ލޯކަލް ކައުންސިލްތަކުން ބޮޑެތި ހަރަދުތައް ކޮށްގެން ރާއްޖެ އިން ބޭރަށް ކުރަނީ ބޭކާރު ދަތުރުތައް ކަމަށް ބުނެ ދައްކާ ވާހަކަތަކަށް ބ. ކިހާދޫ ކައުންސިލުގެ ރައީސް ހުސެއިން ޝާފިއު ރޭ ރައްދު ދެއްވައިފި އެވެ.
14 އޯގަސްޓް 2025
ލޯކަލް ކައުންސިލްތަކުން ބޮޑެތި ހަރަދުތައް ކޮށްގެން ރާއްޖެ އިން ބޭރަށް ކުރަނީ ބޭކާރު ދަތުރުތައް ކަމަށް ބުނެ ދައްކާ ވާހަކަތަކަށް ބ. ކިހާދޫ ކައުންސިލުގެ ރައީސް ހުސެއިން ޝާފިއު ރޭ ރައްދު ދެއްވައިފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ރަށަށް އިއްޔެ ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވަން ބޭއްވި ޖަލްސާގައި ޝުކުރު އަދާކުރެއްވުމުގެ އައިޓަމްގައި ވާހަކަ ދައްކަވަމުން ކައުންސިލްގެ ރައީސް ވިދާޅުވީ، ކައުންސިލްތަކުން ރާއްޖެ އިން ބޭރަށް ތަޖުރިބާ ދަތުރުތަކުގައި ގޮސް ކުރަމުން ދަނީ ބޭކާރު ހަރަދުތަކެއް ކަމަށް ބުނެ ސަރުކާރާއި ރައްޔިތުންގެ މަޖިލިހުގެ ވަރަށް ގިނަ މެމްބަރުން ދައުލަތުގެ މީޑިއާގައި ވާހަކަދައްކަމުންދާ ކަމަށެެވެ.
އެ ވާހަކަތަކަށް ރައްދު ދެއްވަމުން ޝާފިއު ވިދާޅުވީ، ކައުންސިލްތަކުން ވެސް އެކި ރަށްރަށަށް ގޮސް އެ ރަށްރަށުން ކަންތައްތައް ކުރާ ގޮތް ބަލައި ދަސްކުރަންޖެހޭ ކަމަށެވެ.
އޭނާ ވިދާޅުވީ ކިހާދޫގެ ކުނި މެނޭޖު ކުރުމުގެ ކަންކަން ބެލުމަށް އެކި ކައުންސިލުތަކުން އެ ރަށަށް މިދިޔަ ހަތަރު އަހަރުގެ ތެރޭގައި ދަތުރުތައް ކޮށްފައިވާ ކަމަށާއި އެއީ އުފާ ކުރައްވާ ކަމެއް ކަމަށެވެ. އަދި ރާއްޖެ އިން ބޭރުގެ އެކި ގައުމުތަކުގައި ރައްޔިތުންނަށް ލުއިވާނެ ގޮތަށްދޭ ހިދުމަތްތައް ބެލުމާއި ރައްޔިތުންގެ ފުއްދުންތެރިކަން އިތުރުކުރުމަށް ހިންގާ ކަންކަން ވެސް ބަަލަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖެއިން ބޭރުގެ ގައުމުތަކުގައި ކަންކަންވާ ގޮތް ބެލުމަކީ ހަމައެކަނި މާލޭގައި ހިންގާ މިނިސްޓްރީތަކުން ކުރަންޖެހޭ ކަމެއް ނޫން ކަމަށް ޝާފިއު ވިދާޅުވި އެވެ.
"އެއީ ހަމައެކަނި މާލޭގައި ޒަމާންވީ ވުޒާރާތަކުގައި ތިބޭ ފަރާތްތަކަށް ފެންނަންޖެހޭ މަންޒަރެއްގެ ގޮތުގައި ދެކެމުން އައި ދެކުން މިއަދު އަޅުގަނޑު ދެކޭ ގޮތުގައި ބަދަލުވާންޖެހޭ،" ރައީސް މުއިއްޒު ބައިވެރިވެވަޑައިގެންނެވި ޖަލްސާގައި ކިހާދޫ ކައުންސިލްގެ ރައީސް ޝާފިއު ވިދާޅުވި އެވެ.
ކިހާދު އަށް ރައީސް މުއިއްޒު އިއްޔެ ވަޑައިގަތުމުން މަރުހަބާ ދަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް
އޭނާ ވިދާޅުވިގޮތުގައި، ކައުންސިލުތަކަކީ ދައުލަތުގެ ތެރޭގައި އެންމެ ހާމަކަން ބޮޑު ގޮތެއްގައި ހިންގާ އަދި އެންމެ ކޮރަޕްޝަންގެ އަމަލުތައް މަދު އިދާރާތަކެވެ.
