Roadha Mihaaru

ރައީސް މުއިއްޒު ކުރިމަތީގައި ހުންނަވައި، ދޮންފަނު ކައުންސިލްގެ ރައީސް އެދިވަޑައިގަތީ ބިލް ތަސްދީގު ނުކުރަން

ލޯކަލް ކައުންސިލްތަކުގެ އާމްދަނީ ދަށްވާނެ އިސްލާހުތައް ތަސްދީގު ނުކުރައްވަން ބ. ދޮންފަނު ކައުންސިލްގެ ރައީސް އަހުމަދު އިރުޝާދު، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހުން މިއަދު އެދިވަޑައިގެންފި އެވެ.

ރައީސްގެ ކުރިމަތީގައި ހުރެ އެދުނީ ބިލް ތަސްދީގުނުކުރަން

ލޯކަލް ކައުންސިލްތަކުގެ އާމްދަނީ ދަށްވާނެ އިސްލާހުތައް ތަސްދީގު ނުކުރައްވަން ބ. ދޮންފަނު ކައުންސިލްގެ ރައީސް އަހުމަދު އިރުޝާދު، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހުން މިއަދު އެދިވަޑައިގެންފި އެވެ.

ރައީސް މުއިއްޒު މިއަދު ހަވީރު ދޮންފަނަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވަން ބޭއްވި ޖަލްސާގައި ޝުކުރު ދެންނެވުމުގެ އައިޓަމްގައި ކައުންސިލްގެ ރައީސް އެ ކަމަށް އެދިވަޑައިގަތީ ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުން ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާފައިވާ ބިލް މިދިޔަ ބުދަ ދުވަހު ފާސްކޮށް ތަސްދީގު ކުރުމުގެ މަރުހަލާ އަށް ފޮނުވާފައިވާތީ އެވެ.

އިރުޝާދު ވިދާޅުވީ، ލާމަރުކަޒީ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކާ މެދު ނުހަނު ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.

ރައީސް މުއިއްޒަށް ތައުރީފު ކުރައްވަމުން ދޮންފަނު ކައުންސިލްގެ ރައީސް އިރުޝާދު ވިދާޅުވީ، އެއީ ރައްޔިތުންގެ އަަޑުއައްސަވައިގެން ސަރުކާރުގެ ނިންމުންތައް ބައްދަލުކުރައްވާ ވެރިއެއް ކަމަށެވެ. މި ސަރުކާރުގައި މިދިޔަ ދޮޅު އަހަރު އެކަން ފެނިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސް މުއިއްޒު ދޮންފަނު ކައުންސިލާ މިއަދު ބައްދަލުކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް

ރައީސް މުއިއްޒު ދޮންފަނު ކައުންސިލާ މިއަދު ބައްދަލުކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް

"ދޮންފަނުގެ ތަރައްގީ އަށް އެންމެ ބޮޑު އުންމީދަކީ ލާމަރުކަޒީ މާލީ ބާރުވެރިކަން. އެއީ ކައުންސިލް އިމާރާތަކަށް ވުރެ މާ މުހިންމު ކަމެއް. ރައްޔިތުންގެ މަޖިލިހުން ލާމަރުކަޒީ ގާނޫނަށް ގެނެސްފައިވާ އިސްލާހުތަކާ މެދު ނުހަނު ކަންބޮޑުވޭ. ކައުންސިލްގެ އާމްދަނީ ދަށްވާނެ އިސްލާހުތައް ތަސްދީގު ނުކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ކިބައިން ވަރަށް އަދަބުވެރިކަމާ އެކު އަޅުގަނޑު އެދެން،" އިރުޝާދު ވިދާޅުވި އެވެ.

ދޮންފަނު ކައުންސިލްގެ ރައީސް ވިދާޅުވީ ކޮންމެ ރަށެއްގެ ތަރައްގީގެ ކަންކަމާއި ދަތިތައް އެ ރަށަކަށް ރައީސް މުއިއްޒު ވަޑައިގެން ކައިރިން ބެއްލެވުމުން އެނގެނީ ރައްޔިތުންގެ އަޑުއަހައިގެން ސަރުކާރު ހިންގުމަށް ދެއްވާ އިސްކަން ކަމަށެވެ.

މަޖިލިހުގައި މިހާރު އޮތް އިސްލާހުގެ ބިލްގައި ބުނަނީ ކީކޭ؟

ކައުންސިލްތަކުގެ މާލީ ހަރަދުތައް ކުރުން ހަނިކުރެވޭ ގޮތަށް ސަރުކާރުގެ ފަރާތުން ލާމަރުކަޒީ ގާނޫނަށް ހުށަހެޅިި އިސްލާހުތަކުގެ ތެރެއިން އެއް ކަމަކީ ކައުންސިލްތަކުގެ އުމުރުގެ ފަހު އަހަރުގައި މާލީ ކަންކަން ހިންގާއިރު ފިނޭންސް މިނިސްޓްރީ އާއި އެލްޖީއޭ އިން ކަނޑައަޅާ އުސޫލެއްގެ ތެރެއިން އަމަލުކުރަން ލާޒިމް ކުރުމެވެ.

އެ އިސްލާހުގައި ބުނެފައި ވަނީ ކައުންސިލްތަކުގެ އުމުރު ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ހަމަވުމާ ދެމެދު އޮތީ އެއް އަހަރު ނުވަތަ އެ އަށް ވުރެ ކުރު މުއްދަތެއް ނަމަ ފިނޭންސް މިނިސްޓްރީ އާއި އެލްޖީއޭ އިން ކަނޑައަޅާ އުސޫލުތަކާ އެއްގޮތްވާ ގޮތަށް ނޫނީ ބައެއް ކަންކަން ކުރަން ކައުންސިލުން ނިންމައިގެން ނުވާނެ ކަމަށެވެ. އެއީ:

1- ކައުންސިލް އިދާރާ އަށް ނުވަތަ ކައުންސިލް އޮފީހަކަށް ދާއިމީ މުވައްޒަފުން ނުވަތަ ކޮންޓްރެކްޓް މުވައްޒަފުން ނެގުން.

2- ކައުންސިލްގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ބިމާއި ފަޅާއި ފަރުގެ ސަރަހައްދުތައް ކުއްޔަށް ދޫކުރުމާއި ދިނުން.

ބިލްގައި ދެން ހިމެނޭ އެންމެ މުހިންމު އެއް ކަމަކީ ކައުންސިލް ހިމެނޭ ދާއިރާތަކުގެ ތެރޭގައި އިގްތިސާދީ ހަރަކާތްތައް ހިންގުމުގެ ބާރު އެ ރަށެއްގެ ލޯކަލް އޮތޯރިޓީ ކުންފުންޏަށް ދީފައިވީ ނަމަވެސް ވަކި ޝަރުތުތަކެއް ފުރިހަމަ ކުރަން ޖެހުމެވެ. އޭގެ ތެރޭގައި ހިމެެނެނީ ބިލްގައި ވާ ގޮތުން:

1- އެ ލޯކަލް އޮތޯރިޓީ ކުންފުނިން ނިސްބަތްވާ ރަށުގައި ނުވަތަ ރަށްތަކުގައި އަމިއްލަ ފަރާތަކުން ކުރަމުންދާ އިގުތިސާދީ މަސައްކަތެއް ނުވަތަ ވިޔަފާރިއެއް ކަމުގައި ނުވުން.

2- އެ މަސައްކަތަކީ ރަށުގެ ނުވަތަ ރަށްތަކުގެ އުމްރާނީ ތަރައްގީ އަށް ކޮންމެހެން ކުރަން ޖެހިފައިވާ މަސައްކަތަކަށް ނުވުން.

3- އެ މަސައްކަތުގެ އިންވެސްޓްމަންޓް ނުވަތަ ރައުސްމާލުގެ އަދަދު 10 މިލިއަން ރުފިޔާ އަށް ވުރެ ބޮޑު ނުވުން.

ބިލްގައި ބަޔާންކޮށްފައިވާ ގޮތުން ސަރުކާރުގެ ފަރާތުން ރައްޔިތުންނަށް އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް އެކި ފަރާތްތަކަށް ކުއްޔަށް ދޫކޮށްފައިވާ ބިމުން ނުވަތަ އިމާރާތުން ކުއްޔެއް ވެސް ނުނެގޭނެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ކުއްޔަށް ދޫކޮށްފައިވާ ބިމާއި ފަޅާއި ފަރުގެ ސަރަޙައްދުތަކުގެ ކުއްޔާއި ކައުންސިލްގެ އިމާރާތްތަކާއި މުދަލުގެ ކުއްޔެވެ.

ކައުންސިލްތަކުގެ ބޭންކު އެކައުންޓުތައް ހިންގަންޖެހެނީ ބިލްގައިވާ ގޮތުން ފިނޭންސް މިނިސްޓްރީން ކަނޑައަޅާ އުސޫލެއްގެ ތެރެއިންނެވެ. އަދި އެ ކައުންސިލެއްގެ ބޭންކު އެކައުންޓުގެ ސްޓޭޓްމަންޓް ހޯދަން ފިނޭންސް މިނިސްޓްރީން އެދިއްޖެ ހާލަތެއްގައި އެ މައުލޫމާތު ވެސް އެ މިނިސްޓްރީ އަށް ދޭން ވާނެ ކަމަށް ބިލްގައި ވެ އެވެ.

ސަރުކާރުގެ އެކި ފަންތީގެ ބޭފުޅުން އެކި ޕްލެޓްފޯމުތަކުގައި ވިދާޅުވެފައި ވަނީ ލޯކަލް ކައުންސިލްތަކުން މާލީ ބާރުވެރިކަމުގެ ބޭނުން ހިފަނީ ޒިންމާދާރުކަމާ އެކުގައި ކަން ކަށަވަރު ކުރުމަކީ ލާމަރުކަޒީ ނިޒާމު އިތުރަށް ހަރުދަނާވެ، ރައްޔިތުންގެ އިތުބާރު ބޮޑުވާނެ ކަމެއް ކަމަށެވެ..

ހާއްސަކޮށް ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް، ކައުންސިލްތައް މާލީގޮތުން ބާރުވެރިކުރުމަށްޓަކައި ރައީސް މުއިއްޒު ގެންދަވަނީ ހަރުދަނާ މަސައްކަތްޕުޅުތަކެއް ކުރައްވަމުން ކަމަށް ރައްޔިތުންގެ މަޖިލިހުގައި ތިއްބަވާ ޕީއެންސީގެ މެމްބަރުން އަދި ކަމާ ގުޅޭ މިނިސްޓަރުން ގެންދަވަނީ ވިދާޅުވަމުންނެވެ.

އެކަމަކު، އިދިކޮޅު އެމްޑީޕީން ބުނެފައި ވަނީ ލާމަރުކަޒީ ގާނޫނަށް ސަރުކާރުން އިސްލާހުތައް ހުށަހަޅާފައި ވަނީ ކައުންސިލްތަކުގެ ބާރުވެރިކަން ނިގުޅައިގަންނަން ކަމަށެވެ. އަދި އެ އިސްލާހުތައް ތަންފީޒު ނުކުރަން ވަނީ ތަކުރާރުކޮށް ގޮވާލައިފަ އެވެ.