Roadha Mihaaru

ކުޅުދުއްފުށީގައި އެމްޕީއެލްއިން ޔަމަހާ ސާވިސް ސެންޓަރެއް ހަދަނީ

ކުޅުދުއްފުށީ ސިޓީ ޕޯޓުގައި ޔަމަހާގެ ސާވިސް ސެންޓަރެއް ހެދުމަށް އެމްޕީއެލްއިން އެލިއާ އިންވެސްޓްމަންޓާއެކު މިއަދު ސޮއިކޮށްފި އެވެ.

ކުޅުދުއްފުށީގައި ޔަމަހާ ސާވިސް ސެންޓަރެއް ހަދަނީ
އައިޝަތު ޖަޒްލީ
އައިޝަތު ޖަޒްލީ

15 ސެޕްޓެމްބަރ 2025

ކުޅުދުއްފުށީ ސިޓީ ޕޯޓުގައި ޔަމަހާގެ ސާވިސް ސެންޓަރެއް ހެދުމަށް އެމްޕީއެލްއިން އެލިއާ އިންވެސްޓްމަންޓާއެކު މިއަދު ސޮއިކޮށްފި އެވެ.

މިއަދު އެމްޕީއެލްގައި ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ސީއީއޯ މުހައްމަދު ރިޝްވާނެވެ. އަދި އެލިއާ އިންވެސްޓްމަންޓްގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލާއު އަލީ އެވެ.

އެ އެއްބަސްވުމާ ގުޅޭގޮތުން އެމްޕީއެލްގެ ސީއީއޯ މުހައްމަދު ރިޝްވާން ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެ ކުންފުނީގެ ޕޯޓުތައް އިތުރުވުމުން ބައެއް މަސައްކަތްތަކުގެ ތެރޭގައި ލޮޖިސްޓިކް މަސައްކަތްތައް ފެށުމާއި ކަނޑާއި ގުޅިފައިވާ މަސައްކަތް ފުޅާކުރުން ހިމެނޭ ކަމަށެވެ. އެގޮތުން އެ އެއްބަސްވުމަކީ ކުޅުދުއްފުށީގައި ހަދާ ޑޮކްޔާޑާ އެކު ތަރައްގީކުރަން ހަމަޖެހިފައިވާ ތަނެއް ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ކުންފުންޏަށް ބޭނުންވާ އާމްދަނީ އިތުރުކޮށް، އެ ކުންފުނިން ދޭ ހިދުމަތްތައް އިތުރުކުރަން ކަމަށް ވިދާޅުވި އެވެ. އަދި އެ ހިދުމަތަށް އެދި ސަރަހައްދުތަކުން ރިކުއެސްޓު ލިބެމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އިތުރު ސަރަހައްދުތަކަށް ވެސް އެ ހިދުމަތް ފުޅާކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އެލިއާ އިންވެސްޓްމަންޓްގެ މެނޭޖިން ޑިރެކްޓަރ އަލާއު ވިދާޅުވީ އެ މަސައްކަތަކީ ގުޅިގެން ދެ ފަރާތުން މަސައްކަތް ކުރުމުގެ ފެށުމެއް ކަމަށެވެ. އަދި އެ ކުންފުނިން އެކި ސަރަހައްދުގައި ސާވިސް ސެންޓަރުގެ ހިދުމަތް ދެމުންދާ ކަމަށާއި އަދި އެމްޕީއެލްއާ އެކު އެ ހިދުމަތްތައް ފުޅާ ކުރުމަށް މަސައްކަތް ކުރާނެ ކަމަށް ވިދާޅުވި އެވެ.

ކުޅުދުއްފުށީގައި ހަދާ ޔަމަހާގެ ސާވިސް ސެންޓަރުގެ އަމަލީ މަސައްކަތް 6 މަސް ދުވަހުގެ ތެރޭގައި ފެށުމަށް ވަނީ ހަމަޖެހިފަ އެވެ.