Roadha Mihaaru

ކައުންސިލްތަކުން ބްލޮކް ގްރާންޓު ފައިސާ ހޭދަނުކުރާ މައްސަލަ: މިދިޔަ އަހަރު ވެސް 1.4 ބިލިއަން ރުފިޔާ ބާކީ!

ރަށްރަށުގެ އެކި ކަންކަމަށް ހަރަދު ކުރުމަށް ބްލޮކް ގްރާންޓުގެ ގޮތުގައި ކައުންސިލްތަކަށް ސަރުކާރުން މިދިޔަ އަހަރު ޖުމުލަ 2.2 ބިލިއަން ރުފިޔާ ދޫކުރިއިރު އެ އަހަރު ނިމުނުއިރު އެއްވެސް ހަރަދެއް ނުކޮށް 1.4 ބިލިއަން ރުފިޔާ ބަހައްޓާފައި ހުރި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

ބްލޮކް ގްރާންޓު ފައިސާ ހޭދަނުކުރާ މައްސަލަ ބޮޑު!

ރަށްރަށުގެ އެކި ކަންކަމަށް ހަރަދު ކުރުމަށް ބްލޮކް ގްރާންޓުގެ ގޮތުގައި ކައުންސިލްތަކަށް ސަރުކާރުން މިދިޔަ އަހަރު ޖުމުލަ 2.2 ބިލިއަން ރުފިޔާ ދޫކުރިއިރު އެ އަހަރު ނިމުނުއިރު އެއްވެސް ހަރަދެއް ނުކޮށް 1.4 ބިލިއަން ރުފިޔާ ބަހައްޓާފައި ހުރި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

"މިއީ ބްލޮކް ގްރާންޓް. މި ފައިސާ ކައުންސިލްތަކަށް މިދެނީ ހިދުމަތްތައް ފޯރުކޮށްދޭން. މުނިސިޕަލް ހިދުމަތް ކުރަން މިދެނީ. އެހެންވީމާ އެ ފައިސާ ހަރަދު ކުރުމަކީ ކައުންސިލަށް ލާޒިމު ކަމެއް ރައްޔިތުންނަށް ކަންކަން ކޮށްދޭން،" ބ. އަތޮޅަށް އިއްޔެ ފެއްޓެވި ދަތުރުފުޅުގައި އޭދަފުށީގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވިގޮތުގައި ބްލޮކް ގްރާންޓުގެ ގޮތުގައި ސަރުކާރުން ކައުންސިލްތަކަށް ފައިސާ ދޫކުރަނީ ވީ އެންމެ ފެންވަރު ރަނގަޅަކަށް އެ ރަށެއްގައި މަސަައްކަތް ކުރަން ކަމަށް ވިޔަސް އަހަރު ނިމުނުއިރު ދެބައިކުޅަ އެއްބައި ބާކީ ކުރުމުން ކަންކަން ނުކުރެވޭ ކަމަށެވެ.

"މި އަހަރު ވެސް މި ގޮތަށް [ބްލޮކް ގްރާންޓު ފައިސާ ރަށްރަށުގެ ބޭނުންތަކަށް ހަރަދު ނުކުރުން] އަދި ކޮންޓިނިއު ވަނީ، މި އޮގަސްޓަށް މި އައީ. މިހާރު ވެސް މި އަހަރަށް ދޫކުރި ބްލޮކް ގްރާންޓުގެ ތެރެއިން ވެސް ފުދޭވަރެއްގެ ބޮޑު އިންސައްތައެއް ހަމަ ސޭވް ކުރަމުން އަންނަނީ،" ރައީސް ވިދާޅުވި އެވެ.

އޭދަފުށީގައި ވާހަކަފުޅު ދައްކަވަމުން ވެސް ރައީސް މުއިއްޒު ކަންބޮޑުވުން ފާޅުކުރެއްވި އެއް ކަމަކީ ރަށްރަށަށް ކޮށްދޭންޖެހޭ ކަންކަން ބްލޮކް ގްރާންޓުން ހަރަދު ނުކޮށް ކައުންސިލަރުން ތަޖުރިބާ ދަތުރުތައް ކުރައްވާ މައްސަލައިގަ އެވެ.

