Roadha Mihaaru

އިންޓަ ފަހަތަށް ޖައްސާލައި ނަޕޯލީން އިޓަލީ ލީގު ކާމިޔާބުކޮށްފި

ލީގު ދިފާއުކުރަން ނުކުމެ މިދިޔަ ސީޒަން 10 ވަނައިގައި ނިންމާލި ނަޕޯލީން މި ސީޒަނުގައި ވަރުގަދަކޮށް އެނބުރި އައިސް އިޓަލީ ލީގުގެ ޗެމްޕިއަންކަން ރޭ ހޯދައިފި އެވެ.

އިންޓަ ފަހަތަށް ޖައްސާލައި ނަޕޯލީން ލީގު ކާމިޔާބުކޮށްފި

ލީގު ދިފާއުކުރަން ނުކުމެ މިދިޔަ ސީޒަން 10 ވަނައިގައި ނިންމާލި ނަޕޯލީން މި ސީޒަނުގައި ވަރުގަދަކޮށް އެނބުރި އައިސް އިޓަލީ ލީގުގެ ޗެމްޕިއަންކަން ރޭ ހޯދައިފި އެވެ.

މިއީ ނަޕޯލީން ތިން ސީޒަނުގެ ތެރޭ ލީގު ކާމިޔާބުކުރި ދެ ވަނަ ފަހަރެވެ. އަދި އެ ކްލަބުގެ ތާރީހުގައި ލީގު ހޯދި ހަތަރު ވަނަ ފަހަރެވެ.

އެ ޓީމުން ލީގު ޗެމްޕިއަންކަން ކަށަވަރުވީ، ރޭ ފަހު މެޗުގައި ކަލިއާރީ އަތުން 2-0 އިން މޮޅުވެގެ 82 ޕޮއިންޓް ހަމަކޮށްގެންނެވެ. ލީގަށް ދެން ވާދަކުރާ އިންޓަ މިލާނުން ރޭ ކޯމޯ އަތުން ހަމަ އެ ނަތީޖާ އިން މޮޅުވި ނަމަވެސް ހަމަކުރެވުނީ 81 ޕޮއިންޓެވެ. އިންޓަ އަށް ލީގު ލިބެން އޮތީ އެ ޓީމު މޮޅުވެ، އަދި ނަޕޯލީ ކުޅުނު މެޗުން މޮޅުނުވެއްޖެ ނަމަ އެވެ.

ނަޕޯލީގެ މި ކާމިޔާބީގެ ފަހަތުގައި ހުރީ މި ސީޒަނުގައި އެ ޓީމުގެ ކޯޗުކަމާ ހަވާލުވި އެންޓޯނިއޯ ކޮންޓޭ އެވެ. މީގެ ކުރިން ޔުވެންޓަސް އާއި، އިންޓައާ އެކު ވެސް ލީގު ކާމިޔާބުކުރި ކޮންޓޭ މިވަނީ ތިން ޓީމާ އެކު އިޓަލީ ލީގު ކާމިޔާބުކުރި ފުރަތަމަ ކޯޗަށް ވެފަ އެވެ. މީގެ ކުރިން އޭސީ މިލާން، ރޯމާ، އަދި ޔުވެންޓަސްއާ އެކު ފަބިއޯ ކަޕެއްލޯ އެ ރެކޯޑް ހަދާފައިވީ ނަމަވެސް، އޭނާ ޔުވެންޓަސްއާ އެކު ހޯދި ދެ ލީގު ތަށި އަތުލާފައިވާތީވެ އެ ރެކޯޑް އޮތީ ބާތިލްވެފަ އެވެ.

