Roadha Mihaaru

އެމްޕީއެލް ޕޯޓު ތިލަފުއްޓަށް ބަދަލުކުރުމުން މުދަލުގެ އަގު ހެޔޮވާނެތަ؟

ކައިރި މާޒީ އަށް ބަލާއިރު، ރާއްޖޭގެ އިގުސާދީ ދުވެލި މަޑުޖެހުމުގެ ސަބަބުން، ގައުމުގެ އާންމު ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރަށް ވަނީ ފާހަގަކުރެވޭ މިންވަރެއްގެ ނޭދެވޭ އަސަރުތަކެއް ކުރަން ފަށައިފަ އެވެ. މައިގަނޑު މައްސަލަތަކުގެ ތެރޭގައި ގައުމަށް ވަންނަ އާމްދަަނީ އަށް ވުރެ ހަރަދުތައް ބޮޑުވުމާއި ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން އިގުތިސާދީ މަސައްކަތްތައް ހުއްޓުމަކަށް އައުމާއި ދުނިޔޭގެ އިގުތިސާދަށް ކުރިމަތިވި ހީނަރުކަމާއި ޑޮލަރުގެ އަގަށް އައި ބަދަލުތަކާއި ވިޔަފާރިތަކަށް ކުރިމަތިވި ގޮންޖެހުންތައް ހިމެނެ އެވެ.

ޕޯޓު ތިލަފުއްޓަށް ބަދަލުކުރުމުން އަގުތައް ހެޔޮވާނެ؟

ކައިރި މާޒީ އަށް ބަލާއިރު، ރާއްޖޭގެ އިގުސާދީ ދުވެލި މަޑުޖެހުމުގެ ސަބަބުން، ގައުމުގެ އާންމު ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރަށް ވަނީ ފާހަގަކުރެވޭ މިންވަރެއްގެ ނޭދެވޭ އަސަރުތަކެއް ކުރަން ފަށައިފަ އެވެ. މައިގަނޑު މައްސަލަތަކުގެ ތެރޭގައި ގައުމަށް ވަންނަ އާމްދަަނީ އަށް ވުރެ ހަރަދުތައް ބޮޑުވުމާއި ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން އިގުތިސާދީ މަސައްކަތްތައް ހުއްޓުމަކަށް އައުމާއި ދުނިޔޭގެ އިގުތިސާދަށް ކުރިމަތިވި ހީނަރުކަމާއި ޑޮލަރުގެ އަގަށް އައި ބަދަލުތަކާއި ވިޔަފާރިތަކަށް ކުރިމަތިވި ގޮންޖެހުންތައް ހިމެނެ އެވެ.

މީގެ ސަބަބުން މުދަލާއި ހިދުމަތްތަކުގެ އަގު މައްޗަށް ދިއުމާ އެކު، އާމްދަނީ ދަށްވެ، ވަޒީފާ ހޯދުމަށް ދަތިތަކާ ކުރިމަތިވެ، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރަށް ނޭދެވޭ އަސަރުތަކެއް ކުރަން ފެށި އެވެ. އެކަމަކު، ގޮންޖެހުންތަކަށް އަވަސް އަދި ދެމެހެއްޓެނިވި ހައްލެއް ހޯއްދަވައި ދެއްވުމުގެ ގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަނީ އިގުތިސާދީ އިސްލާހީ އެޖެންޑާއެއް ތައާރަފު ކޮށްފަ އެވެ. މި އެޖެންޑާގެ މައިގަނޑު މަގުސަދުތަކުގެ ތެރޭގައި އިގުތިސާދީ މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދުމާއި ދައުލަތުގެ އާމްދަނީ އިތުރުކޮށް ހަރަދުތައް ކުޑަކުރުމާއި ރާއްޖެ އަށް ވަންނަ ބޭރު ފައިސާގެ މިންވަރު އިތުރުކޮށް، ދައުލަތުގެ ދަރަނި ދެއްކޭނެ މަގުތައް ފަހިކުރުމާ އެކު، ރާއްޖޭގެ އިގުތިސާދު ހަރުދަނާ ކުރުން ހިމެނެ އެވެ. މި އެޖެންޑާގެ ދަށުން، ފަތުރުވެރިކަމުގެ އިތުރުން މާލީ ހިދުމަތްތަކާއި މެރިޓައިމް ސިނާއަތާއި ޑިޖިޓަލް އިގުސތާދު ފަދަ ދާއިރާތައް ހިމެނޭ ގޮތަށް އިގުތިސާދު ޑައިވާސިފައިކޮށް، އައު ސިނާއަތްތައް ތައާރަފުކޮށް ކުރިއެރުވުމަށް ހާއްސަ އިސްކަމެއް ދޭނެ އެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުން ހިންގަމުންދާ ވިޔަފާރިތައް އިތުރަށް ފުޅާކޮށް، އޭގެ ސީދާ މަންފާ ރާއްޖޭގެ އިގުތިސާދާއި ރައްޔިތުންނަށް ލިބޭނެ މަގު ފަހިކޮށްދިނުމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދީގެން ކުރިއަށް ރާވާ ކަމެކެވެ.

