Roadha Mihaaru
ތިލަފުށީގައި ހަދާ ބަނދަރަށް ކޮންސަލްޓެންޓެއް ހޯދަނީ

ތިލަފުށީގައި ހަދާ ވިޔަފާރި ބަނދަރު ތަރައްގީ ކުރުމަށް ކޮންސަލްޓެންޓެއް ހޯދަނީ

12 ފެބުރުއަރީ 2019

ތިލަފުށީގައި ބައިނަލްއަގްވާމީ ޕޯޓެއް ތަރައްގީކުރަން މާސްޓާ ޕްލޭނެއް ހަދާނެ ފަރާތެއް ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާނުކޮށްފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ތިލަފުށީގައި ބައިނަލްއަގްވާމީ ޕޯޓެއް ތަރައްގީކުރަން މާސްޓާ ޕްލޭނެއް ހަދާނެ ފަރާތެއް ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާނުކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން އިއުލާންކުރީ މާސްޓާ ޕްލޭނާއި ޕޯޓުގެ ޑިޒައިން އަދި ޓެންޑާ ޑޮކިއުމެންޓް ތައްޔާރު ކުރާނެ ކޮންސަލްޓެންސީ ފާމެއް ހޯދުމަށެވެ.

މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ފެބްރުއަރީ 28 ގެ ކުރިން ލިޔުންތައް ހުށަހަޅަން ޖެހެ އެވެ.

ތިލަަފުށީގައި ބައިނަލްއަގުވާމީ ފެންވަރުގެ ވިޔަފާރި ބަނދަރެއް ތަރައްގީކުރަނީ މާލޭގެ ވިޔަފާރި ބަނދަރު ކުޑަވެ، އެތައް އުނދަގުލެއް ކުރިމަތިވުމުންނެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މީގެ ކުރިން ބުނެފައި ވަނީ ވިޔަފާރި ބަނދަރުގެ ޖާގައިގެ ދަތިކަމަށް ދިމާވެފައިވާ މައްސަލަ އަށް އަވަސް ހައްލެއް ހޯދަން ސަރުކާރުގެ އެންމެ މަތީ ފަންތީގައި މަޝްވަރާ ކުރަން ފަށާފައިވާ ކަމަށެވެ. އެމްޕީއެލުން ބުނި ގޮތުގައި ވިޔަފާރި ބަނދަރަށް ދާއިމީ ހައްލެއް ގެނެވޭނީ ތިލަފުށީގައި ބަނދަރެއް ހަދައިގެންނެވެ.

ތިލަފުއްޓަށް ވިޔަފާރި ބަނދަރު ބަދަލު ކުރުމަކީ ހުރިހާ ސަރުކާރަކުން ވެސް ވިސްނުން ގެންގުޅުނު ކަމެކެވެ. އެކަމަކު މިހާތަނަށް ކާމިޔާބުވެފައެއް ނުވެ އެވެ.

މާލޭ ބަނދަރުގައި ހުރި އެއްޗެހި ހަލާކުވުމާއި ބަނދަރު ކުޑަވުމުގެ ސަބަބުން ބޯޓުފަހަރަށް މުދާ ހުސްނުކުރެވި ގިނަ ދުވަސް ވާތީ ވިޔަފާރިވެރިންނަށް ބޮޑެތި ގެއްލުންތަކެއް ލިބެ އެވެ.