ރާއްޖޭގެ އެންމެ މުހިއްމު އެއް ދޮރާށި ކަމަށްވާ ވިޔަފާރި ބަނދަރު ބަލަހައްޓާ، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ސީއީއޯގެ މަގާމާ މުހައްމަދު ރިޝްވާނު ހަވާލުވެވަޑައިގަތުމާ އެކު، ފުރަތަމަ ވެސް ފެނިވަޑައިގަތީ ވަރަށް ގިނަ ކަންކަން ރަނގަޅު ކުރަން ޖެހޭ ކަމެވެ. ތިރީހަކަށް އަހަރުގެ ދިގު ތާރީހެއް އޮތް އެ ކުންފުނީގެ އިންފްރާސްޓްރަކްޗާ، ޒަމާނަށް އައި ބަދަލުތަކާ އެއް ވަރަށް ތަރައްގީ ނުކުރުމުގެ ސަބަބުން މުޅި އޮޕަރޭޝަން ވަނީ ވަރަށް ބޮޑަށް މަޑުޖެހިފަ އެވެ.
20 އެޕްރީލް 2025
ރާއްޖޭގެ އެންމެ މުހިއްމު އެއް ދޮރާށި ކަމަށްވާ ވިޔަފާރި ބަނދަރު ބަލަހައްޓާ، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ސީއީއޯގެ މަގާމާ މުހައްމަދު ރިޝްވާނު ހަވާލުވެވަޑައިގަތުމާ އެކު، ފުރަތަމަ ވެސް ފެނިވަޑައިގަތީ ވަރަށް ގިނަ ކަންކަން ރަނގަޅު ކުރަން ޖެހޭ ކަމެވެ. ތިރީހަކަށް އަހަރުގެ ދިގު ތާރީހެއް އޮތް އެ ކުންފުނީގެ އިންފްރާސްޓްރަކްޗާ، ޒަމާނަށް އައި ބަދަލުތަކާ އެއް ވަރަށް ތަރައްގީ ނުކުރުމުގެ ސަބަބުން މުޅި އޮޕަރޭޝަން ވަނީ ވަރަށް ބޮޑަށް މަޑުޖެހިފަ އެވެ.
އެހެންވެ، އައިޖީއެމްޗުގެ ޑެޕިއުޓީ ސީއީއޯގެ ޒިންމާ ނެންގެވި ދުވަސްވަރު ވެސް އެ ހޮސްޕިޓަލަށް ބޮޑެތި ބަދަލުތަކެއް ގެންނެވި އިސް އެއް މޭސްތިރިޔާ ރިޝްވާނަށް އޮތީ އެމްޕީއެލުން ތަފާތު ބަދަލުތަކެއް ދެއްކުމެވެ. އެކަމަކު، އެއީ އަވަސް، އާންމުން ބަލައިގަންނަ ބަދަލުތަކަކަށް ވުން އެއީ ފުލުހުންގެ ހިދުމަތުގައި ގިނަ ދުވަސްތަކެއް ވަންދެން އުޅުއްވި ރިޝްވާނަށް އޮތް އެންމެ ބޮޑު ގޮންޖެހުމެވެ.
ވިޔަފާރި ބަނދަރު މިހާރު ހިންގަމުން އަންނަ ސަރަހައްދު ތިލަފުއްޓަށް ބަދަލުކޮށް، ބަނދަރުގެ މުޅި އޮޕަރޭޝަން ތިލަފުއްޓަށް ބަދަލުކުރުގެ މަސައްކަތް ވެސް ވަނީ ފަށައިފަ އެވެ. އެއީ މިދިޔަ ފެބްރުއަރީ 5 ގައި އެމްޕީއެލްގެ ސީއީއޯގެ މަގާމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ފެށި މަސައްކަތަކަށް ވިޔަސް ކަނޑައަޅާފައިވާ ތާރީހުތަކަށް ނިންމުމަށް ވަރަށް ބޮޑު އިސްކަމެއް ދޭން ޖެހެ އެވެ.
ރިޝްވާން ވިދާޅުވީ، އޭނާ އެ މަގާމުގައި ހުންނަވައި، އެންމެ ބޮޑު އިސްކަމެއް ދެއްވާނީ، ގާތްގަނޑަކަށް 225 މިލިއަން ޑޮލަރު (3.5 ބިލިއަން ރުފިޔާ) ގެ އާ ޕޯޓަށް ބަދަލުކުރުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށް ކަމަށެވެ. އޮޕަރޭޝަން ތިލަފުއްޓަށް ބަދަލު ކުރުމަށް އިސްކަން ދެއްވާ އިރު، ބޭނުންވާ އިންސާނީ ވަސީލަތްތަކާއި އުމްރާނީ ތަރައްގީގެ އެންމެ ޒަމާނީ ވަސީލަތްތައް ގާއިމް ކުރުމަށްޓަކައި އޭނާ އަންނަނީ ސަރުކާރާ ގުޅިގނެން މަސައްކަތް ކުރަމުންނެވެ.