އޮޑިޓާ ޖެނެރަލްގެ އޮފީހުގެ ތަފާސްހިސާބުތަކަށް އިޝާރާތް ކުރައްވަމުން ޝާފިއު ވިދާޅުވީ މިދިޔަ ހަތަރު އަހަރުގެ ތެރޭގައި ކައުންސިލްތަކުން ހިންގި ކޮރަޕްޝަނުގެ އަދަދުތައް ފަސް މިލިއަން ރުފިޔާ އަށް ވެސް ނާރާ ކަމަށެވެ. އެއީ އެހެން އިދާރާތަކުން ހިންގާ ކޮރަޕްޝަނުން ދައުލަތަށް ގެއްލުނު ފައިސާއާ އަޅާބަލާއިރު 0.001 ޕަސެންޓް ކުޑަ އަދަދެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"ކައުންސިލުތަކަކީ ދިވެހި ދައުލަތުގެ ތެރޭގައި އެންމެ ހާމަކަން ބޮޑު ގޮތެއްގައި ހިންގާ ރައްޔިތުންނަށް އެންމެ ޖަވާބުދާރީވާ އެންމެ ކޮރަޕްޝަން މަދު އަދި އެންމެ ގިނަ ބައެއްގެ ޝާމިލުވުމާއި ބައިވެރިވުމާ އެކު ހިންގާ އިދާރާ ކަމަށް ރާއްޖޭގެ ހުރިގާ ރައްޔިތުން ގަބޫލުކުރޭ،" ކިހާދޫ ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.
އެެހެންވެ ރައީސް މުއިއްޒުގެ އަރިހުން އޭނާ އެދިވަޑައިގަތީ ލާމަރުކަޒީ ނިޒާމު ހަރުދަނާކުރަން ކޮންމެ ވެރިކަމެއްގައި ވެސް ކައުންސިލަރުންގެ އަދަދު އިތުރު ކުރުމާއި މަދުކުރުމުގެ ބަދަލުގައި މައުނަވީ ގޮތެއްގައި އެ ނިޒާމަށް ހެޔޮ ބަދަލެއް ގެނެވޭނެ ގޮތަކަށް އަމަލު ކުރެއްވުމަށެވެ.
ކައުންސިލްތަކުގެ ހަރަދުތައް ކުޑަކޮށް ރާއްޖެއިން ބޭރަށް ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށް ސަރުކާރުން އަންގާފައި ވިޔަސް، ބައެއް ކައުންސިލްތަކުން ޔޫއޭއީ އާއި ތުރުކީ އާއި ތައިލެންޑް ފަދަ ގައުމުތަކަށް ދަތުރުކުރާ މައްސަލަ ވަރަށް ބޮޑެވެ. އަދި އޮޑިޓަ ޖެނެރަލް ވެސް އެފަދަ ދަތުރުތަކުގެ މައްސަލަ ކަންބޮޑުވުމާ އެކު ފާހަގަކުރައްވައިފަ އެވެ.
ބ. އަތޮޅަށް ރައީސް މުއިއްޒު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިދިޔަ ހޯމަ ދުވަހު ކެންދު އަށް ވަޑައިގެން އެ މަނިކުފާނު ވެސް ވަނީ، ސަރުކާރުން ދޫކުރާ ފައިސާގައި "ތަޖުރިބާގެ ދަތުރުތައް" ކައުންސިލުތަކުން ކުރަމުންދާތީ ނުރުހުން ފާޅުކުރައްވައިފަ އެވެ.
އެ މަނިކުފާނު ވިދާޅުވީ، ބައެއް ކައުންސިލްތަކުން ޒިންމާދާރުކަން ކުޑަ ގޮތެއްގައި ބްލޮކް ގްރާންޓަށް ދޫކުރާ ފައިސާ އާއި އާމްދަނީގެ ގޮތުގައި ލިބޭ ފައިސާ ބޭނުންކުރަމުންދާ ކަމަށެެވެ.
"މުޅި ކައުންސިލް އޮތް ގޮތަށް ރަށު ކައުންސިލު އެކަންޏެއް ނޫން، އަތޮޅު ކައުންސިލް އޮތް ގޮތަށް ތަޖުރިބާގެ ދަތުރޭ ކިޔާފައި އެއްވެސް ރަށެއްގެ ރައްޔިތަކަށް ނޫނީ އަތޮޅެއްގެ ރައްޔިތަކަށް ފައިދާ ނުވާނެ، ފައިދާ ނުހޯދޭނެ ތަންތަނަށް ގައުމުތަކަަށް އެބަދޭ ބްލޮކް ގްރާންޓާއި އާމްދަނީގެ ގޮތުގައި ހޯދާ ފައިސާ ބޭނުންކޮށްގެން،" ރައީސް ވިދާޅުވި އެވެ.
