Roadha Mihaaru

ކަނޑު އުޅަނދުތަކުގެ ހަރަކާތްތައް މޮނިޓާ ކުރެވޭނެ ނިޒާމެއް އިމިގްރޭޝަނުން ގާއިމްކޮށްފި

ޔުނިވާސަލް އޮޓޮމެޓިކް އައިޑެންޓިފިކޭޝަން ސިސްޓަމްގެ ޒަމާނީ ޓެކްނޮލޮޖީ (ޔޫއޭއައިއެސް) ބޭނުންކޮށްގެން ކަނޑުއުޅަނދުފަހަރުގެ ހަރަކާތްތައް މޮނިޓާކުރާ ނިޒާމެއް އިމިގްރޭޝަނުން ތައާރަފްކޮށް، ބޭނުންކުރަން ފަށައިފި އެވެ.

ކަނޑު ބޯޓުތައް އިމިގްރޭޝަނަށް މޮނިޓާކުރެވޭނެ ނިޒާމެއް
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

05 އޯގަސްޓް 2025

ޔުނިވާސަލް އޮޓޮމެޓިކް އައިޑެންޓިފިކޭޝަން ސިސްޓަމްގެ ޒަމާނީ ޓެކްނޮލޮޖީ (ޔޫއޭއައިއެސް) ބޭނުންކޮށްގެން ކަނޑުއުޅަނދުފަހަރުގެ ހަރަކާތްތައް މޮނިޓާކުރާ ނިޒާމެއް އިމިގްރޭޝަނުން ތައާރަފްކޮށް، ބޭނުންކުރަން ފަށައިފި އެވެ.

އިމިގްރޭޝަނުން ބުނީ އެ ސިސްޓަމާއެކު މާލޭ ޕޯޓު ސަރަހައްދުން ފެށިގެން 30 ނޯޓިކަލް މޭލު ސަރަހައްދުގައި ދުއްވާ ހުރިހާ ކަނޑު އުޅަނދުފަހަރުގެ ހަރަކާތްތައް ރިއަލްޓައިމްކޮށް ދެނެގަނެވޭނެ ކަމަށެވެ.

އެ ސިސްޓަމުގެ ސަބަބުން އިމިގްރޭޝަންގެ މަސައްކަތްތަކަށް ވަރަށް ބޮޑު ލުޔެއް ލިބޭނެ ކަމަށް ވެސް ބުންޏެވެ.

ކަނޑުއުޅަނދުފަހަރުގެ ހަރަކާތްތައް މޮނިޓަރކުރާ ޔުނިވާސަލް އޮޓޮމެޓިކް އައިޑެންޓިފިކޭޝަން ސިސްޓަމް (ޔޫއޭއައިއެސް) ކައިރީ އިމިގްރޭޝަންގެ މުވައްޒަފުންތަކެއް.-- ފޮޓޯ: އިމިގްރޭޝަން

ކަނޑުއުޅަނދުފަހަރުގެ ހަރަކާތްތައް މޮނިޓަރކުރާ ޔުނިވާސަލް އޮޓޮމެޓިކް އައިޑެންޓިފިކޭޝަން ސިސްޓަމް (ޔޫއޭއައިއެސް) ކައިރީ އިމިގްރޭޝަންގެ މުވައްޒަފުންތަކެއް.-- ފޮޓޯ: އިމިގްރޭޝަން

މީގެކުރިން ބޯޓު ފަހަރުތައް ރާއްޖެއަށް އަންނާނެ ކަމަށް ލަފާކުރެވޭ ވަގުތައް ހޯދަނީ ކަމާ ގުޅުން ހުރި އިދާރާތައް މެދުވެރިކޮށެވެ. އެކަމަކު އެ ސިސްޓަމާއެކު އިމިގްރޭޝަނަށް އުޅަނދުތައް މޮނިޓާކުރެވޭނެ އެވެ.

"ކުރީގައި އަމަލުކުރާ ގޮތަކީ އީޓީ ލިބުނީމަ ގުޅުން ހުރި އެހެން މުއައްސަސާތައް، އެމްޕީއެލް، ކަސްޓަމްސް މެދުވެރިކޮށް މައުލޫމާތު ހޯދައިގެން ބޯޓު ވަންނަ ގަޑިއަށް އޮފިސަރުން ތައްޔާރުކޮށް ބޯޓަށް ދިއުމަށް ތައްޔާރުވަމުންދަނީ. އެ ބޯޓު ފަހަރު ފުރައިގެންދިޔަތޯ، ބޯޓު އޮތީ ކޮން ހިސާބެއްގައިތޯ، ރާއްޖެއަށް ވަންނަން އައި ބޯޓު އަންނަން ކިހާ ހިސާބެއްގައި އޮތްތޯ މިހާރު ދެނެގަނެވޭނެ. ކެޕޭސިޓީ ބިލްޑު ކުރުމުގެ ގޮތުން އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް މީއީ،" އިމިގްރޭޝަނުން ބުންޏެވެ.

ޔޫއޭއައިއެސް އަކީ ކަނޑު ބޯޓު ވަދެ ނުކުމެ އުޅޭއިރު ޓްރޭސް ކުރާ ސިސްޓަމެކެވެ. އިންޓަނޭޝަނަލް ޕޯޓުތަކުގައި އެތަންތަނުގެ ހިންގުން ހަރުދަނާ ކުރުމަށާއި ސަލާމަތީ ކަންކަން ކަށަވަރުކުރުމަށް ވެސް އެ ސިސްޓަމް އަންނަނީ ބޭނުން ކުރަމުންނެވެ.