ތަފާތު އެކި ދިރާސާތައް ދައްކާ ގޮތުން ރާއްޖޭގައި މުދަލާއި ހިދުމަތްތަކުގެ އަގުތަކަށް ބަދަލު އަންނަ ސަބަބުތަކުގެ ތެރޭގައި ބައިނަލްއަގުވާމީ މާކެޓުގައި މުދަލުގެ އަގަށް އަންނަ ބަދަލުތަކާއި ދުނިޔޭގެ ސަޕްލައި ޗެއިންތަކަށް ބުރޫއެރުމުގެ ސަބަބުން މުދާ އިމްޕޯޓު ކުރުމުގެ ހަރަދު އިތުރުވުން ހިމެނެ އެވެ. އަދި ޑޮލަރުގެ އަގަށް އަންނަ ބަދަލުތަކާއި ވިޔަފާރިތަކުގެ ހިންގުމުގެ ހަރަދުގެ އިތުރުން ޓެކްސް ނިޒާމަށް ކުރިން ގެނައި ބަދަލުތައް ހިމެނެ އެވެ.

މި ހާލަތުގައި، ރާއްޖެ އަށް މުދާ އެތެރެކުރާ މައި ދޮރާށި ކަމުގައިވާ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މިކަމަށް ހައްލެއް ގެނައުމަށް ކުރެވިދާނެ ކަމަކީ ކޮބައިތޯ ބެލުމަކީ މުހިއްމު ކަމެކެވެ. އެމްޕީއެލް އިން އަންނަނީ އިގުތިސާދީ ވިއުގަ އިތުރަށް ތަރައްގީކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ.

އެމްޕީއެލްއަކީ ގައުމުގެ އިގުތިސާދީ މައި ދޮރާށި ކަމަށް ވެފައި، ގައުމަށް މުދާ އެތެރެކުރުމާއި ބޭރުކުރުމުގެ މުހިންމު ޒިންމާއެއް އަދާކުރާ ކުންފުންޏެކެވެ. އެގޮތުން ރާއްޖެ އަށް މުދާ އެތެރެކުރުމުގެ ހަރަދަކީ ކުޑަ ހަރަދެއް ނޫން ކަމުން، މި ހަރަދު ކުޑަކުރެވިއްޖެ ނަމަ މުދަލުގެ އަގަށް ހެޔޮ ބަދަލެއް ގެނެވިދާނެ އެވެ. އެހެންވެ، އެމްޕީއެލްގެ ދުރުރާސްތާ ޕްލޭންގައި ހިމަނާފައިވާ ތިލަފުށީ ޕޯޓު ޑިވެލޮޕްމަންޓު ޕްރޮޖެކްޓަކީ މި މައްސަލަ އަށް ހައްލެއް ހޯދުމަށް ފަރުމާ ކޮށްފައިވާ މެގަ ޕްރޮޖެކްޓެކެވެ. މި ޕްރޮޖެކްޓުގެ ސަބަބުން މުދާ އެތެރެކުރުމުގެ ހަރަދު ކުޑަވެ، މުދަލުގެ އަގަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ލަފާކުރެވެ އެވެ. ސަރުކާރުގެ އިގުތިސާދީ އިސްލާހީ އެޖެންޑާ ތަންފީޒު ކުރުމުގެ ގޮތުން އެމްޕީއެލް އިން އަންނަނީ މާލޭ ކޮމާޝަލް ހާބަރުގެ މަސައްކަތް، އައު ބަނދަރު ކަމަށްވާ ތިލަފުށީ ޕޯޓަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންނެވެ. މި މަޝްރޫއާ އެކު، ރާއްޖޭގެ ބަނދަރުގެ ހިދުމަތް އިތުރަށް ހަރުދަނާވެ، މުދާ އެތެރެކުރުމާއި ބޭރުކުރުމުގެ މަސައްކަތް އަވަސްވެ، ހަރަދު ކުޑަވާނެ އެވެ.