ބައެއް ކައުންސިލްތަކުން ޒިންމާދާރުކަން ކުޑަ ގޮތެއްގައި ބްލޮކް ގްރާންޓަށް ދޫކުރާ ފައިސާ އާއި އާމްދަނީގެ ގޮތުގައި ލިބޭ ފައިސާ ބޭނުންކުރަމުންދާ ކަމަށެެވެ.
ރައީސް ވިދާޅުވީ ކައުންސިލުތަކަށް ބްލޮކް ގްރާންޓުދީ، ރަށުގައި އާމްދަނީ ހޯދޭނެ މަގު ފަހިކޮށްދީފައި ވަނީ ރަށްރަށުގެ މުނިސިޕަލް ކަންކަމާއި ރައްޔިތުންނަށް ބޭނުންވާ ކަންކަމަށް އިންވެސްޓް ކުރުމަށެވެ.
އެމަނިކުފާނު ވިދާޅުވީ ލާމަރުކަޒީ ނިޒާމަކީ މާ ސީރިއަސް ނިޒާމެއް ކަމަށެވެ. އެއީ ރައްޔިތުންނަށް ވަރަށް މުހިއްމު ނިޒާމެއް ކަމަށާއި އެ ނިޒާމުގެ ދަށުން މަސައްކަތް ކުރަން ވާނީ އިހުލާސްތެރިކަމާއި ޒިންމާދާރުކަމާ އެކު ކަމަށް ރައީސް ވިދާޅުވި އެވެ.
ބ. އަތޮޅުގެ ދަތުރުފުޅުގެ ތެރެއިން ރައީސް މުއިއްޒު ވަނީ ރަށްރަށުގެ އެކި ކަންކަމަށް ސަރުކާރުން ކައުންސިލްތަކަށް ދޫކުރާ ބްލޮކް ގްރާންޓު ވެސް ބޭނުން ނުކުރާތީ އެ މައްސަލަ ފެންމަތިކުރައްވައިފަ އެވެ.
އޭދަފުށީގައި މިދިޔަ އަންގާރަ ދުވަހު ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރަށްރަށުގެ އެކި ކަންކަމަށް ހަރަދު ކުރުމަށް ބްލޮކް ގްރާންޓުގެ ގޮތުގައި ކައުންސިލްތަކަށް ސަރުކާރުން މިދިޔަ އަހަރު ޖުމުލަ 2.2 ބިލިއަން ރުފިޔާ ދޫކުރިއިރު އެ އަހަރު ނިމުނުއިރު އެއްވެސް ހަރަދެއް ނުކޮށް 1.4 ބިލިއަން ރުފިޔާ ބަހައްޓާފައި ހުރި ކަމަށެވެ.
"މި އަހަރު ވެސް މި ގޮތަށް [ބްލޮކް ގްރާންޓު ފައިސާ ރަށްރަށުގެ ބޭނުންތަކަށް ހަރަދު ނުކުރުން] އަދި ކޮންޓިނިއު ވަނީ، މި އޮގަސްޓަށް މި އައީ. މިހާރު ވެސް މި އަހަރަށް ދޫކުރި ބްލޮކް ގްރާންޓުގެ ތެރެއިން ވެސް ފުދޭވަރެއްގެ ބޮޑު އިންސައްތައެއް ހަމަ ސޭވް ކުރަމުން އަންނަނީ،" ރައީސް ވިދާޅުވި އެވެ.
ރަށުގެ ބޮޑުމިނަށް ބަލައިގެން ބްލޮކް ގްރާންޓު ދޫކުރަނީ
އަތޮޅުކައުންސިލްތައް އުވާލަން ގާނޫނުއަސާސީ އިސްލާހުކުރަނީ
"އިސްލާހު ގެނައީ ބަޖެޓު ނަހަމަ ގޮތުގައި ބޭނުންކުރާތީ"
ލާމަރުކަޒީ ގާނޫނުގެ އިސްލާހުގެ ބިލް ތަސްދީގުކޮށްފި
އިސްލާހުތަކުގެ ސަބަބުން ލިބޭނީ ބާރުވެރިކަން: ރައީސް
ރައީސްގެ ކުރިމަތީގައި ހުރެ އެދުނީ ބިލް ތަސްދީގުނުކުރަން
ބްލޮކް ގްރާންޓު ފައިސާ ހޭދަނުކުރާ މައްސަލަ ބޮޑު!
ކައުންސިލްތަކުން ބޭކާރުދަތުރުކުރާތީ ރައީސްގެ ނުރުހުން!
"ރައީސް ގެންދަނީ ހަގީގީ މާނައިގައި ބާރުވެރިކުރަމުން"
ސިޔާސީ މަގާމުތަކުގެ އަދަދު ގާނޫނަކުން ކަނޑައަޅަނީ!