Roadha Mihaaru

ޖަމީލް، ހައި ކޯޓުގެ ފަނޑިޔާރުގެ މަގާމަށް އައްުޔަންކުރައްވައިފި

ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ސިވިލް ކޯޓުގެ ކުރީގެ ގާޒީ އަބްދުﷲ ޖަމީލް މޫސާ މިރޭ އައްޔަންކޮށްފި އެވެ.

ޖަމީލް، ހައިކޯޓުގެ ފަނޑިޔާރުގެ މަގާމަށް އައްުޔަންކޮށްފި

ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ސިވިލް ކޯޓުގެ ކުރީގެ ގާޒީ އަބްދުﷲ ޖަމީލް މޫސާ މިރޭ އައްޔަންކޮށްފި އެވެ.

އެ ކޯޓުގެ ފަނޑިޔާރުކަމުގެ ލިޔުން ޖަމީލްއާ ހަވާލު ކޮށްދެއްވީ ސުޕްރީމް ކޯޓުގައި މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ޖޭއެސްސީގެ ރައީސް ހުސައިން ރިޒާ އާދަމް އެވެ.

ޖަމީލަކީ 2003 ވަނަ އަހަރުން ފެށިގެން 2009 ވަނަ އަހަރާ ހަމައަށް މެޖިސްޓްރޭޓްކަން ކުރެއްވި ބޭފުޅެކެވެ އަދި 2009 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރާ ހަމައަށް ސިވިލް ކޯޓުގެ ގާޒީކަން ކުރެއްވި އެވެ. ހާއްސަކޮށް އޭނާގެ ގާޒީކަމުގައި ސިވިލް ކޯޓުގައި ބޮޑެތި މައްސަލަތަކެއް ބެއްލެވި އެވެ.

ޖަމީލްއާ އެކު، ހައި ކޯޓަށް ދެން އައްޔަން ކުރަން ޖޭއެސްސީން ނިންމީ މި ސަރުކާރުގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ޝަހީދު އެވެ.

ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ސިވިލް ކޯޓުގެ ކުރީގެ ގާޒީ އަބްދުﷲ ޖަމީލް މޫސާ އައްޔަން ކުރައްވަން ސުޕްރީމް ކޯޓުގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ޖޭއެސްސީގެ ރައީސް ރިޒާ އާއި ޖަމީލް އަދި ޝަރުއީ ދާއިރާގެ އިސް ބައެއް ބޭފުޅުން ފޮޓޯއަކަށް ހުއްޓި ވަޑައިގެން.---ފޮޓޯ: ނިޝާން އަލީ| މިހާރު

ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ސިވިލް ކޯޓުގެ ކުރީގެ ގާޒީ އަބްދުﷲ ޖަމީލް މޫސާ އައްޔަން ކުރައްވަން ސުޕްރީމް ކޯޓުގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ޖޭއެސްސީގެ ރައީސް ރިޒާ އާއި ޖަމީލް އަދި ޝަރުއީ ދާއިރާގެ އިސް ބައެއް ބޭފުޅުން ފޮޓޯއަކަށް ހުއްޓި ވަޑައިގެން.---ފޮޓޯ: ނިޝާން އަލީ| މިހާރު

އެ ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލެއްވި 17 ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގެން ޖޭއެސްސީގެ އިންޓަވިއު އާއި މާކްސް އިން ކުރި ހޯއްދެވި ނަމަވެސް ޝަހީދު ވަނީ އޭނާގެ ނަން އަނބުރާ ނަގަން އެ ކޮމިޝަންގައި މިއަދު އެދިވަޑައިގެންފަ އެވެ. އަދި ހައި ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމާ ހަވާލުވެވަައިގަތުމަށް އުޒުރުވެރިވާ ކަމަށް ވެސް އޮތީ އަންގަވައިފަ އެވެ.

ސިޔާސީ މަސައްކަތްތަކުގައި ޕީޕީއެމާއި ޕީއެންސީގައި ކުރިން އުޅުއްވި ޝަހީދުގެ އެ ނިންމެވުމާ އެކު، އޭނާ ވެފައި ވަނީ ފަނޑިޔާރަކަށް އައްޔަން ކުރަން ޖޭއެސްސީން ނިންމި ފަހުން ނަން އަނބުރާ ނަންގަވަން މިހާތަނަށް ހުށަހެޅުއްވި ފުރަތަމަ ފަރާތަށެެވެ.

ޖޭއެސްސީގެ ރައީސް ރިޒާ އަށް ފޮނުއްވި ސިޓީއެއްގައި ޝަހީދު ވިދާޅުވީ، އޭނާގެ އެޕްލިކޭޝަން ބާތިލް ކޮށްދިނުމަށް އެދިވަޑައިގަތީ، އޭނާއަކީ މިހާރު ވެސް ސިޔާސީ ބޭފުޅެއް ކަމަށް ބަޔަކު ސިފަކުރަމުންދާތީ، ފަނޑިޔާރުންގެ ނަޒާހަތްތެރިކަމާ މެދު އާންމުންގެ ހިތުގައި ސުވާލު އުފައްދަން ޖާގަ ނުދިނުމުގެ ގޮތުން ކަމަށެވެ.

"ދިވެހި ގައުމަށްޓަކައި އަދި ޖުޑިޝަރީގެ މުސްތަގިއްލުކަން ހިމާޔަތް ކުރުމަށްޓަކައި އަޅާ ފިޔަވަޅެއް މިއީ. އަޅުގަނޑު ސިޔާސީ މަގާމެއްގައި ހުއްޓަސް އެ މަގާމުން އިސްތިއުފާ ދީފައި މިކަމާ ކުރިމަތިލީ ވެސް ސިޔާސީ ކަންކަމާ ދުރުވުމަށްޓަކައި،" ޝަހީދު ވިދާޅުވި އެވެ.