Roadha Mihaaru

ކައުންސިލްތަކަށް ބްލޮކް ގްރާންޓު ދިނުމުގައި ރަށުގެ ބޮޑުމިނަށް ބަލަން ނިންމައިފި

ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލްތަކަށް ސަރުކާރުން ދޭ އާންމު ހިލޭ އެހީ ނުވަތަ ބްލޮކް ގްރާންޓްގެ ގޮތުގައި ފައިސާ ދޭނެ މިންވަރު ކަނޑައެޅުމުގައި އާބާދީ އަށް ބެލުމުގެ ބަދަލުގައި ރަށުގެ ބޮޑުމިނަށް ބަލާ ގޮތަށް އުސޫލު ބަދަލުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައި އެކަން ރޭ އިއުލާން ކުރައްވައިފި އެވެ.

ރަށުގެ ބޮޑުމިނަށް ބަލައިގެން ބްލޮކް ގްރާންޓު ދޫކުރަނީ
މުހައްމަދު ނަސީމް
މުހައްމަދު ނަސީމް

06 ސެޕްޓެމްބަރ 2025

ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލްތަކަށް ސަރުކާރުން ދޭ އާންމު ހިލޭ އެހީ ނުވަތަ ބްލޮކް ގްރާންޓްގެ ގޮތުގައި ފައިސާ ދޭނެ މިންވަރު ކަނޑައެޅުމުގައި އާބާދީ އަށް ބެލުމުގެ ބަދަލުގައި ރަށުގެ ބޮޑުމިނަށް ބަލާ ގޮތަށް އުސޫލު ބަދަލުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައި އެކަން ރޭ އިއުލާން ކުރައްވައިފި އެވެ.

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓު ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާނީ ކައުންސިލްތަކަށް ބްލޮކް ގްރާންޓު ދޫކުރާ އުސޫލަށް ގެންނަ ބަދަލާ އެކު ކަމަށެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި ކައުންސިލްތަކަށް ފައިސާ ދިނުމުގައި ރަށުގެ ބޮޑު މިނަށް ރިއާޔަތްކުރާ ގޮތަށް ހަމަޖައްސަނީ އާބާދީ މަދު ނަމަވެސް ރަށް ބޮޑު ނަމަ މުނިސިފަލް ހިދުމަތްތައް މަދު ނޫން ވީމާ ކަމަށެވެ.

"...އެހެން ކަމުން، ބްލޮކް ގްރާންޓުގެ ފިސްކަލް ފޯމިއުލާ މިހާރު ކަނޑައަޅުއްވާފައިވާ ގޮތުން، އެ ކައުންސިލްތަކަށް ގެއްލުން ވާތީ ފިސްކަލް ފޯމިއުލާ މުރާޖައާ ކުރުމުގައި ރަށުގެ ބޮޑުމިނަށް ރިއާޔަތް ކުރެވޭ ގޮތަށް ބަދަލުކޮށް، 2026 ވަނަ އަހަރުގެ ބަޖެޓު ހުށަހަޅާއިރު މި ބަދަލާ އެކު ހުށަހެޅުމަށް ވާނީ ނިންމާފައި،" ރައީސް މުއިއްޒުގެ ޕޯސްޓުގައި ވިދާޅުވި އެވެ.

ކައުންސިލްތަަކަށް ބްލޮކް ގްރާންޓް ދިނުމުގައި އަމަލުކުރާ އުސޫލު ބަަދަލު ކުރައްވާނެކަން ރައީސް ރޭ އިއުލާނު ކުރެއްވިއިރު، އަންހެނުންގެ ކޮމިޓީއަށް ބަޖެޓް ދިނުމުގައި އަމަލުކުރާ އުސޫލަށް ވެސް ބަދަލު ގެންނަވާނެކަން އެ މަނިކުފާނު ވަނީ ހާމަކުރައްވައިފަ އެވެ.

އޭގެ ތެރެއިން އެއް ބަދަލަކީ ރައީސް މުއިއްޒު ރޭ ވިދާޅުވި ގޮތުގައި، ކައުންސިލްތަކަށް ދޭ ބަޖެޓުގެ ފަސް ޕަސެންޓް އަންހެނުންގެ ކޮމިޓީ އަށް ދޭންޖެހޭ ގޮތަށް އޮތްއޮތުން ބަދަލުކޮށް 10 ޕަސެންޓަށް ބޮޑުކުރުމެވެ.

ދެވަނަ ބަދަލަކީ އަންހެނުންގެ ކޮމިޓީތަކަށް މިހާރުދޭ ބަޖެޓްގެ ތެރެއިން ކޮމިޓީގެ މެންބަރުންނަށް ރޯދަ އިނާޔަތް ދިނުމުގެ ބަދަލުގައި ކައުންސިލްގެ ބަޖެޓުން އެ އިނާޔަތް ދޭ ގޮތަށް ހަމަޖެއްސުމެވެ.

ރަށްރަށުގެ އެކި ކަންކަމަށް ހަރަދު ކުރުމަށް ބްލޮކް ގްރާންޓުގެ ގޮތުގައި ކައުންސިލްތަކަށް ސަރުކާރުން މިދިޔަ އަހަރު ޖުމުލަ 2.2 ބިލިއަން ރުފިޔާ ދޫކުރިއިރު، އެ އަހަރު ނިމުނުއިރު އެއްވެސް ހަރަދެއް ނުކޮށް 1.4 ބިލިއަން ރުފިޔާ ބަހައްޓާފައި ހުރި ކަމަށް ރައީސް ވަނީ މިދިޔަ މަހު ވިދާޅުވެފަ އެވެ.

މިދިޔަ މަހުގެ ކުރީކޮޅު ބ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި އޭދަފުށީގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، ބްލޮކްގްރާންޓު ދޫކުރަނީ ރައްޔިތުންނަށް ހިދުމަތްތައް ފޯރުކޮށްދޭން ކަމަށާއި އެހެންވެ އެ ފައިސާ ހަރަދު ކުރުން ލާޒިމު ކަމަށެވެ.

އެ މަނިކުފާނު ވިދާޅުވިގޮތުގައި ބްލޮކް ގްރާންޓުގެ ގޮތުގައި ސަރުކާރުން ކައުންސިލްތަކަށް ފައިސާ ދޫކުރަނީ ވީ އެންމެ ފެންވަރު ރަނގަޅަކަށް އެ ރަށެއްގައި މަސަައްކަތް ކުރަން ކަމަށް ވިޔަސް އަހަރު ނިމުނުއިރު ދެބައިކުޅަ އެއްބައި ބާކީ ކުރުމުން ކަންކަން ނުކުރެވޭ ކަމަށެވެ.

"މި އަހަރު ވެސް މި ގޮތަށް [ބްލޮކް ގްރާންޓު ފައިސާ ރަށްރަށުގެ ބޭނުންތަކަށް ހަރަދު ނުކުރުން] އަދި ކޮންޓިނިއު ވަނީ، މި އޮގަސްޓަށް މި އައީ. މިހާރު ވެސް މި އަހަރަށް ދޫކުރި ބްލޮކް ގްރާންޓުގެ ތެރެއިން ވެސް ފުދޭވަރެއްގެ ބޮޑު އިންސައްތައެއް ހަމަ ސޭވް ކުރަމުން އަންނަނީ،" ރައީސް މިދިޔަ މަހު ވިދާޅުވި އެވެ.