ތަށި ލިބުނު ނަމަވެސް ކޮންޓޭ ޓީމުގައި މަޑުކުރާނެ ކަމަކަށް ނުބެލެވެ އެވެ. އޭނާއާ ކްލަބުގެ ވެރިޔާ އޯރެލިއޯ ޑި ލޯރެންޓިސްއާ ގުޅުން ވަނީ ގޯސްވެފަ އެވެ. އެންމެ ބޮޑު މައްސަލައަކަށްވީ ޓީމުގެ އެންމެ މުހިއްމު ކުޅުންތެރިޔާ ކިވިޗާ ކްވަރަސްހޭލިއާ ޖެނުއަރީ މަހު ޕީއެސްޖީ އަށް ވިއްކާލުމެވެ. ސީޒަން ފެށީ ވެސް، އެ ފަހަރުގެ އެއް ވަނަ ފޯވާޑް ވިކްޓަ އޮސިމްހެން ދޫކޮށްލުމަށް ފަހު އެވެ. މި ސީޒަނުގައި ނަޕޯލީގެ ތަފާތަކަށްވީ، އަދި ލީގުގެ އެންމެ އަގުހުރި ކުޅުންތެރިޔާގެ އެވޯޑް ހޯދީ މެންޗެސްޓާ ޔުނައިޓެޑުން ގެނައި ސްކޮޓްލެންޑް މިޑްފީލްޑަރު ސްކޮޓް މެކްޓޮމިނޭ އެވެ. އޭނާ ވަނީ ލީގުގައި 12 ގޯލު ޖަހައި، ހަތަރު އެސިސްޓްކޮށްފަ އެވެ.

ސްޓޭޑިއޯ ޑިއެގޯ މަރަޑޯނާގައި ރޭ ކުޅުނު މެޗުގައި ކަލިއާރީ ކޮޅަށް ނަޕޯލީގެ ފުރަތަމަ ގޯލު، ސިޒާ ކިކަކުން ވައްދާލީ ވެސް މެކްޓޮމިނޭ އެވެ. އެ ޓީމުގެ ދެ ވަނަ ގޯލު ކާމިޔާބުކުރީ، ކޮންޓޭ އެ ކުޅުންތެރިޔަކު ކޮންމެހެން ވެސް ގެންނަން ބޭނުންވި ބެލްޖިއަމް ފޯވާޑް ރޮމެލޫ ލުކާކޫ އެވެ. އޭނާ ވަނީ މީގެ ކުރިން ކޮންޓޭގެ ކޯޗުކަމުގައި އިންޓައާ އެކު ވެސް ލީގު ކާމިޔާބުކޮށްފަ އެވެ.

ނަޕޯލީގެ މި ބޮޑު ކާމިޔާބާ އެކު އެ ޓީމުގެ ކެޕްޓަން ޖިއޮވާނީ ޑި ލޮރެންޒޯ ވަނީ، އެ ޓީމަށް މީގެ ކުރިން ކެޕްޓަނުގެ ގޮތުގައި ލީގު ދެ ފަހަރު ހޯދައިދިން ޑިއެގޯ މަރަޑޯނާގެ ރެކޯޑާ އެއްވަރުކޮށްފަ އެވެ. މިދިޔަ ސީޒަނުގައި ދަށްކޮށް ދިއުމުން ޑި ލޮރެންޒޯ މި ސީޒަނުގައި ޔުވެންޓަސް އަށް ބަދަލުވުމާ ގާތަށް ވެސް ދިޔަ އެވެ. އެކަމަކު ފަހުން ހިޔާލު ބަދަލުވީ އެވެ.

ނަޕޯލީގެ ކާމިޔާބާ އެކު އެންމެ ބޮޑު ދެރައެއް ލިބުނީ އިންޓަ އަށެވެ. ސީޒަނުގެ ބޮޑުބައިގައި ލީޑުގައި އޮތް އަދި ފޭވަރިޓުންގެ ގޮތުގައި ވެސް ގިނަ ބަޔަކު ދުށް އިންޓަ އަށް ލީގު ގެއްލުނީ ފަހުކޮޅު މުހިއްމު ދެ މެޗަކުން ބަލިވުމުންނެވެ. ސީޒަނުގެ ތިން ތަށި ހޯދަން ނުކުތް އިންޓަ ވަނީ އޭގެ ކުރިން އިޓާލިއަން ކަޕުން ކަޓައިފަ އެވެ. އެ ޓީމަށް ދެން އޮތީ ޗެމްޕިއަންސް ލީގު ފައިނަލެވެ. އަންނަ ހޮނިހިރު ދުވަހުގެރޭ މިއުނިކުގައި ކުޅޭ ފައިނަލުގައި އިންޓަ ނުކުންނާނީ ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީއާ ދެކޮޅަށެވެ.