Roadha Mihaaru

މަރަޑޯނާގެ 10 ނަމްބަރު ޑިބްރޭނާ އަށް؟

ނަޕޯލީން ރިޓަޔާކޮށްފައިވާ، ޑިއެގޯ މަރަޑޯނާގެ 10 ނަމްބަރު ޖާޒީ، އެ ކްލަބަށް އަލަށް ސޮއިކުރި ކެވިން ޑި ބްރޭނާ ބޭނުންކުރާތަން ފެނުމުން، ސަޕޯޓަރުންގެ މެދުގައި ހިޔާލު ތަފާތުވެއްޖެ އެވެ.

މަރަޑޯނާގެ 10 ނަމްބަރު ޑިބްރޭނާ އަށް؟

ނަޕޯލީން ރިޓަޔާކޮށްފައިވާ، ޑިއެގޯ މަރަޑޯނާގެ 10 ނަމްބަރު ޖާޒީ، އެ ކްލަބަށް އަލަށް ސޮއިކުރި ކެވިން ޑި ބްރޭނާ ބޭނުންކުރާތަން ފެނުމުން، ސަޕޯޓަރުންގެ މެދުގައި ހިޔާލު ތަފާތުވެއްޖެ އެވެ.

ނަޕޯލީން، އެ ކްލަބާ އެކު ބޮޑެތި ކާމިޔާބީތަކެއް ހޯދި މަރަޑޯނާގެ 10 ނަމްބަރު ޖާޒީ، އެހެން ކުޅުންތެރިޔަކަށް ނުދޭން ނިންމީ 2000 ވަނަ އަހަރު އެވެ. އެއީ މަރަޑޯނާ އަށް ދޭ ޝަރަފެއްގެ ގޮތުގަ އެވެ.

އެކަމަކު އެ ކްލަބާ ދާދި ފަހުން ގުޅުނު ބެލްޖިއަމްގެ ސުޕަސްޓާރް ޑިބްރޭނާ، ޓްރެއިނިންގައި 10 ނަމްބަރު ޖާޒީއެއްގައި ހުއްޓާ ވަނީ ފެނިފަ އެވެ. ރިޕޯޓްތައް ބުނާ ގޮތުގައި އެއީ ހަމައެކަނި ޓްރެއިނިންގައި ބޭނުންކުރަން ކްލަބުން ދިން ނަމްބަރެކެވެ. ރަސްމީކޮށް އެއްވެސް މެޗެއްގައި އޭނާ އަށް ނުވަތަ އެނޫން ކުޅުންތެރިޔަކަށް ވެސް ކްލަބުން އެ ނަމްބަރެއް ނުދޭނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

އެކަމަކު ބައެއް ސަޕޯޓަރުން ބުނީ މަރަޑޯނާއާ އެކު އެ ނަމްބަރު މަރުވެގެން ނުވާނެ ކަމަށާއި، އެ ނަމްބަރަކީ އެހެން ކުޅުންތެރިންގެ އުއްމީދު ހަގީގަތަކަށް ހަދަން އެހީތެރިވެދޭނެ ނަމްބަރަކަށް ވާން ޖެހޭނެ ކަމަށެވެ. "އެ ނަމްބަރު ޖާޒީ އެހެން ކުޅުންތެރިޔަކު ބޭނުންކުރުމަކީ އިހުތިރާމް ކުޑަކުރުމެއް ނޫން. އެއީ މަރަޑޯނާ އަށް ދޭ ހަދިޔާއެއް،" ސަޕޯޓަރަކު ބުންޏެވެ.

އެހެން ސަޕޯޓަރަކު ބުނީ ޑި ބްރޭނާ އަކީ މަރަޑޯނާ އަށް ފަހު ނަޕޯލީއާ ގުޅުނު އެންމެ މަތީ ފަންތީގެ ކުޅުންތެރިޔާ ކަމަށާއި، އެކަމަކު މަރަޑޯނާގެ ނަމްބަރު އޭނާ އަށް ދިނުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށެވެ.

އެ ނަމްބަރު ރިޓަޔާކޮށްފައި އޮތް ނަމަވެސް، ނަޕޯލީ ބަނގުރޫޓުވެ 2004-2006 އަށް އިޓަލީގެ ތިން ވަނަ ޑިވިޝަނުގައި ކުޅުނުއިރު ބޭނުންކުރި އެވެ. އެއީ އެ މުބާރާތުގެ ގަވާއިދު އޮންނަ ގޮތުން 1 އިން ފެށިގެން 11 އާ ދެމެދުގެ ނަމްބަރުތައް ބޭނުންކުރަން މަޖުބޫރުވާތީވެ އެވެ. އޭރު އެ ނަމްބަރު ޖާޒީގައި ކުޅުނީ އުރުގުއޭގެ މަރިއާނޯ ބޮގްލިއާޗިނޯ އާއި، އާޖެންޓީނާގެ ޕަމްޕާ ސޯސާ އެވެ.

ނަޕޯލީ އަށް 1984-1991 އަށް ކުޅެ އެ ޓީމާ އެކު އިޓާލިއަން ލީގު ދެ ފަހަރު ކާމިޔާބުކުރި މަރަޑޯނާ އަކީ، އެ ކްލަބުގެ ސަޕޯޓަރުން މަރުދޭ ކުޅުންތެރިއެކެވެ. ނަޕޯލީން ވަނީ މަރަޑޯނާ މަރުވުމުން އޭނާގެ ޝަރަފުގައި، އެ ކްލަބުގެ ސްޓޭޑިއަމަށް އޭނާގެ ނަން ދީފަ އެވެ.