މާލޭ ކޮމާޝަލް ހާބަރުގެ އޮޕަރޭޝަނަށް އޮތް އެންމެ ބޮޑު އުނދަގުލަކީ އެތަން ތޮއްޖެހި، ހިދުމަތްތައް ދޭނެ ޖާގަ ނެތުމެވެ. އެކަމަށް ހައްލެއް ހޯދުމަށްޓަކައި، އެމްޓީސީސީއާ ހަވާލުކޮށްގެން އެމްޕީއެލް އިން އަންނަނީ ތިލަފުށީގައި 30 މީޓަރުގެ ކީވޯލެއް އެޅުމުގެ މަސައްކަތް ކުރަމުންނެވެ.
ގާތްގަނޑަކަށް 10 މިލިއަން ޑޮލަުރ (154 މިލިއަން ރުފިޔާ) ހަރަދު ކުރާ އެ މަސައްކަތް ނިންމާލުމާ އެކު، މިހާރު ކޮމާޝަލް ހާބަރުގެ ގޮތުގައި ބޭނުންކުރާ ސަރަހައްދާއި ހުޅުމާލޭގައި ބަނދަރު ސަރަހައްދުގައި ބަހައްޓާފައި ހުރި، ހުސް ކޮންޓެއިނަރުތައް ކޮންމެ ދުވަހަކު ވެސް ތިލަފުއްޓަށް ބަދަލު ކުރެވޭނެ އެވެ. އެއާޕޯޓު ކޮންޓެއިނަރުތައް މިހާރު އަތުރާފައި ހުރި ގޮތަށް ބަދަލު ގެނެސް ގިނަ ކޮންޓެއިނަރުތައް ބެހެއްޓޭނެ އެވެ.
"އެ ތަންތަނަށް ކައިރި ކުރެވި، ޕޯޓު ކެރޭނަކުން ތަކެތި ހުސްކުރަން ފެށީމާ ހަތް ދުވަހުން، 10 ދުވަހުން ހުސްކުރާ މުދާ 48 ގަޑިއިރުގެ ތެރޭގައި ހުސްކުރެވޭނެ،"--- ރިޝްވާން
"2.000-2،500 ހުސް ކޮންޓެއިނަރު އަންނަ މަހުގެ ނިޔަލަށް ބަދަލު ކުރެވޭނެ. މާލޭގެ ޕޯޓާއި ހުޅުމާލޭގައި ހުރި ހުސް ކޮންޓެއިނަރުތައް ބަދަލުކުރުމުން، އިތުރު ޖާގަ ލިބޭނެ، އިތުރު ކެރިއާ [ބޯޓު] އެއް ގެނެސް މުދާ ބޭލުމަށް ބޭނުން ކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.
އެމްޕީއެލްގެ ސީއީއޯ ރިޝްވާން "މިހާރު" އަށް ދެއްވި އިންޓަވިއުގެ ތެރެއިނ -- ފޮޓޯ: ނިޝާން އަލީ / މިހާރު
އެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގައި ބަލްކް ޕޯޓުގެ 70 މީޓަރުގެ ކީވޯލްގެ މަސައްކަތް ކުރާނެ އެވެ. އެ ކަމަށް ބޭނުންވާ ފައިސާ ވެސް އޮތީ ހަމަޖެހިފަ އެވެ. ރާއްޖެ އަށް ގެންނަ ކޮންސްޓްރަކްޝަން ސާމާނާއި ހިލަ އާއި ހިލަވެލި ފަދަ ތަކެތި އެއް ތަނަކުން ގެންނަން ޖާގަ ދެވަނަ ފިޔަވަހީގެ ދަށުން ހާއްސަ ކުރާނެ އެވެ. އެކަން ކުރިއަށް އޮތް ދެ މަސްތެރޭ ހާސިލު ކުރެވޭނެ ކަމަށް ރިޝްވާން ވިދާޅުވި އެވެ. އެ މަސައްކަތަށް ގާތްގަނޑަކަށް 40 މިލިއަން ޑޮލަރު (617 މިލިއަން ރުފިޔާ) ހަރަދުވާނެ އެވެ.
"އެތަންތަނަށް ކައިރި ކުރެވި، ޕޯޓު ކެރޭނަކުން ތަކެތި ހުސްކުރަން ފެށީމަ، ހަތް ދުވަހުން، 10 ދުވަހުން ހުސްކުރާ މުދާ 48 ގަޑިއިރުގެ ތެރޭގައި ހުސްކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.
