Roadha Mihaaru

ދިރާގުން މިފަހަރު ދެނީ ދެ ސްޕީޑްބޯޓު!

ފާއިތުވި ދެތިން ދުވަހު ދިރާގުން، ދެ އައިސްކްރީމާއި، ދެ ކޭކު އަދި ދެ ބުޅާ ފަދަ އެކި ޕޯސްޓުތަކާއެކު ޓީޒްކުރަމުންދިޔަ ޕްރޮމޯޝަން މިއަދު އިއުލާންކޮށްފި އެވެ.

ދިރާގުން މިފަހަރު ދެނީ ދެ ސްޕީޑްބޯޓު!
އައިޝަތު ޖަޒްލީ
އައިޝަތު ޖަޒްލީ

03 އޯގަސްޓް 2025

ފާއިތުވި ދެތިން ދުވަހު ދިރާގުން، ދެ އައިސްކްރީމާއި، ދެ ކޭކު އަދި ދެ ބުޅާ ފަދަ އެކި ޕޯސްޓުތަކާއެކު ޓީޒްކުރަމުންދިޔަ ޕްރޮމޯޝަން މިއަދު އިއުލާންކޮށްފި އެވެ.

ދިރާގުގެ ހެޑް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ހާއްސަ ބައްދަލުވުމުގައި ދިރާގުން މިއަހަރު ދޭ "ބޮޑު އިނާމެއް"ގެ ގޮތުގައި ދެ ސްޕީޑްބޯޓް ލިބޭ ޕްރޮމޯޝަނެއް ވަނީ އިއުލާނުކޮށްފަ އެވެ. އެ ޕްރޮމޯޝަނުގައި ބައިވެރިވުމުގެ ފުރުސަތު މިއަދުން ފެށިގެން ހުޅުވާލާފައިވާއިރު، ޕްރޮމޯޝަނުގެ ފުރަތަމަ ސްޕީޑްބޯޓު ދޭނީ އަންނަ އަހަރުގެ ޖެނުއަރީ މަހު އެވެ. އަދި ދެވަނަ ސްޕީޑްބޯޓު ދޭނީ އަންނަ އަހަރުގެ ޖުލައި މަހު އެވެ.

ދިރާގުގެ ޑިރެކްޓަރު، ބްރޭންޑް މާކެޓިން އެންޑް ކޮމިއުނިކޭޝަންސް މުހައްމަދު މިރްޝާން ހަސަން ވިދާޅުވީ މިދިޔަ އަހަރު އެ ކުންފުނިން ދިން ސްޕީޑް ބޯޓް ޕްރޮމޯޝަނަކީ މިހާތަނަށް އެންމެ ގިނަ ބަޔަކު ބައިވެރިވި އެއް ޕްރޮމޯޝަން ކަމަށެވެ. އަދި ސްޕީޑް ބޯޓަށް ދިވެހިންގެ މެދުގައި ލިބުނު ތަރުހީބު ފާހަގަކޮށް، މިއަހަރު ނަސީބުވެރި ދެ ފަރާތަކަށް ސްޕީޑު ބޯޓު ދޭން ނިންމީ ކަމަށް އޭނާ ވިދާޅުވި އެވެ.

މިއަހަރު ދިރާގުން ދެނީ ޔަމަހާ 250 ހޯސްޕަވަރުގެ އިންޖީނު އަޅާފައިވާ ކެނެރީ 28 މޮޑެލްގެ ދެ ސްޕީޑް ބޯޓެވެ. މީގެ ކޮންމެ ސްޕީޑްބޯޓެއްގެ އަގަކީ 1.1 މިލިއަން ރުފިޔާ އެވެ. އެ ސްޕީޑްބޯޓު ހޯދުމަށް ޕްރޮމޯޝަނުގައި ބައިވެރިވުމުގެ ޝަރުތު ހަމަވާ ކަސްޓަމަރުން ދިރާގުގެ "ވިންއަބޯޓް" ޕޯޓަލް މެދުވެރިކޮށް އެންރޯލް ކުރަން ޖެހޭނެ އެވެ.

ދިރާގުގެ ކަސްޓަމާ ވެލިއު މެނޭޖަރު ބްރޯޑްބޭންޑް އެންޑް ޑިވައިސަސް، އަހުމަދު އިޝާން ވިދާޅުވީ އެ ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ މޮބައިލް ޕޯސްޕެއިޑްގެ 450އިން މަތީގެ ޕެކޭޖުތައް ގެންގުޅޭ ކަސްޓަމަރުންނާއި ފިކްސްޑް ބްރޯޑްބޭންޑް 40 އެމްއިން މަތީގެ ޕެކޭޖުތަކުގެ ކަސްޓަމަރުންނާއި މޮބައިލް ބްރޯޑްބޭންޑް އަދި 5ޖީ ޓާބޯގެ 540އިން މަތީގެ ޕްލޭންތައް ގެންގުޅޭ ކަސްޓަމަރުންނަށް ކަމަށެވެ. އަދި އެ ޕްރޮމޯޝަނުގައި ދިރާގާ އަލަށް ގުޅި އެ ޕެކޭޖުތައް ހިޔާރުކުރާ ކަސްޓަމަރުންނަށް ވެސް ބައިވެރިވެވޭނެ އެވެ.

އިޝާން ވިދާޅުވީ އަންނަ އަހަރުގެ މާޗު މަހުގެ ނިޔަލަށް އެ ޕްރޮމޯޝަން ކުރިއަށް ދިއުމަށް ހަމަޖެހިފައިވާއިރު، މިއަހަރުގެ ސެޕްޓެމްބަރުގެ ނިޔަލަށް އެ ޕްރޮމޯޝަނުގައި ބައިވެރިވާ ކަސްޓަމަރުންގެ ނަމްބަރުތައް ހަތަރު ފަހަރަށް އެންރޯލް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ދިރާގުން ދޭ ސްޕީޑްބޯޓު ހޯދުމަށް ޝަރުތު ހަމަނުވާ ނަމަ "ވިންއަބޯޓް" ޕޯޓަލްއިން އެ ކަސްޓަމަރެއްގެ ޕެކޭޖު އަޕްގްރޭޑް ކުރެވޭނެ އެވެ.

މިއީ ދިރާގުން މިފަދަ ބޮޑު އިނާމެއް ލިބޭ ގޮތަށް ޕްރޮމޯޝަނެއް ކުރިއަށް ގެންދާ ތިން ވަނަ އަހަރެވެ. ދިރާގުން 2023 ވަނަ އަހަރު އެ ޕްރޮމޯޝަން ފެށީ ޓެސްލާ ކާރަކާ އެކު އެވެ. އެއަށްފަހު، މިދިޔަ އަހަރު އެ ކުންފުނިން ވަނީ "މަޖެލަން 32" މޮޑެލްގެ ސްޕީޑް ބޯޓެއް ދީފަ އެވެ.