގައި ވެސް މީރާގެ ތެރެއިން މައްސަލާގެ މައުލޫމާތު ލީކުވެ، ކުންފުނި އިތުރަށް ބަދުނާމުވާ ގޮތަށް ވާހަކަ ފެތުރުން