Roadha Mihaaru
ރިޕޯޓް ފޮނުވުމުން މުއައްސަސާތަކުން އަޅައެއްނުލި: އޭސީސީ

ހިޔާނާތުގެ ރިޕޯޓް ފޮނުވުމުން މުއައްސަސާތަކުން އަޅައެއް ނުލި: އޭސީސީ

18 ފެބުރުއަރީ 2019

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީ)ގެ 1.3 ބިލިއަން ރުފިޔާގެ ޚިޔާނާތާ ގުޅޭ ތަހުގީގު ނިންމައި 2017 ގައި ކަމާ ގުޅުން ހުރި މުއައްސަސާތަކަށް ފޮނުވުމުން ވެސް އެކަށީގެންވާ ފިޔަވަޅު އަޅާފައި ނުވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ން މިއަދު ބުނެފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީ)ގެ 1.3 ބިލިއަން ރުފިޔާގެ ޚިޔާނާތާ ގުޅޭ ތަހުގީގު ނިންމައި 2017 ގައި ކަމާ ގުޅުން ހުރި މުއައްސަސާތަކަށް ފޮނުވުމުން ވެސް އެކަށީގެންވާ ފިޔަވަޅު އަޅާފައި ނުވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ން މިއަދު ބުނެފި އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތް ތަހުގީގުކޮށް، ތަފްސީލް ރިޕޯޓް މިދިޔަ ހަފުތާގައި އާއްމުކޮށްފައިވާއިރު، އެ ތަހުގީގު ފުރިހަމަ ނޫން ކަމަށާއި ހިޔާނާތަށް ތުހުމަތު ކުރެވޭ މީހުންނާ މެދު އެޅުނު ފިޔަވަޅެއް ނެތް ކަމަށް ބުނެ އެ އޭސީސީ އަށް ވަނީ ފާޑުކިއުން އަމާޒުވެފަ އެވެ.

އެ ފާޑުކިއުންތަކަށް ރައްދު ދީ، އެ ކޮމިޝަނުން ނެރުނު ބަޔާނެއްގައި ވަނީ ހިޔާނާތުގެ ތަހުގީގާ ގުޅިގެން ފުލުހުންނާއި ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހާއި އެޓާނީ ޖެނެރަލްގެ އޮފީހާއި ރައީސް އޮފީހާއި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އާއި ޓޫރިޒަމް މިނިސްޓްރީ އަށް އެންގި އެންގުންތައް ވެސް އާއްމުކޮށްފަ އެވެ.

އޭސީސީން ބުނިގޮތުގައި، ތަހުގީގު ނިންމައި އޮގަސްޓް 10، 2017 ގައި ހިޔާނާތުގެ ރިޕޯޓް ޕީޖީ އަށް ވަނީ ފޮނުވައިފަ އެވެ. އެއްވެސް އުނި އިތުރެއް ނުގެނެސް އޭސީސީން އާއްމުކުރީ ވެސް އެ ރިޕޯޓް ކަމަށް އެ ކޮމިޝަނުން ބުނެ އެވެ.

ކޮމިޝަނުން ބުނީ އެމްއެމްޕީއާރުސީން ދޫކުރި ފަޅުތަކާއި ރަށްތަކާ ގުޅޭ މައްސަލަތަކާއި އެ ނޫން ވެސް މައްސަލަތައް ތަހުގީގުކޮށްފައިވާ އިރު، ބައެއް މައްސަލަތަކުގެ ތަހުގީގު އަދިވެސް ކުރިއަށް އެބަދާ ކަމަށެވެ. އެމްއެމްޕީއާރުސީން ދޫކުރި ބައެއް ރަށްތަކާ ގުޅޭ ގޮތުން ދައުވާ އުފުލަން ޖެހޭ މީހުންގެ މައްޗަށް ދައުވާ އުފުލައިދޭން ޕީޖީ އޮފީހަށް 2017 ގައި ފޮނުވައި ކޮމިޝަނުން ތަހުގީގު ކުރި އެހެން މައްސަލަތަކުގެ މައުލޫމާތު ވެސް ހިއްސާކުރި ކަމަށް ބަޔާނުގައި ވެ އެވެ.

އޭސީސީ ބަޔާނުގެ ތަފްސީލް:

- އެމްއެމްޕީއާރުސީން ދޫކުރި ރަށްތަކަށް އެކުއިޒިޝަން ކޮސްޓް ނެގުމުގައި މަކަރާއި ހީލަތާއި އޮޅުވާލުން ހިމެނޭ މައްސަލަ ތަހުގީގުކޮށްދޭން ޕޮލިހަށް ހުށަހެޅިން.

- ރަށްތައް ދޫކުރަން ބޭނުންކޮށްފައިވާ އެމްއެމްޕީއާރުސީގެ ބޯޑު ރިޒޮލިއުޝަނަކީ ފޯޖްކޮށްފައިވާ ރިޒޮލިއުޝަނެއް ކަމަށް ތުހުމަތު ކުރެވޭ މައްސަލަ ފުލުހުންނަށް ހުށަހެޅިން.