ތިލަފުށި ޕޯޓު ތަރައްގީ ކުރާނެ ގޮތުގެ ޕްލޭން

މިހާރުގެ މާލޭ ވިޔަފާރި ބަނދަރަކީ 1985 ވަނަ އަހަރު ތަރައްގީ ކުރި ބަނދަރެކެވެ. އެހެންކަމުން، ޒަމާނީ ވަސީލަތްތަކާ އެކު، ބަނދަރު އެންމެ އެކަށީގެންވާ ގޮތުގައި ބޭނުން ކުރުމަށް ގިނަގުނަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވެ އެވެ. ހަމައެއާ އެކު، އެމްޕީއެލްގެ ސަރަހައްދު ކޮންޖެސްޓު ވުމާ ގުޅިގެން، ޖާގައިގެ ދަތިކަން ވަނީ ކުރިމަތިވެފަ އެވެ. ހިދުމަތް ފޯރުކޮށްދިނުމުގައި ލަސްތަކެއް ދިމާވެ އެވެ. މި މައްސަލަތަކަށް ހައްލެއް ގެނައުމުގެ ގޮތުން، ތިލަފުށީ ބަނދަރު ތަރައްގީ ކުރުމަށް ވަނީ ރާވައިފަ އެވެ. މި މަޝްރޫއަކީ ދެ މަރުހަލާއަކަށް ބަހާލައިގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ. މަޝްރޫއުގެ ފުރަތަމަ މަރުހަލާގައި މާލޭ ބަނދަރުގެ ބައެއް އޮޕަރޭޝަންތައް ތިލަފުއްޓަށް ބަދަލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ހިމެނެ އެވެ. އަދި ދެވަނަ ފިޔަވަހީގައި ޒަމާނީ ފެންވަރުގެ ކޮންޓެއިނަރު ޓާމިނަލެއް ތަރައްގީކޮށް، އެންމެ ޒަމާނީ ވަސީލަތްތަކާ އެކު މުދާ ކްލިއާ ކުރެވޭނެ ހަރުދަނާ ނިޒާމެއް ގާއިމް ކުރާނެ އެވެ.

މުދާ ބޭލުމަށް މޯބައިލް ހާބާ ކްރޭން ބޭނުންކުރަން ފެށުމާ އެކު، ބޯޓުފަހަރު ހުސްކުރުމަށް މިހާރު ނަގާ ހަތް ދުވަސް ދެ ދުވަހަށް އަވަސް ވެގެން ދާނެ. މިއާ އެކު، ފްރައިޓް ޗާޖް ކުޑަ ވެގެން ދާނެ ކަމަށް ލަފާކުރެވޭ. އަދި މުދަލުގެ އަގަށް ހެޔޮ ބަދަލެއް ގެނައުމަށް ވިޔަފާރިވެރިންނަށް މަގު ފަހިވެގެން ދާނެ"--- އަމީޒު

ތިލަފުށި ޕޯޓު ތަރައްގީ ކުރުމުގެ ފުރަތަމަ މަރުހަލާގައި ޕޯޓުން ދެމުންދާ ހިދުމަތްތައް މެދުކެނޑުމެއް ނެތި ދެވޭނެކަން ކަށަވަރު ކުރާނެ އެވެ. އަދި އެ ހިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ޒަމާނީ ވަސީލަތްތަކާ އެކު އަވަސް އަދި ފުޅާ ދާއިރާއެއްގައި ހިދުމަތް ފޯރުކޮށްދެވޭނެ ނިޒާމެއް ގާއިމް ކުރުމަކީ އެންމެ ބޮޑަށް އިސްކަންދޭ އެއް ކަންތަކެވެ.

މިހާރުގެ ބަނދަރަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ، ޝޯ ކްރޭން ނުވަތަ މޯބައިލް ހާބަ ކުރޭން ފަދަ ވަސީލަތެއް ބޭނުން ކުރެވޭ ވަަރުގެ "ސްޓްރެންތް" ކީވޯލްގައި ނެތުމެވެ. އެހެންވެ، މިހާރު މުދާ ބާލަން ޖެހެނީ ބޯޓުގައި ހުންނަ ޝިޕް ކްރޭން ބޭނުންކޮށްގެންނެވެ. މި ކްރޭނުން މުދާ ބޭލުމަށް ފުދޭ ވަރެއްގެ ވަގުތު ނަގައެވެ. އަދި ގިނަ ފަހަރަށް މި ކްރޭނަކީ ގިނައިން މަރާމާތަށް ބޭނުންވާ ވަސީލަތަކަށް ވުމުން، ކޮންޓެއިނަރުތައް ބޭލުމުގެ މަސައްކަތައް ވެސް ފުދޭ ވަރަކަށް ވަގުތު ނަގަ އެވެ.

