Roadha Mihaaru

ޓޮމްގެ ނާއިބުންނަށް ކައްޕި، ކޮއްކީ އަދި މުޖޭ

އެފްއޭއެމްގެ ރައީސްކަމަށް މިއަދު ކުރިމަތިލެއްވި އަހުމަދު ތޯރިގް (ޓޮމް) އޭނާގެ ދައުރުގައި، އެ އެސޯސިއޭޝަނުގެ ނައިބް ރައީސުންނަށް ނިއު ރޭޑިއަންޓުގެ ސީނިއާ ވައިސް ޗެއާމަނުން ކަމަށްވާ އަލީ އިބްރާހީމް (ކައްޕި) އާއި، މުޖުތަބާ ޖަލީލް (މުޖޭ)، އަދި މާޒިޔާގެ ވައިސް ޗެއާމަން ހުސެއިން ޝާފިއު (ކޮއްކީ) ނޮމިނޭޓްކުރައްވައިފި އެވެ.

ޓޮމްގެ ނާއިބުންނަށް ކައްޕި، ކޮއްކީ، އަދި މުޖޭ
މުހައްމަދު ހަމްދޫން
މުހައްމަދު ހަމްދޫން

06 ޖުލައި 2025

އެފްއޭއެމްގެ ރައީސްކަމަށް މިއަދު ކުރިމަތިލެއްވި އަހުމަދު ތޯރިގް (ޓޮމް) އޭނާގެ ދައުރުގައި، އެ އެސޯސިއޭޝަނުގެ ނައިބް ރައީސުންނަށް ނިއު ރޭޑިއަންޓުގެ ސީނިއާ ވައިސް ޗެއާމަނުން ކަމަށްވާ އަލީ އިބްރާހީމް (ކައްޕި) އާއި، މުޖުތަބާ ޖަލީލް (މުޖޭ)، އަދި މާޒިޔާގެ ވައިސް ޗެއާމަން ހުސެއިން ޝާފިއު (ކޮއްކީ) ނޮމިނޭޓްކުރައްވައިފި އެވެ.

ޖުލައި 26 ގައި ބާއްވާ އެފްއޭއެމް އިންތިހާބަށް ޓޮމް ކުރިމަތިލެއްވީ ވޯޓުލެވޭ 23 ކްލަބުގެ ތާއީދާ އެކު ކަމުން، އިތުރު ކެންޑިޑޭޓަކަށް ވާދަކުރުމުގެ ފުރުސަތެއް ނެތެވެ. އެއީ އާ އަސާސީގަވާއިދުގެ ދަށުން ރައީސަކަށް ކުރިމަތިލެވޭނީ ފަސް ކްލަބުގެ ތާއީދާ އެކު ކަމަށްވެފައި، ހުރިހާ ކްލަބެއް އޮތީ ޓޮމްގެ ފަހަތުގައި ކަމަށްވުމުންނެވެ.

އެހެންކަމުން، އެފްއޭއެމްގެ ރައީސްކަން ކުރިން ކުރައްވާފައިވާ، ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ޓޮމް އަށް ވަނީ މަގާމް ގާތްގަނޑަކަށް ކަށަވަރުވެފަ އެވެ.

ނައިބުންނަށް ޓޮމް ނޮމިނޭޓްކުރެއްވި ތިން ބޭފުޅުންގެ ތެރެއިން ސީނިއާ ނައިބަކަށް ހުށަހެޅުއްވީ، އޭނާއާ އެކު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ކުރައްވާ ކައްޕިގެ ނަމެވެ.

އަނެއް ދެ ނައިބުންގެ ތެރެއިން މުޖޭ އަކީ، ވެމްކޯގެ މެނޭޖިން ޑިރެކްޓަރެވެ. ކޮއްކީ އަކީ، ރާއްޖޭގެ މިހާރުގެ އެންމެ ކާމިޔާބު ކްލަބް ކަމަށްވާ މާޒިޔާގެ އެންމެ އިސް އެއް ހިންގުންތެރިޔާ އެވެ. އޭނާ ވަނީ، ބައްސާމް އަދީލް ޖަލީލުގެ ދައުރުގައި ވެސް އެފްއޭއެމްގެ ނައިބް ރައީސްކަން ކުރައްވައިފަ އެވެ.

ޓޮމް ވަނީ އެގްޒެކެޓިވް ކޮމިޓީ އަށް، ރާއްޖޭގައި އުފެދުނު އެންމެ މޮޅު ގޯލްކީޕަރު އިމްރާން މުހައްމަދާއި، ކުރީގެ މަޝްހޫރު ކުޅުންތެރިޔާ މުހައްމަދު އުމެއިރު ވެސް ނޮމިނޭޓްކުރައްވައިފަ އެވެ. އިމްރާނާއި، އުމެއިރަކީ، ޓޮމް ހިމެނިގެން 2008 ގައި ރާއްޖޭން ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރިއިރު ގައުމީ ޓީމުގެ ކުޅުންތެރިންނެވެ.