މިހާރު މާލޭ ޕޯޓުގައި ވެސް ކޮންޓެއިނަރު އުފުލުމުގައި ބޭނުންކުރާ ހާބާ ކެރޭނެއް ނެތެވެ. އެހެންވެ، ބޭނުން ކުރަން ޖެހެނީ ރާއްޖެ އަންނަ ބޯޓުގެ ކެރޭނެވެ. މިއީ މުޅި އޮޕަރޭޝަން އެހާ ބޮޑަށް ލަސްވެ، އަދި މުދަލުގެ އަގު ވެސް ވެސް ބޮޑުވާ މައިގަނޑު އެއް ސަބަބެވެ. އެމްޕީއެލުން މިހާރު ނިންމާފައި ވަނީ އަންނަ އަހަރުގައި ހާބާ ކެރޭން ގެނެސް މުދާ ބޭލުން މިހާރަށް ވުރެ މާ ބޮޑަށް ވެސް އަވަސް ކުރާށެވެ.
ރާއްޖެ ގެނައި މުދާ ކޮންޓެއިނަރުތައް ބޭލުމަށް ތައްޔާރު ކޮށްފައި: މިހާ ދިގު ތާރީހެއް އޮތް ރާއްޖޭގެ މައި ވިޔަފާރި ބަނދަރުގައި ހާބަ ކެރޭނެެއް ނެތުމަކީ ވަރަށް ބޮޑު މައްސަލައެއް.
އެ ދެ މަސައްކަތް ނިންމުމުން، ޕޯޓުގެ އޮޕަރޭޝަނުން ބޮޑު ބަދަލެއް ފާހަގަވެ، އެ ޕޯޓު މެދުވެރިކޮށް ކްލިއާ ކުރާ މުދަލުގެ އަގަށް ވެސް ހެޔޮ ބަދަލެއް ފެންނާނެ ކަމަށް ރިޝްވާން ވިދާޅުވި އެވެ. ޕޯޓުގައި މުދާ ހުސްކުރަން ކޮންޓެއިނަރު ބޯޓު ކައިރި ކުރާ ކޮންމެ ދުވަހަކު، އެ ބޯޓުގެ ޗާޓާއަށް ގާތްގަނޑަކަށް 20،000 ޑޮލަރު ނަގަ އެވެ. ހަތް ދުވަހުގެ އޮޕަރޭޝަނެއް ދެ ދުވަހަށް ބަދަލު ކުރުމުން މުދާ ބޭލުމަށް ދައްކަން ޖެހޭ އަގު އެތައް ގުނައެއް ކުޑަވެ އެވެ. މުދަލުގެ އަގަށް އެ ބޮޑު ހޭދަ އިތުރުވެ، އޭހެ ތަކުލީފު އުފުލަން ޖެހެނީ އާންމުންނެވެ. މުދާ ގަންނަ މީހުންނެވެ. އެކަމަކު، މިހާރު ގެންނަން ނިންމާފައިވާ ބަދަލާ އެކު، މުދާ އަގު ހެޔޮވާނެ ކަމަށް ރިޝްވާން ވިދާޅުވި އެވެ.
"މި ދެ މަރުހާ ކުރިއަށް ދާއިރު ހުޅުމާލޭގައި އިން ބައި އެއްކޮށް ބަދަލު ކުރެވޭނެ ތިލަފުއްޓަށް، އޭރުން ހުޅުމާލޭގައި އިން ބައި، އަތޮޅު ތެރެއިން މާލެ އަންނަ ބޯޓުތަކަށް ބޭނުން ކުރަން ފެށޭނެ،" އޭނާ ވިދާޅުވި އެވެ.
ހުޅުމާލޭ ކޮމާޝަލް ހާބަރު ބަދަލު ކުރުމުގެ މަސައްކަތް ކުރީގެ ދެ ވެރިކަމުގައި ވެސް ފެށުމަށް އެކި މަރުހަލާތަކުގައި މަސައްކަތް ކުރި އެވެ. ނަމަވެސް، މިދިޔަ 10 އަހަރު ވެސް އެ މަސައްކަތްތައް އޮތީ ނުކުރެވި އެވެ. އެ ޕްރޮޖެކްޓްގެ އަމަލީ މަސައްކަތް ފެށީ މިދިޔަ އަހަރު އެވެ.
މިހާރު މަސައްކަތް ދާ ގޮތުން ޕޯޓުގެ މަސައްކަތް ނިންމުމަށް ތިން އަހަރު ނަގަ އެވެ. އެ މަސައްކަތް ކުރަނީ ތިން ފިޔަވައްސަކަށް ބަހާލައިގެންނެވެ. ކޮންމެ ފިޔަވައްސަކާ އެކު، ޕޯޓުގެ ބައެއް މަސައްކަތްތައް އާ ޕޯޓަށް ބަދަލު ކުރަމުން ދާނެ އެވެ.