އެހެންކަމުން ބަނަދަރުގެ އޮޕަރޭޝަން މި އަށް ވުރެ ބޮޑަށް ހަރުދަނާކޮށް، ހިދުމަތްތައް މިހާރަށް ވުރެ އަވަސް ކުރުމުގެ ގޮތުން، ތިލަފުށި ޕޯޓު ޑިވެލޮޕްމަންޓު ޕްރޮޖެކްޓުގެ ދަށުން ޒަމާނީ ވަސީލަތްތަކާ އެކު ހަރުދަނާ އިންފްރާސްޓްރަކްޗާއެއް ގާއިމު ކުރުމަށް ވަނީ ނިންމައިފަ އެވެ. މި ބަދަލާ އެކު، ބަނދަރުގެ ހިދުމަތްތައް އަވަސްވެ، ހަރަދު ކުޑަވުމުގެ އިތުރުން މުދަލުގެ އަގަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވެ އެވެ. "އެވްރެޖެކޮށް ބޯޓެއް ހުސްކުރުމަށް ހަތް ދުވަސް ނަގާއިރު ބޯޓެއް ބަނދަރުގައި މަޑުކުރަންޖެހޭ ކޮންމެ ދުވަހަކު ގާތްގަނޑަކަށް 24،000 ޑޮލަރުގެ ޗާޖެއް ނަގާ. އަަދި ބަނދަރުގައި ބޯޓު އަންލޯޑް ކުރުމަށް ލަސްވާ ކޮންމެ ދުވަހަކަށް ފްރައިޓުގެ އަގު ބޮޑުވެ، އާންމު މުދަލުގެ އަގު ބޮޑުވެގެންދޭ" އެމްޕީއެލްގެ ޗީފް ސްޓްރެޓެޖީ އޮފިސަރު، މުހައްމަދު އަމީޒު ވިދާޅުވި އެވެ.

އެމްޕީއެލްގެ ޕޯޓު ތިލަފުއްޓަށް ބަދަލުކުރުމަށްޓަކައި ތިލަފުށިން މިހާތަނަށް ހިއްކާފައިވާ ސަރަހައްދު.---ފޮޓޯ: އެމްޕީއެލް

އެމްޕީއެލްގެ ޕޯޓު ތިލަފުއްޓަށް ބަދަލުކުރުމަށްޓަކައި ތިލަފުށިން މިހާތަނަށް ހިއްކާފައިވާ ސަރަހައްދު.---ފޮޓޯ: އެމްޕީއެލް

ބައެއް ހާލަތްތަކުގައި ކްރޭނަށް ދިމާވާ ޓެކްނިކަލް މައްސަލަތަކުގެ ސަބަބުން، މުދާ އަރުވާފައިވާ އުޅަނދުފަހަރު ހުސްނުކުރެވި، އެނބުރި ދާން ޖެހުމަކީ ދިމާވާ ކަމެކެވެ. މިފަދަ ކަންކަމަކީ ފްރައިޓް ޗާޖާއި މުދަލުގެ އަގު މައްޗަށް ދިއުމަށް މެދުވެރިވާ ސަބަބުތަކެކެވެ. ނަމަވެސް، ތިލަފުށީ ޕޯޓު ޕްރޮޖެކްޓްގެ ފުރަތަމަ ފޭސްގެ މަޝްރޫއު ނިމުމާ އެކު، މި ދަތިތަކަށް އެކަށީގެންވާ ހައްލެއް ލިބޭނެ އެވެ. މި މަސައްކަތް ނިމުމާއެކު، ތިލަފުށީ ޕޯޓުގައި މުދާ ބޭލުމަށް މޯބައިލް ހާބާ ކްރޭން ބޭނުންކުރާނެ އެވެ. މިއީ ރާއްޖޭގައި ފުރަތަމަ ފަހަރަށް މިފަދަ ހިދުމަތެއް ފޯރުކޮށްދޭ ބަނދަރަކަށް އޭރުން ވާނެ އެވެ.

