Roadha Mihaaru

މިނިވަން ދުވަހުގެ ބަންދު ތެރޭގައި ވެސް ޕާސްޕޯޓުގެ ހިދުމަތް ލިބޭނެ: އިމިގްރޭޝަން

މިނިވަން ދުވަހާ ގުޅިގެން ލިބޭ ބަންދު ދުވަސްތަކުގައި ވެސް ޕާސްޕޯޓުގެ ހިދުމަތްދޭނެ ކަމަށް އިމިގްރޭޝަނުން މިއަދު ބުނެފި އެވެ.

މިނިވަން ދުވަހުގެ ބަންދުތެރޭގައި ޕާސްޕޯޓު ލިބޭނެ
އާސިމާ ނިޒާރު
އާސިމާ ނިޒާރު

24 ޖުލައި 2025

މިނިވަން ދުވަހާ ގުޅިގެން ލިބޭ ބަންދު ދުވަސްތަކުގައި ވެސް ޕާސްޕޯޓުގެ ހިދުމަތްދޭނެ ކަމަށް އިމިގްރޭޝަނުން މިއަދު ބުނެފި އެވެ.

އެ އިދާރާއިން ކުރި އިއުލާނުގައި ބުނީ އިމުގާ ޕޯޓަލް މެދުވެރިކޮށް 24 ގަޑިއިރު ޕާސްޕޯޓަށް ހުށަހެޅޭނެ ކަމަށެވެ. އޭގެ އިތުރުން 65 އަހަރުން މަތީގެ މީހުންނާއި އިމަޖެންސީ ހާލަތްތަކުގައި އެ އޮފީހަށް ހާޒިރުވެގެން ވެސް ޕާސްޕޯޓަށް ހުށަހެޅޭނެ ކަމަށް ބުންޏެވެ.

އެ އޮފީހަށް ހާޒިރުވެގެން ޕާސްޕޯޓަށް ހުށަހެޅުމުގެ ފުރުސަތު އަންނަ ހޮނިހިރު ދުވަހުގެ ހެނދުނު 9:00 އިން މެންދުރު 12:00 އަށް ވަނީ ހުޅުވާލައިފަ އެވެ. އަދި ޕާސްޕޯޓާ ހަވާލުވުމަށް ނަމްބަރު ދޫކުރާނީ އެ ދުވަހުގެ ހަމަ އެ ވަގުތުތަކުގަ އެވެ.

އަންނަ އާދިއްތަ އަދި ހޯމަ ދުވަހު، އިމިގްރޭޝަނަށް ހާޒިރުވެގެން ޕާސްޕޯޓަށް ހުށަހަޅަން ދީފައިވަނީ ހެނދުނު 8:30 އިން މެންދުރު ފަހު 2:00 އަށެވެ. އަދި ޕާސްޕޯޓާ ހަވާލުވާން ނަމްބަރު ދޫކުރާނީ އެ ދުވަހުގެ ހެނދުނު 8:30 އިން މެންދުރު ފަހު 2:00 އަށެވެ.

އަންނަ ހޮނިހިރު ދުވަހު ފާހަގަކުރާ ރާއްޖޭގެ 60 ވަނަ މިނިވަންދުވަހާ ގުޅިގެން ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދަން ވަނީ ނިންމައިފަ އެވެ. އެއާއެކު، ދެ ދުވަހެއް ބަންދުކުރަން ސަރުކާރުން ވަނީ ނިންމައިފަ އެވެ.

ނަމަވެސް، ސްކޫލު ޗުއްޓީ ފެށުމާއި ހަފުތާ ބަންދާއެކު، މިނިވަން ދުވަހުގެ ބަންދުގެ ގޮތުގައި ހަތަރު ދުވަސް ލިބޭތީ ގިނަ ބަޔަކު ރާއްޖެއިން ބޭރަށް ފުރައިގެން ދާނެ ކަމަށް ބެލެވެ އެވެ.