ޓޮމް މިއަދު އޭނާގެ ކެންޑިޑޭސީ ފޯމު ހުށަހަޅުއްވަން ވަޑައިގެން ކްލަބްތަކުގެ ބައެއް އޮފިޝަލުންނާ އެކު ފޮޓޯއަކަށް ހުއްޓިގެން. -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

ޓޮމް މިއަދު އޭނާގެ ކެންޑިޑޭސީ ފޯމު ހުށަހަޅުއްވަން ވަޑައިގެން ކްލަބްތަކުގެ ބައެއް އޮފިޝަލުންނާ އެކު ފޮޓޯއަކަށް ހުއްޓިގެން. -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

ޓޮމްގެ ދެން ނޮމިނޭޓްކުރެއްވީ ޓީސީ ސްޕޯޓްސްގެ ޗެއާމަން އަހުމަދު އައްބާހާއި، ބީޖީ ސްޕޯޓްސްގެ އަލީ ރިޒްވާން އާއި އޮޑި ސްޕޯޓްސްގެ އަބްދުﷲ ނާސިހު އަދި، ހައްވާ ނަސްރާ ސައީދު އާއި ހައްވާ ރަޝީދާ އެވެ. މީގެ ތެރެއިން ނަސްރާ އާއި ހައްވަ އަކީ، އާ އަސާސީގަވާއިދުގެ ދަށުން ކޮމިޓީން އަންހެންނަށް ހާއްސަ ކުރާ ދެ މަގާމަށް ޓޮމް ނޮމިނޭޓްކުރެއްވި ކެންޑިޑޭޓުންނެވެ.

އެފްއޭއެމްގެ އިންތިހާބު ބާއްވަނީ، ފީފާ އިން ހަވާލުކޮށްފައިވާ ނޯމަލައިޒޭޝަން ކޮމިޓީންނެވެ. އެއީ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ކޮރަޕްޝަނުގެ ތުހުމަތުގައި ސަސްޕެންޑްކޮށް، ފީފާ އިން އެ އެސޯސިއޭޝަން އަލުން ހަމަޔަކަށް އެޅުވުމަށް އެކުލަވާލި ކޮމިޓީއެކެވެ.

އެފްއޭއެމުން މިދިޔަ އަހަރު ދެ ފަހަރުގެ މަތިން ބާއްވަން އުޅުނު އިންތިހާބުގައި ވެސް ޓޮމް ވާދަކުރެއްވި އެވެ. އެ ދެ ފަހަރު ވެސް ފީފާއިން އަންގައިގެން އެފްއޭއެމުން އިންތިހާބުގެ މަސައްކަތް ހުއްޓާލި އެވެ. އެއީ އިންތިހާބުގެ ޕްރޮސެސްގައި މައްސަލަތަކެއް އުޅޭތީ އެވެ.

ޓޮމް މިއަދު ވިދާޅުވީ މި ފަހަރު އެއްވެސް މައްސަލައެއް ދިމާނުވެ އިންތިހާބު ބޭއްވި ހުރިހާ ކަމެއް ހަމަޔަކަށް އެޅޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށާއި، އޭނާގެ އެންމެ ބޮޑު އަމާޒަކީ އެ އެސޯސިއޭޝަން ވެއްޓިފައި އޮތް ވަޅުގަނޑުން ނެގުން ކަމަށެވެ.

ޓޮމް ވިދާޅުވީ މާލީ މައްސަލަތަކާ އެކު އެފްއޭއެމް އޮތީ އާއްމުންގެ އިތުބާރު ގެއްލިފައި ކަމަށާއި، އުއްމީދަކުރަނީ ވީ އެންމެ އަވަހަކަށް ކަންކަން ހައްލުކުރެވި ފުޓްބޯޅަ އާއްމު ހާލަތަކަށް ގެނެވޭނެ ކަމަށް ކަމަށެވެ. އޭނާ ވިދާޅުވީ، ހުރިހާ ކްލަބެއްގެ ތާއީދު އޮތުމަކީ ކުރިއަށްދާން ލިބޭ ބާރެއް ކަމަށާއި، އެންމެން ތިބޭ އެއް އަޒުމެއްގައި ދިވެހި ފުޓްބޯޅަ އަލުން ކޮޅަށް ނަގަން ތައްޔާރުގައި ކަމަށެވެ.