"މުދާ ބޭލުމަށް މޯބައިލް ހާބާ ކްރޭން ބޭނުންކުރަން ފެށުމާ އެކު، ބޯޓުފަހަރު ހުސްކުރުމަށް މިހާރު ނަގާ ހަތް ދުވަސް ދެ ދުވަހަށް އަވަސް ވެގެން ދާނެ. މިއާ އެކު، ފްރައިޓް ޗާޖް ކުޑަ ވެގެންދާނެ ކަމަށް ލަފާކުރެވޭ. އަދި މުދަލުގެ އަގަށް ހެޔޮ ބަދަލެއް ގެނައުމަށް ވިޔަފާރިވެރިންނަށް މަގު ފަހިވެގެންދާނެ" އަމީޒު ވިދާޅުވި އެވެ.

މި މަޝްރޫއާއެކު، އާންމު ރައްޔިތުންނަށް ލިބޭނެ ސީދާ މަންފާތައް ގިނަ އެވެ. ޒަމާނީ ފެންވަރުގެ ބަނދަރެއް ގާއިމުވުމާ އެކު، މުދާ އެތެރެކުރުމުގެ ހަރަދު ކުޑަވެ، ނަތީޖާއެއްގެ ގޮތުން ބާޒާރުގައި މުދަލުގެ އަގުތައް ދަށްވުން އެކަށީގެންވެ އެވެ. މި މަޝްރޫއުގެ ސަބަބުން ވިޔަފާރިތަކަށް ފަހި ފުރުސަތުތަކެއް ހުޅުވި، ގައުމުގެ އިގުތިސާދީ ދުވެލި ބާރު ވާނެ ކަމަށް ވެސް ލަފާކުރެވެ އެވެ.

"ރައްޔިތުންނަށް ލިބޭ ސީދާ ފައިދާތަކުގެ ތެރޭގައި، ވިޔަފާރިތަކުން ފްރައިޓަށް ކުރާ ހަރަދު ކުޑަވެގެން ދިއުމާ އެކު، މުދަލުގެ އަގަށް ހެޔޮ ބަދަލެއް ގެނައުމުގެ ފަހި ފުރުސަތު ބޮޑުކަން. އަދި މުދާ ބެހެއްޓުމަށް ބޭނުންވާ ޖާގަ ތަނަވަސް ވުމާއި ޕޯޓުގެ އޮޕަރޭޝަން އަވަސްވުމާ އެކު، މުދާ ޕޯޓުގައި ހިފެހެއްޓިފައި ހުންނަ ދުވަސްތައް މަދުވެ، މުދާ ބާޒާރަށް ނެރުން އަވަސްވުން ހިމެނޭ،" އަމީޒު ވިދާޅުވި އެވެ.

މީގެ އިތުރުން ވެސް އެމްޕީއެލްގެ ލޮޖިސްޓިކް އޮޕަރޭޝަނުގެ ސްޕީޑް އިތުރުވެ، މުދާ އެއްތަނުން އަނެއް ތަނަށް ގެންދިއުން އަވަސްވުމާ އެކު "ކޯސްޓް އޮފް އޮޕަރޭޝަންސް" ކުޑަވެ، އޭގެ ސިދާ މަންފާ އާންމުު ރައްޔިތުންނަށް ލިބޭނެ އެވެ. ޕޯޓަށް ބާލާ ކޮންޓެއިނަރުތަކުގެ ތެރެއިން 50 ޕަސެންޓަކީ އަތޮޅުތެރެ އަށް ގެންދިއުމަށް ދޯނިފަހަރަށް ހުސްކުރާ ކޮންޓެއިނަރު ކަމުން މި ހިދުމަތް ވެސް ކުރިއަށް އޮތްތަނުގައި ދެމުން ގެންދާނީ ތިލަފުށި ޕޯޓުންނެވެ.

މުޅި މަޝްރޫއުގެ ޖުމްލަ އަގު 255 މިލިއަން އެމެރިކާ ޑޮލަރަށް އަރާނެ ކަމަށް ލަފާކުރެވެ އެވެ. މީގެ ތެރެއިން، މަޝްރޫއުގެ ފުރަތަމަ ފިޔަވަހި ނިންމުމަށް 35 މިލިއަން އެމެރިކާ ޑޮލަރު ހޭދަވާނެ ކަމަށް އަންދާޒާ ކުރެވެ އެވެ. އަމާޒަކީ އަންނަ އަހަރު ނުވަތަ 2026 ވަނަ އަހަރުގެ ޖުލައި މަހުގައި ތިލަފުށި ޕޯޓުން ހިދުމަތް ދޭން ފެށުމެވެ.