Roadha Mihaaru

ނަޕޯލީން މަރަޑޯނާގެ ހަނދާން އާކުރީ އާޖެންޓީނާ ރަމްޒުކޮށްދޭ ޖާޒީއެއްގައި

ނޭޕްލްސް (ނޮވެމްބަރު 30) – ޑިއެގޯ މަރަޑޯނާގެ އާޖެންޓީނާގެ ޖާޒީ ރަމްޒުކޮށްދޭ ޖާޒީއެއްގައި ކުޅެ އޭނާގެ ހަނދާންތައް އާކުރި މެޗުން އިޓާލިއަން ލީގުގައި ރޭ ނަޕޯލީން 4-0 އިން ރޯމާ އަތުން މޮޅުވެއްޖެ އެވެ.

ނަޕޯލީން މަރަޑޯނާގެ ހަނދާން އާކުރީ އާޖެންޓީނާ ރަމްޒުކޮށްދޭ ޖާޒީއެއްގައި

ނޭޕްލްސް (ނޮވެމްބަރު 30) – ޑިއެގޯ މަރަޑޯނާގެ އާޖެންޓީނާގެ ޖާޒީ ރަމްޒުކޮށްދޭ ޖާޒީއެއްގައި ކުޅެ އޭނާގެ ހަނދާންތައް އާކުރި މެޗުން އިޓާލިއަން ލީގުގައި ރޭ ނަޕޯލީން 4-0 އިން ރޯމާ އަތުން މޮޅުވެއްޖެ އެވެ.

މިދިޔަ ބުދަ ދުވަހު ހާޓްއެޓޭކެއް ޖެހިގެން މަރުވި އުމުރުން 60 އަހަރުގެ މަރަޑޯނާގެ ކްލަބް ކެރިއަރުގެ އެންމެ ކާމިޔާބު ދުވަސްތައް 1984-1991 އަށް ހޭދަކުރީ ނަޕޯލީގަ އެވެ. އޭނާ ވަނީ އެ ޓީމަށް އިޓާލިއަން ލީގު ދެ ފަހަރު އަދި ޔުއެފާ ކަޕް އެއް ފަހަރު ކާމިޔާބުކޮށްދީފަ އެވެ.

ނަޕޯލީ އަށް މަރަޑޯނާ ކޮށްދިން ހިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން ނަޕޯލީން ބޭނުންކުރީ މަރަޑޯނާ 1986 ވަނަ އަހަރު އާޖެންޓީނާ އަށް ވޯލްޑް ކަޕް ކާމިޔާބުކޮށްދިން އިރު ބޭނުންކުރި އެ ގައުމުގެ ހޯމް ޖާޒީއާ އެއްގޮތަށް ޑިޒައިންކޮށްފައިވާ ޖާޒީއެކެވެ. އެއީ ނުލާ ހުދުގެ ރޮނގުތަކެއް ދަމާފައިވާ ޓީޝާޓަކާއި ކަޅުކުލައިގެ ސޯޓެކެވެ.

ނަޕޯލީން ބުނީ މި ޖާޒީ ފަރުމާކުރުމަކީ އެ ކްލަބުގެ ކިޓް ސްޕޮންސަރު ކައްޕާއާ އެކު މީގެ އަހަރެއްހާ ދުވަސްކުރިން ކުރި ހިޔާލެއް ކަމަށެވެ. އަދި މަރަޑޯނާ އަށް މި ޖާޒީގައި ނަޕޯލީ ކުޅޭ މަންޒަރު ފެނި އޭނާ ފަހަރުގައި މި ޖާޒީ ލައިގެން އުފަލުގައި ބައިވެރިވާނެ ކަމަށް އުއްމީދުކުރި ކަމަށެވެ.

ރޭގެ މެޗުގައި ނަޕޯލީގެ ފުރަތަމަ ގޯލް 40 ވަނަ މިނެޓުގައި ހިލޭ ޖެހުމަކުން ޖެހީ ކެޕްޓަން ލޮރެންޒޯ އިންސީނޭ އެވެ. އޭނާ ލަނޑު ޖެހުމަށް ފަހު އުފާފާޅުކިރީ މަރަޑޯނާގެ 10 ނަމްބަރިު ޖާޒީ ހިފައިގެންނެވެ.

"މިއަދު އަހަރެމެން ބޭނުންވީ އާއްމު ކުޅުމަށް ވުރެ ރަނގަޅަށް ކުޅެ ނަތީޖާއެއް ހޯދަން، މަރަޑޯނާ އަށް ޓަކައި އަދި ހިތާމަ ފާޅުކުރަމުންދާ މުޅި ސިޓީއަށް ޓަކައި. މި މޮޅު އަހަރެމެން ހާއްސަކުރީ އޭނާ އަށް،" އިންސީނޭ ބުންޏެވެ. "މިރޭގެ މެޗު ވާނީ ފެށުމަކަށް. މިގޮތަށް ކުޅެފިއްޔާ އަހަރެމެންނަށް ކޮންމެ ބަޔަކު ވެސް ބަލިކުރެވިދާނެ."

ނަޕޯލީގެ އަނެއް ދެ ގޯލް ޖެހީ ފަބިއަން ރުއިޒާއި ޑްރިއެސް މާޓިންސް އަދި މަޓެއޯ ޕޮލިޓާނޯ އެވެ. މި މޮޅާ އެކު ނަޕޯލީ ވަނީ 17 ޕޮއިންޓް ހަމަކޮށް ފަސް ވަނަ އަށް އަރައިފަ އެވެ. ރޯމާ އޮތީ އެ އަދަދަށް ޕޮއިންޓް ހޯދައިގެން ހަ ވަނައިގަ އެވެ.

ރޭ އޭސީ މިލާން ވަނީ ފިއޮރެންޓީނާ އަތުން 2-0 އިން މޮޅުވެ ތާވަލުގެ އެއް ވަނައިގައި ފަސް ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. އެ ޓީމަށް ލިބިފައިވަނީ 23 ޕޮއިންޓެވެ. އެންމެ ގާތުގައި އޮތީ 18 ޕޮއިންޓާ އެކު ވާދަވެރި އިންޓަ މިލާނެވެ. އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި މިލާނުގެ ގޯލްތައް ޖަހައިދިނީ ކެޕްޓަން އަލެސިއޯ ރޮމަނޮލީ އަދި ޕެނަލްޓީއަކުން ފްރޭންކް ކެސިއޭ އެވެ.