- ރަށްތަކުގެ އެކުއިޒިޝަން ކޮސްޓުގެ ގޮތުގައި އެމްއެމްޕީއާރުސީ އަށް ދޫކޮށްފައިވާ ބޭންކާސް ޗެކް ނުވަތަ ބޭންކް އޯޑަ ޗެކްތަކުގައި ޕޭއީއެއްގެ ގޮތުގައި އެމްއެމްޕީއާރުސީ ލިޔެފައިވީ ނަމަވެސް އެ ޗެކްތައް އެންޑޯޒްކުރުމަށް އެމްއެމްޕީއާރުސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ސޮއިކޮށް، ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެސްއޯއެފްގެ އެކައުންޓަށް 22 މިލިއަން ޑޮލަރު ޖަމާކޮށްފައިވާތީ އެކަމުގައި އެ ބޭންކުގެ މުވައްޒަފުންތަކެއްގެ ބައިވެރިވުމެއް އޮތް ކަމަށް ތުހުމަތު ކުރެވޭ މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ތަހުގީގު އެބަދޭ.

އެމްއެމްޕީއާރުސީން ނަސަންދުރަ ޕެލަސް ހޮޓެލް ގާނޫނާ ޚިލާފަށް 50 އަހަރަށް ކުއްޔަށް ދޫކުރި މައްސަލައިގައި ތުހުމަތު ކުރެވޭ މީހުންގެ މައްޗަށް ދައުވާ ކޮށްދޭން ޕީޖީގެ އޮފީހަށް ފޮނުވިން. އެ މައްސަލައިގައި ދައުލަތަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ޓޫރިޒަމް މިނިސްޓްރީ އަށް އެންގިން.

- އެމްއެމްޕީއާރުސީގެ ފައިސާ އެސްއޯއެފްގެ އެކައުންޓްތަކަށް ޖަމާކޮށް، އަމިއްލަ ފަރާތްތަކުގެ އެކައުންޓްތަކަށް ފޮނުވި މައްސަލަ ފުލުހުންނާ ގުޅިގެން ވަކިން ތަހުގީގު ކުރަން ވަނީ ނިންމާފައި. އެއީ އެސްއޯއެފުން ކޮން ގޮތަކުން ފައިސާ ދޭން ޖެހޭ ފަރާތްތަކެއްތޯ އާއި އެ ފަރާތްތަކުގެ އެކައުންޓްތަކަށް ފައިސާ ޖަމާކޮށްފައި ވަނީ ކީއްވެތޯ ތަހުގީގުގައި އިތުރަށް ބަލާނެ.

- ޑޮލަރު ޓްރާންސްފާކޮށްފައި ހުރި އެންމެންނަކީ އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ބައިވެރިވެފައިވާ ފަރާތްތަކެއް ކަމަށް ކޮމިޝަނުގެ ތަހުގީގު ރިޕޯޓުގައި ކަނޑައަޅައިފައެއް ނުވާނެ.

- ރިސޯޓް ތަރައްގީ ކުރުމަށް އެމްއެމްޕީއާރުސީން ދޫކުރި އޮފަ ލެޓާތައް ވިއްކައި ވިޔަފާރީގެ މުއާމަލާތް ހިންގި މައްސަލަ މީރާ އަށް ހުށަހެޅިން

އޭސީސީން ބުނިގޮތުގައި އެމްއެމްޕީއާރުސީން ރަށްތައް ދޫކުރުމުގައި ހިޔާނާތް ހިންގާފައިވާ މައްސަލައިގައި ދައުވާކޮށްދިނުމަށް އެދި ޕީޖީ އަށް ފޮނުވި ނަމަވެސް އެ މައްސަލަތަކުގައި ދައުވާކޮށް، ކޮރަޕްޝަންގެ ކުށް ސާބިތުވާ ކަމަށް ކޯޓަކުން ހުކުމްކޮށްފައި ވަނީ ހަމައެކަނި ޅ. މާބިންހުރާ މައްސަލައިގަ އެވެ.

"އެމްއެމްޕީއާރުސީގެ މައްސަލައިގައި ދައުލަތުގެ އިދާރާތަކަށް އަންގާފައިވާ އެންގުންތަކުގެ އިތުރުން އެ އިދާރާތަކަށް ހިއްސާކޮށްފައިވާ މައުލޫމާތާ ގުޅިގެން އެއްވެސް އިދާރާއަކުން އެއްވެސް ފިޔަވަޅެއް އަޅާފައިވާ ކަން ކޮމިޝަނަށް އަންގާފައި ނުވާ ކަން މި ފުރުސަތުގައި ފާހަގަކުރުމެވެ،" އޭސީސީގެ ބަޔާނުގައިވެ އެވެ.

"އަދި އެ އިދާރާތަކުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާފައި ނުވުމަކީ ކޮމިޝަނުން އެކަމުގައި ޒިންމާ ނަގަން ޖެހޭ ކަމެއް ކަމަށް ދޭހަވާ ގޮތަށް މީޑިއާގައި ވާހަކަދެކެވެމުން ދިއުމަކީ ކަމުގެ ހަގީގަތް އޮޅޭ ގޮތަށް ދެކެވެމުންދާ ވާހަކަތަކެއްގެ ގޮތުގައި ފާހަގަ ކުރަމެވެ."

ހިޔާނާތުގެ ތަހުގީގާ ގުޅޭ ބައެއް މައުލޫމާތު ސިއްރުކޮށްފައިވާ ކަމަށާއި ރިޕޯޓް ނެރުނީ ފުރިހަމަނުކޮށް ކަމަށް ކުރާ ތުހުމަތު ވެސް ބަޔާނުގައި އޭސީސީން ވަނީ ދޮގުކޮށްފަ އެވެ.