Roadha Mihaaru

ލޯކަލް ޓޫރިޒަމް ފުޅާވަމުން އަންނަ ރަށްތަކުގައި ތާރު އަޅައިގެން މަގު ހަދަން ތާއީދެއް ނުކުރަން: ރައީސް

ގެސްޓް ހައުސްތައް ގިނަ، ލޯކަލް ޓޫރިޒަމްގައި ކުރިއަރަމުން އަންނަ ރަށްތަކުގައި ތާރު އަޅައިގެން ނުވަތަ ގާ އަތުރައިގެން މަގު ހެދުމަކީ އެމަނިކުފާނު ވެސް ތާއީދު ކުރައްވާ ކަމެއް ނޫން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

މަގު ހަދަން ޖެހޭނީ ރަށްރަށުގެ ރީތިކަން ނުގެއްލޭ ގޮތަށް
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

11 އޯގަސްޓް 2025

ގެސްޓް ހައުސްތައް ގިނަ، ލޯކަލް ޓޫރިޒަމްގައި ކުރިއަރަމުން އަންނަ ރަށްތަކުގައި ތާރު އަޅައިގެން ނުވަތަ ގާ އަތުރައިގެން މަގު ހެދުމަކީ އެމަނިކުފާނު ވެސް ތާއީދު ކުރައްވާ ކަމެއް ނޫން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ބ. އަތޮޅުގެ 13 ރަށަކަށް ރައީސް މިއަދު ފެއްޓެވި ދަތުރުފުޅުގައި، ކަމަދުއަށް ވަޑައިގެން ރައްޔިތުންނާ އެކު ބޭއްވެވި ބައްދަލުވުމުގައި ރައީސް ވިދާޅުވީ ޓޫރިޒަމް ފުޅާވަމުން އަންނަ ރަށްތަކުގައި ގުދުރަތީ ރީތިކަން ދަމަހައްޓަން ޖެހޭ ކަަމަށެވެ. މަގުތައް ރަނގަޅު ފެންވަރަކަށް ހަދާއިރު ވެސް، ގުދުރަތީ ރީތިކަން ނުގެއްލޭނެ ގޮތަށް ޕްލޭންކުރަން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ހުރިހާ ރަށެއްގެ މަގުތައް ތާރު އަޅައިގެން ނޫނީ ގާ އަތުރައިގެން ހެދުމަކީ އެމަނިކުފާނު ތާއީދުކުރައްވާ ކަމެއް ނޫނެވެ. އަދި އެއީ، ހުރިހާ ރަށެއްގައި ރައްޔިތުން އެދޭނެ ގޮތެއް ވެސް ނޫން ކަމަށް ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ބ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އެ އަތޮޅު ކަމަދޫއަށް ވަޑައިގެން.-- ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު ބ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އެ އަތޮޅު ކަމަދޫއަށް ވަޑައިގެން.-- ފޮޓޯ: ރައީސް އޮފީސް

"ގުދުރަތީ ރީތިކަން ބެލެހެއްޓޭ ގޮތަކަށް، ނޫނިއްޔާ ނެތިގެން ނުދާނެ ގޮތަކަށް މަގުތައް ހަދަން ޖެހޭ. [އެ ރަށެއްގެ] ރައްޔިތުން ބޭނުންވާ ގޮތަކަށް އަޅުގަނޑުމެން ކުރިއަށް ގެންދާނީ،" ރައީސް ވިދާޅުވި އެވެ.

"ކޮންމެހެން މާ ހާޑު ސާފޭސްއެއް ގޮތަށް ތާރު އެޅުން، ގާ އަތުރައިގެން ކޮންމެހެން މަގުތައް ހެދުމަކީ މާ މުހިންމު ކަމެއް ނޫން. އެހާ ރަނގަޅު ކަމެއް ވެސް ނޫން. ހާއްސަކޮށް ލޯކަލް ޓޫރިޒަމް ކުރިއަރަމުން އަންނަ ރަށްރަށުގައި."

ރައީސް ވިދާޅުވި ގޮތުގައި މަގުތައް ހަދާއިރު އިގްތިސާދީ ގޮތުން އެ ރަށަކަށް ފައިދާ ވާނެ ގޮތްތަކަށް ބަލާނެ އެވެ.

ގުދުރަތީ ރީތިކަން ނުގެއްލޭނެ ގޮތަށް މަގުތައް ހަދަން ތާއީދުކުރައްވާ ކަމަށް ރައީސް މި ވިދާޅުވީ، މި ފަހުން ބައެއް ރަށްތަކުގެ މަގުހަދަން އިއުލާންކުރިއިރު، ކުދި ރަށްތަކުގައި ތާރު އަޅަން ނުޖެހޭ ކަމަށް ސޯޝަލް މީޑިއާގައި ބައެއް މީހުން ހިޔާލުފާޅުކޮށްފައި ވަނިކޮށެެވެ. އާބާދީ މަދު، ބ. ކުޑަރިކިލުގައި ގާ އަތުރައިގެން ނުވަތަ ތާރުއަޅައިގެން މަގުތައް ހަދަން ބޭނުން ނުވާ ކަމަށް ބުނެ ބައެއް މީހުން ވަނީ ކަންބޮޑުވުންފާޅުކޮށްފަ އެވެ.