Roadha Mihaaru

ހުޅަނގު އައްސޭރިން 1967 ގެ ފަހުން މިހާ ގިނައިން ގެދޮރު ގެއްލިފައެއްނުވޭ: އދ

ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި އެއްފަހަރާ ގިނަ އަދަދެއްގެ ބަޔަކު ގެދޮރުން ނެރެ މަގުމަތިކުރަމުން ދާއިރު، މިދިޔަ 60 އަހަރު ތެރޭ މިކަން ގޯސް ނުވާ ދަރަޖައަށް ގޮސްފައިވާ ކަމަށް އދ. އިން ބުނެފި އެވެ.

މިއީ ހުޅަނގު އައްސޭރީގައި އެންމެ އަނިޔާވެރި އެއްއަހަރު

ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި އެއްފަހަރާ ގިނަ އަދަދެއްގެ ބަޔަކު ގެދޮރުން ނެރެ މަގުމަތިކުރަމުން ދާއިރު، މިދިޔަ 60 އަހަރު ތެރޭ މިކަން ގޯސް ނުވާ ދަރަޖައަށް ގޮސްފައިވާ ކަމަށް އދ. އިން ބުނެފި އެވެ.

އދ. އިން އިއްޔެ ބުނީ އިޒްރޭލުން ހިފާފައިވާ ހުޅަނގު އައްސޭރީގައި މިދިޔަ ޖެނުއަރީ މަހު އިޒްރޭލުން ފެށި އަސްކަރީ އޮޕަރޭޝަނެއްގެ ސަބަބުން އެތައް ހާސް ބަޔަކު ގެދޮރު ގެއްލިފައި ވާއިރު މިއީ "ނަސްލު ނައްތާލުމުގެ" އަަމަލުތަކެއްގެ ގޮތުގައި ބެލެވޭތީ ކަންބޮޑުވާ ކަމަށެވެ.

މިހާރު ހިންގަމުންދާ އަސްކަރީ އޮޕަރޭޝަނަކީ 2000ގެ ކުރީކޮޅު ފެށުނު ފަލަސްތީނުގެ ދެ ވަނަ އިންތިފާޟާއާ އެކު އިޒްރޭލުން ހިންގި އޮޕަރޭޝަނަށް ފަހު އެންމެ ދިގުދެމިގެން ގޮސްފައިވާ އޮޕަރޭޝަން ކަމަށް ފަލަސްތީނުގެ ރެފިއުޖީންނާ ބެހޭ އދ.ގެ އިދާރާގެ ތަރުޖަމާނު ޖޫލިއަޓް ޓޫމާ ވިދާޅުވި އެވެ.

"އެކަމުގެ އަސަރު މި ސަރަހައްދުގެ ގިނަ ރެފިއުޖީ ކޭމްޕްތަކަށް ވަނީ އަސަރުކޮށްފައި. އަދި 1967 ވަނަ އަހަރުން ފެށިގެން ހުޅަނގު އައްސޭރީގެ އާބާދީ އެންމެ ބޮޑަށް ވިއްސިވިހާލި ވުމުގެ ސަބަބަށް ވަނީ ވެފައި،" ހުޅަނގު އައްސޭރީގެ މައްޗަށް އިސްރާއީލުގެ ކޮންޓްރޯލް ލިބުނު ހަ ދުވަހުގެ އަރަބި-އިޒްރޭލު ހަނގުރާމައަށް އިޝާރާތްކުރައްވަމުން އޭނާ ވިދާޅުވި އެވެ.

ހުޅަނގު އައްސޭރީގެ ހާލަތާ މެދު ކަންބޮޑުވުން ފާޅުކޮށްފައި ވާއިރު އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ އޮފީހުން ވަނީ އިސްތިއުމާރީ ބާރަކުން ބަޔަކު ގަދަކަމުން ވަޒަނުން ނެރެ ފޮނުވާލުމަކީ ނަސްލު ނައްތާލުމުގެ އަމަލެއްގެ ގޮތުގައި ބެލެވިދާނެ ކަމަށް ވެސް ބުނެފަ އެވެ.

ހުޅަނގު އައްސޭރީގެ އުތުރުގައި އިޒްރޭލުގެ އަސްކަރިއްޔާއިން މިދިޔަ ޖެނުއަރީ މަހު "އަޔަން ވޯލް" އޮޕަރޭޝަން ފެށި ފަހުން ފަލަސްތީނުގެ ގާތްގަނޑަކަށް 30،000 އެއްހާ މީހުން ގަދަކަމުން ގެދޮރުން ނެރެލާފައިވާ ކަމަށް އިންސާނީ ހައްގުތަކާ ބެހޭ އިދާރާގެ ތަރުޖަމާނު ތަމީން އަލް ކީތާން ވިދާޅުވި އެވެ.

އިޒްރޭލުގެ ސަލާމަތީ ބާރުތަކުން އެ މުއްދަތުގެ ތެރޭގައި ހުޅަނގު އައްސޭރީގެ އުތުރުގެ ގާތްގަނޑަކަށް 1،400 ގެއެއް ތަޅާލަން އަމުރު ނެރެފައިވާ ކަމަށާއި އެ ތަފާސް ހިސާބުތައް "ބިރުވެރި" ކަމަށް އޭނާ ވިދާޅުވި އެވެ. އަދި 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން ހުޅަނގު އައްސޭރީގެ އެކި ސަރަހައްދުތަކުގައި ފަލަސްތީނު ރައްޔިތުންގެ ގެތައް ތަޅާލުމުގެ ސަބަބުން 2،907 މީހެއްގެ ގެދޮރު ގެއްލިފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.

ފަލަސްތީނުގެ އިތުރު 2،400 މީހަކު ޔަހޫދީ ވަޒަންވެރިންގެ އަމަލުތަކާ ހެދި ގެދޮރު ގެއްލިފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ. މީގެ ތެރެއިން ދެބައިކުޅަ އެއްބަޔަކީ ކުޑަކުދިންނެވެ. -- އޭއެފްޕީ