Roadha Mihaaru

އެމްޕީއެލްގެ ބަނދަރުން މަސްވެރިންނަށް ފެނާއި ކަރަންޓުގެ ހިދުމަތް ދޭނަން: ރިޝްވާން

މާލޭގެ ނޯތު ހާބާރުގެ ބާކީ ސަރަހައްދު ބެލެހެއްޓުމާ ގުޅޭ ހުރިހާ ކަމެއް އެމްޕީއެލްގެ ދަށަށް ބަދަލުކޮށްފައިވާއިރު، މަސްވެރިންނަށް ހާއްސަ ބަނދަރުން ފެނާއި ކަރަންޓާއި ބޭނުންވާ އެ ނޫން ވެސް ހިދުމަތްތައް ފޯރުކޮށްދޭނެ ކަމަށް އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޝްވާން ރޭ ވިދާޅުވެއްޖެ އެވެ.

ބަނދަރުން މަސްވެރިންނަށް ފެން،ކަރަންޓުގެ ހިދުމަތް ދެނީ

މާލޭގެ ނޯތު ހާބާރުގެ ބާކީ ސަރަހައްދު ބެލެހެއްޓުމާ ގުޅޭ ހުރިހާ ކަމެއް އެމްޕީއެލްގެ ދަށަށް ބަދަލުކޮށްފައިވާއިރު، މަސްވެރިންނަށް ހާއްސަ ބަނދަރުން ފެނާއި ކަރަންޓާއި ބޭނުންވާ އެ ނޫން ވެސް ހިދުމަތްތައް ފޯރުކޮށްދޭނެ ކަމަށް އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޝްވާން ރޭ ވިދާޅުވެއްޖެ އެވެ.

އެމްޕީއެލުން ބަނދަރު ސަރަހައްދަށް ގެންނަ ބަދަލުތަކުގެ މައުލޫމާތު މަސްވެރިންނާ ހިއްސާ ކުރުމަށް ބޭއްވި ބައްދަލުވުމުގައި އޭނާ ވިދާޅުވީ، އެންމެ ބޮޑު އިސްކަމެއް ދެއްވަނީ މަސްވެރިންގެ ހިޔާލާ އެއްގޮތަށް އެ ބަނދަރުގެ ކަންކަން ބަދަލު ކުރުމަށް ކަމަށެވެ. އެހެންވެ، އެމްޕީއެލްގެ މުވައްޒަފުން އެ ސަރަހައްދަށް ގޮސް މަސްވެރިންގެ ޝަކުވާތަކާއި ދިމާވާ ދަތިތަކުގެ ވާހަކަތަށް ކުރިއަށް އޮތް ދެތިން ހަފުތާ ތެރޭގައި އަޑުއަހައި، މަސްވެރިންގެ ހިޔާލު ނެގުމަށް ހަރަކާތްތެރިވާނެ ކަމަށް ވިދާޅުވި އެވެ.

ރިޝްވާން ވިދާޅުވިގޮތުގައި، މަސްވެރިންނަށް ހާއްސަ ބަނދަރުގައި ހުރި ދަތިތައް ދެނެގަތުމަށް ފަހު، ކޮންމެވެސް ލުއިތަކެއް ގެންނަން އެމްޕީއެލުން އިސްކަންދޭނެ އެވެ. އަންނަ ހަފުތާއިން ފެށިގެން އެ މަސައްކަތް ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ރިޝްވާން ވިދާޅުވީ، ބަނދަރު ނަހަމަ ގޮތުގައި ބޭނުން ކުރާ މީހުން ދަނެގަނެ، އެފަދަ ފަރާތްތައް ވެސް ބަނދަރުން ބޭރުކޮށް، މަސްވެރިންނަށް އެ ތަނުން ޖާގަ އިތުރު ކުރާނެ ކަމަށެވެ.

އެމްޕީއެލުން މަސްވެރިންނާ އެކު ރޭ ބޭއްވި ބައްދަލުވުމަށް ދިޔަ މީހުން.---ފޮޓޯ: އެމްޕީއެލް

އެމްޕީއެލުން މަސްވެރިންނާ އެކު ރޭ ބޭއްވި ބައްދަލުވުމަށް ދިޔަ މީހުން.---ފޮޓޯ: އެމްޕީއެލް

"އަޅުގަނޑުމެން އެބަ މަސައްކަތް ކުރަން އޭ ޒޯނަށް ކަރަންޓާއި ފެން ލާފައި އޮތް ގޮތަށް ބަނދަރުގެ އިރުމަތި ފަރާތައް ވެސް ކަރަންޓާ ފެނާ ލައިދެން،" އޭނާ ވިދާޅުވި އެވެ.

ރިޝްވާނު ވިދާޅުވީ، އެ ސަރަހައްދުން ތެޔޮ ވެސް ފަސޭހައިން ލިބޭނެ ގޮތް ހަދައި، އައިސް ވެސް މަސްވެރިންނާށް ފަސޭހައިން ލިބޭނެ ގޮތްތައް ހޯދައިދޭނެ ކަަމަށެވެ.

"ކޮންމެވެސް ފަސޭހަތަކެއް ގެންނަން އަޅުގަނޑުމެން މަސައްކަތްތައް ކޮށްދޭނަން،" އޭނާ ވިދާޅުވި އެވެ.

އެމްޕީއެލްގެ އޮފީހުގައި ބޭއްވި ބައްދަލުވުމުގައި ތިރީހަކަށް މަސްވެރިން ބައިވެރިވި އެވެ. އެ މީހުން ވަނީ މަސްވެރިންގެ ބަނދަރުގެ އިންތިޒާމުތައް މިހާރު ރޭވިފައިވާ ގޮތުން ދިމާވާ ދަތިތައް އެމްޕީއެލްގެ އިސްވެރިންނާ ހިއްސާކޮށްފަ އެވެ.

އެމްޕީއެލް އިން ބުނެފައި ވަނީ ނޯތު ހާބާރުގެ ބާކީ ސަރަހައްދު ބެލެހެއްޓުމާ ގުޅޭ ހުރިހާ ކަމެއް އެމްޕީއެލްގެ ދަށަށް ބަދަލުކޮށްފައިވީ ނަމަވެސް، މަސްމާރުކޭޓް ސަރަހައްދުގައި ބަނދަރުކުރާ މަސްވެރިންގެ އުޅަނދުތަކުން ފީ ނުނަގާނެ ކަމަށެވެ.

ނޯތު ހާބަރަށް ކައިރިކުރާ އުޅަނދުތަކަށް އަބަދުވެސް ފީއެއް ނަގަ އެވެ. އެހެންވެ، މަސްމާރުކޭޓާ ހަމައަށް ނޯތު ހާބަރު ސަރަހައްދު ބޮޑުކުރުމާ އެކު، އެ ސަރަހައްދަށް ކައިރިކުރާ ހުރިހާ އުޅަނދަކަށް ވެސް [މަސްދޯނިފަހަރު ފިޔަވައި] އެ އުސޫލު ހިނގާނެ ކަމަށް އެމްޕީއެލުން ބުނެފައި ވެ އެވެ.