Roadha Mihaaru

މެރާލް އާއި އުލްޔާ އަށް ޝޯޓްކޯސް ގައުމީ ރެކޯޑްތަކެއް

ރާއްޖޭގެ ޒުވާން ދެ ފެތުންތެރިން ކަމަށްވާ މެރާލް އައިން ލަތީފާއި އާއިޝަަތު އުލްޔާ ޝާއިގް ޝޯޓްކޯސް ފެތުމުގެ ގައުމީ ރެކޯޑްތަކެއް އާކޮށްފި އެވެ.

މެރާލް އާއި އުލްޔާ އަށް ޝޯޓްކޯސް ގައުމީ ރެކޯޑްތަކެއްް

ރާއްޖޭގެ ޒުވާން ދެ ފެތުންތެރިން ކަމަށްވާ މެރާލް އައިން ލަތީފާއި އާއިޝަަތު އުލްޔާ ޝާއިގް ޝޯޓްކޯސް ފެތުމުގެ ގައުމީ ރެކޯޑްތަކެއް އާކޮށްފި އެވެ.

މިދިޔަ އަހަރުގެ ޕެރިސް އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރި އުލްޔާ ވަނީ މި މަހުގެ 1-3 އަށް އޮސްޓްރޭލިއާގައި ބޭއްވި 2025 ހެންކޮކް ޕްރޮސްޕެކްޓިން ވެސްޓާން އޮސްޓްރޭލިއާ ޝޯޓްކޯސް ޗެމްޕިއަންޝިޕްސްގައި، އަންހެނުންގެ ޝޯޓްކޯސް 50 މީޓަރު ފްރީސްޓައިލް އިވެންޓުގައި 28.41 ސިކުންތުން ފަތައިގެން ގައުމީ ރެކޯޑް މުގުރާލައިފަ އެވެ.

އެންމެ ފަހުން މި ރެކޯޑް އާކޮށްފައި ވަނީ، މިދިޔަ އަހަރު ތައިލެންޑްގައި ބޭއްވި އޭޝިއަން އޯޕަން ސްކޫލްސް އިންވިޓޭޝަނަލް (އޭއޯއެސްއައި) ޝޯޓްކޯސް (25މީޓަރު) އޭޖްގްރޫޕް ސްވިމިން ޗެމްޕިއަންޝިޕްސް 2024 ގައި އަމްނާ ތަޒްކިޔާ މިރުސާދު (ތަޒްކީ) އެވެ. އޭނާ ރެކޯޑް ހެދީ 28.55 ސިކުންތުން ފަތައިގެންނެވެ.

މިދިޔަ އާދިއްތަ ދުވަހު ސިންގަޕޫރުގައި ނިމުނު 22 ވަނަ ވޯލްޑް އެކުއޭޓިކްސް ޗެމްޕިއަންޝިޕްސް (ލޯންގްކޯސް) ގައި ވާދަކުރި ރާއްޖޭގެ ޓީމުގައި ވެސް ހިމެނުނު މެރާލް ވަނީ، މިދިޔަ ޖޫން މަހުގެ 28-29 އަށް އިނގިރޭސި ވިލާތުގައި ބޭއްވި އޭޕީ ރޭސް: ޕްލިމަތް ސަމާ އޯޕަން 2025ގައި ޝޯޓްކޯސް ގައުމީ ތިން ރެކޯޑެއް އާކޮށްފަ އެވެ.

އިނގިރޭސި ވިލާތުގައި މެރާލް އާކޮށްފައި ވަނީ، އަންހެނުންގެ ޝޯޓްކޯސް 400 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓާއި އަންހެނުންގެ ޝޯޓްކޯސް 200 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓް އަދި އަންހެނުންގެ ޝޯޓްކޯސް 50 މީޓަރު ބަޓަފްލައި އިވެންޓްގެ ގައުމީ ރެކޯޑެވެ.

އަންހެނުންގެ ޝޯޓްކޯސް 400 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގައި މެރާލް، އޭނާ މިދިޔަ އަހަރު ހެދި ރެކޯޑް އާކޮށްފައި ވަނީ 05:43.81 އިން ރޭސް ނިންމައިގެންނެވެ. މިދިޔަ އަހަރު ރެކޯޑް ހެދީ އެ އަހަރުގެ ފަހުކޮޅު ވެލްޝް ކެޕިޓަލް އޯޕަންމީޓް ގައި 05:49.59 އިން ރޭސް ނިންމައިގެންނެވެ.

އަންހެނުންގެ ޝޯޓްކޯސް 200 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ގައުމީ ރެކޯޑް މިރާލް މުގުރާލީ، 02:37.66 އިން ފަތައިގެންނެވެ. މިދިޔަ އަހަރު ތައިލެންޑްގައި ބޭއްވި އޭޝިއަން އޯޕަން ސްކޫލްސް އިންވިޓޭޝަނަލް (އޭއޯއެސްއައި) ޝޯޓްކޯސް (25މީޓަރު) އޭޖްގްރޫޕް ސްވިމިން ޗެމްޕިއަންޝިޕްސް 2024 ގައި، 02.42.67 އިން ފަތައިގެން މި ރެކޯޑް ހަދާފައި ވަނީ ތަޒްކީ އެވެ.

އަންހެނުންގެ ޝޯޓްކޯސް 50 މީޓަރު ބަޓަރފްލައި އިވެންޓުގެ ގައުމީ ރެކޯޑް މެރާލް އާކޮށްފައި ވަނީ 31.14 ސިކުންތުން ހީޓް ފުރިހަމަ ކޮށްގެންނެވެ. މިދިޔަ އަހަރު ތައިލެންޑްގައި އޮތް އޭއޯއެސްއައި އޭޖްގްރޫޕް މުބާރާތުގައި މެރާލް މި އިވެންޓްގެ ރެކޯޑް އާކުރީ 31.41 ސިކުންތުންނެވެ.