ރައީސް މުއިއްޒު އޭދަފުށީގެ ރައްޔިތުންނާ ރޭ ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް

ރައީސް މުއިއްޒު އޭދަފުށީގެ ރައްޔިތުންނާ ރޭ ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް

ރައީސް ވިދާޅުވިގޮތުގައި، ބްލޮކް ގްރާންޓު ފައިސާ އިން ހަރަދު ކޮށްގެން ކައުންސިލަރުން އެ ދަތުރުތަކުގައި ވަޑައިގަންނަވަނީ ވެސް ރާއްޖެ ކަހަލަ ގައުމަކަށް އެ ތަޖުރިބާ އިން ފައިދާ ނުކުރާނެ ގައުމުތަކަށެވެ. އެހެންވެ، ކައުންސިލްތަކުން ބޭކާރު ހަރަދު ނުކުރުމަށް އެ މަނިކުފާނު ތަކުރާރުކޮށް އެދިވަޑައިގަތެވެ.

"ޒިންމާދާރުކަމާ އެކީގައި ރައްޔިތުންނަށް ހަރަދު ކުރުމަށް ދޫކުރާ ފައިސާ ބޭނުންކުރަން އެބަޖެހޭ. ބަޖެޓު ފާސްކޮށްފައި، ބަޖެޓުން މި ދޫކުރާ ފައިސާއަކީ ގާނޫނީ ގޮތުން ކައުންސިލްތަކަށް ދޫކުރާ އެއްޗެއް. ފައިސާ ޖެހޭނީ ހަރަދު ކުރަން ކައުންސިލްތަކުން ރައްޔިތުންނަށް ހިދުމަތް ދޭން،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

"ބާކީ ކޮށްގެން ވާ ފައިދާއެއް ނެތޭ. އެ އިންވެސްޓެއް ވެސް ކުރަނީކީ ނޫން ރައްޔިތުންނަށް ފައިދާވާ ގޮތަކަށް. ކަމަކަށް އިންވެސްޓް ކުރާ ނަމަވެސް ރަނގަޅު."

ރައީސް ވިދާޅުވީ، އެ މަނިކުފާނު އެކަން ސަމާލުކަމަށް ގެންނެވީ ރައްޔިތުންނާއި ކައުންސިލްތަކުން އިތުރަށް ވިސްނުމަށް ކަމަށެވެ.

އޭދަފުށީގައި ރޭ ބޭއްވި ޖަލްސާ އަށް ރައީސް މުއިއްޒު ވަޑައިގަތުމުން އެ ދާއިރާގެ މެމްބަރު ސަލީމާއި ކައުންސިލްގެ ބޭފުޅުން މަރުހަބާ ދަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް

އޭދަފުށީގައި ރޭ ބޭއްވި ޖަލްސާ އަށް ރައީސް މުއިއްޒު ވަޑައިގަތުމުން އެ ދާއިރާގެ މެމްބަރު ސަލީމާއި ކައުންސިލްގެ ބޭފުޅުން މަރުހަބާ ދަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް

މާލޭގެ މޭޔަރުކަން ވެސް ކުރެއްވި ރައީސް މުއިއްޒު ވިދާޅުވީ، ލާމަރުކަޒީ ގާނޫނުގެ އެއް ޗެޕްޓަރު ހާއްސަ ކޮށްފައި ވާނީ ކައުންސިލްތަކުން އާންމު ހިދުމަތްތައް ފޯރުކޮށްދިނުމުގެ މައްޗަށް ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ފެނާއި ކަަރަންޓާއި ކުނި މެނޭޖުކުރުން ފަދަ ކަންކަމެވެ.