އެމްޕީއެލްގެ ޕޯޓު އޭރިއާ: އެންމެ އިސްކަންދީގެން މިހާރު ނިންމަން ޖެހޭ ކަމަކީ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުން.
"ޕޯޓުގެ ފަހު ފިޔަވަހީގެ މަސައްކަތް އަންނަ އަހަރު ތެރޭގައި އަމަލީ ގޮތުން ފެށޭނެ. އެއީ އޭގެ ފައިނޭންސް ހޯދުމާއި އޭގެ އީއައިއޭ ކުރިއަށް ދާއިރު އޭގެ ހުރިހާ ކުރެހުންތަކެއް ނިމިގެން. އަޅުގަނޑުމެން މިހާރު މަސައްކަތް ކުރިއަށް ގެންދާ ސްޓޭޖަކީ ހުއްދަތަކާއި ކުރެހުމާއި ޑިޒައިން ނިންމުން،" އޭނާ ވިދާޅުވި އެވެ.
ރިޝްވާން ވިދާޅުވިގޮތުގައި، އެ ފިޔަވަހި ނިންމާލެވޭނީ ނޮވެމްބަރު 2027 އަށެވެ.
އާ ޕޯޓު ފުލް އޮޕަރޭޝަނަށް ބަދަލު ކުރުމުން، ހުޅުމާލޭގައި ބޭނުން ކުރާ ބަނދަރު ޓްރާންސްޝިޕްމެންޓް ބަނދަރަށް ހެދޭނެ އެވެ. އެ ތަނުގައި ސީ ޓު އެއާ ކާގޯ އަށް ހާއްސަ ޓާމިނަލެއް އޭރު ހަދަން ވަނީ ނިންމައިފަ އެވެ.
އަދި ފަސޭހަކަމާ އެކު ކޮންޓެއިނާ ސްކީނު ކުރެވޭނެ ނިޒާމެއް ވެސް އެ ޕޯޓުގައި ގާއިމް ކުރާނެ އެވެ. އެއާ އެކު، ކަސްޓަމްސް އަށް ވެސް އިތުބާރު ބޮޑުވެ، ގަވައިދާ ހިލާފަށް ގެންނަ މުދާ ފާހަގަކުރަން ފަސޭހަވާނެ އެވެ.
"ނޯތު ހާބަރުގެ ޖާގަ ވެސް ތިލަފުއްޓަށް ބަދަލު ކުރެވޭނެ. ޕޯޓު އިންފްރާސްޓްރަކްޗާ އާއި އެ ތަނަށް ބޭނުންވާ އިކުއިޕްމެންޓާއި އިންސާނީ ވަސީލަތްތައް ތަރައްގީ ކުރުމަށް ވެސް އިސްކަން ދެވޭނެ،" ރިޝްވާން ވިދާޅުވި އެވެ.
ކުރިއަށް އޮތް ދެ އަހަރު ތެރޭގައި، އެމްޕީއެލްގެ އާ އެމްޑީ ރިޝްވާނަށް ބޭނުންވަނީ މިކަން ކަމަށް އިސްކަން ދީގެން، ޕޯޓު އަވަހަށް އޮޕަރޭޝަނެއް ގެނައުމުގެ މަސައްކަތްތައް ކުރުމެވެ. އޭނާގެ އަމާޒަށް ދިއުމަށް މިވަގުތު އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ، އެ މަސައްކަތް ފެށިފައި އޮތުމެވެ. ދެ އޮތީ ސްޕީޑު އަވަސް ކުރުމެވެ.
ވަޖީހު: ކޮންޓެއިނަރުގެ އާމްދަނީގެ ބޭރުން އެތައް ކަމެއް
ތިލަފުށީ ޕޯޓު ބަޔަކާ އަދި ހަވާލެއް ނުކުރޭ: މިނިސްޓަރު
ތިލަފުށީގައި ހަދާ ބަނދަރަށް ކޮންސަލްޓެންޓެއް ހޯދަނީ
ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރަނީ
ރޯދަ މަހު ކްލިއާ ކުރާނީ ދުވާލަކު 150 ކޮންޓެއިނަރު
ކުޑަހުވަދޫގައި ޕޯޓެއް ހަދަން އެމްޕީއެލްއާ ހަވާލުކޮށްފި
އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރަކަށް ރިޝްވާން
ގާމެންޓްއެކްސްޕޯޓުކުރުމުން ކޮންޓެއިނަރުގެ އަދަދު މައްޗަށް
މަހަކު ގެންނަ ކޮންޓެއިނާ 6،000 އަށް އިތުރުވާނެ
ދުނިޔޭގެ އެންމެ ބޮޑު ޝިޕިން ކުންފުނީގެ ބޯޓު ރާއްޖެއަށް