"އެއްކަލަ ބްލޮކް ގްރާންޓު ސޭވް ކޮށްފައި ބެހެއްޓުމުގެ ބޭނުމެއް ނެތެއް ނޫންތޯ؟ މިސާލަކަށް އެ ސޭވްކުރި ފައިސާ އިން ގާނޫނީ ގޮތުން ކައުންސިލުން ޒިންމާވާ އާންމު ހިދުމަތް ދިނުމަށްޓަކައި އިންޖީނުގެތަކަށް ހޭދަކުރާ ނަމަވެސް އެންމެ ރަނގަޅު ނޫންތޯ؟،" އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް މުއިއްޒު އޭދަފުށީގެ ރައްޔިތުންނާ ބައްދަލުކުރައްވަން ރޭ ބޭއްވި ޖަލްސާގައި ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް

ރައީސް މުއިއްޒު އޭދަފުށީގެ ރައްޔިތުންނާ ބައްދަލުކުރައްވަން ރޭ ބޭއްވި ޖަލްސާގައި ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް

ރައީސް ވިދާޅުވީ، ގާނޫނު އެއްކައިރި ކޮށްފައި ބައެއް ކައުންސިލްތަކުން ކަންކަން ކުރަނީ ޒިންމާދާރު ގޮތެއްގައި ކަމަށެވެ.

އެ މަނިކުފާނު ވިދާޅުވިގޮތުގައި ބްލޮކް ގްރާންޓުން ހަރަދު ނުކުރާ މަައްސަލައިގެ ވާހަކަފުޅު ދެއްކެވީ ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ކައުންސިލްތަކުގެ ޒިންމާތައް ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް އަދާކުރުމަށް ހިތްވަރު ދެއްވުމަށެވެ.

"އެ ގޮތަށް ކަންތައް ކުރާ ނަމަ ވަރަށް ރަނގަޅުވާނެ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

ކެންދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި އެ މަނިކުފާނު އިއްޔެ ވެސް ވަނީ ކައުންސިލުތަކަށް ސަރުކާރުން ދޫކުރާ ފައިސާގައި "ތަޖުރިބާގެ ދަތުރުތައް" ކުރަމުންދާތީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

ރައީސް މުއިއްޒު އިއްޔެ ކެންދު އަށް ވަޑައިގެން އެ ރަށު ކައުންސިލާ އެކު ބޭއްވެވި ބައްދަލުވިމަށް ހާޒިރުވެވަޑައިގެންނެވި ބައެއް ބޭފުޅުން.---ފޮޓޯ: ރައީސް އޮފީސް

ރައީސް މުއިއްޒު އިއްޔެ ކެންދު އަށް ވަޑައިގެން އެ ރަށު ކައުންސިލާ އެކު ބޭއްވެވި ބައްދަލުވިމަށް ހާޒިރުވެވަޑައިގެންނެވި ބައެއް ބޭފުޅުން.---ފޮޓޯ: ރައީސް އޮފީސް

"މުޅި ކައުންސިލް އޮތް ގޮތަށް ރަށު ކައުންސިލު އެކަންޏެއް ނޫން، އަތޮޅު ކައުންސިލް އޮތް ގޮތަށް ތަޖުރިބާގެ ދަތުރޭ ކިޔާފައި އެއްވެސް ރަށެއްގެ ރައްޔިތަކަށް ނޫނީ އަތޮޅެއްގެ ރައްޔިތަކަށް ފައިދާ ނުވާނެ، ފައިދާ ނުހޯދޭނެ ތަންތަނަށް ގައުމުތަކަަށް އެބަދޭ ބްލޮކް ގްރާންޓާއި އާމްދަނީގެ ގޮތުގައި ހޯދާ ފައިސާ ބޭނުންކޮށްގެން،" ރައީސް އިއްޔެ ވިދާޅުވި އެވެ.

މިފަހުން ވަނީ ހދ. އަތޮޅު ކައުންސިލުގެ ބަޖެޓުން ނުވަ ލައްކަ އަށް ވުރެ ގިނަ ރުފިޔާ ހަރަދު ކޮށްގެން، އެއްވެސް ފައިދާއެއް ނުކުރާ ތަޖުރިބާ ދަތުރެއްގައި އެ ކައުންސިލްގެ ގިނަ އަދަދެއްގެ މެމްބަރުންނާއި މުވައްޒަފުން ތައިލެންޑުގެ ބެންކޮކަށް ދިޔަ މައްސަލައެއް ފެންމަތިވެ، އެކަމަށް ފިޔަވަޅު އަޅަަން އޮޑިޓާ ޖެނެރަލް ވެސް އަންގަވައިފަ އެވެ.