Roadha Mihaaru

ހަނިމާދޫ އެއާޕޯޓުގެ 88 ޕަސެންޓް ނިމިއްޖެ، އަންނަ ސެޕްޓެމްބަރަށް އެއްކޮށް ނިމޭނެ: މުއްތަލިބު

އިންޑިއާގެ ލައިން އޮފް ކްރެޑިޓުގެ ދަށުން ހަދަމުން އަންނަ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތް އަންނަ ސެޕްޓެމްބަރަށް އެއްކޮށް ނިމޭނެ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެ އެވެ.

ހަނިމާދޫ އެއާޕޯޓު ސެޕްޓެމްބަރަށް ނިމޭނެ: މުއްތަލިބު
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

01 ޖުލައި 2025

އިންޑިއާގެ ލައިން އޮފް ކްރެޑިޓުގެ ދަށުން ހަދަމުން އަންނަ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތް އަންނަ ސެޕްޓެމްބަރަށް އެއްކޮށް ނިމޭނެ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެ އެވެ.

އިންޑިއާގެ ކްރެޑިޓްލައިނުގެ ދަށުން ތަރައްގީ ކުރަމުން އަންނަ އެ އެއާޕޯޓުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރައްވަމުން މިނިސްޓަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސެޕްޓެމްބަރުގެ ނިޔަލަށް އެއްކޮށް ނިމެނޭ އެ ޕްރޮޖެކްޓްގެ 88.7 ޕަސެންޓް މިހާރު ވަނީ ނިމިފައި ކަމަށެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް.

މިނިސްޓަރު ވިދާޅުވި ގޮތުގައި އެއާޕޯޓުގެ ރަންވޭގެ މަސައްކަތް އެއްކޮށް މިހާރު ނިމިއްޖެ އެވެ. އަދި ޕަސެންޖާ ޓާމިނަލުގެ 83 ޕަސެންޓް ނިމިފައިވާ ކަމަށާއި އެއާ ޓްރެފިކް ކޮންޓްރޯލް ޓަވަރާއި އެއާކްރާފްޓް މެއިންޓެއިނަންސް އަށް ހާއްސަ ސަރަހައްދާއި ކާގޯ ބިލްޑިންގެ 96 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އެތަނުގެ މަސައްކަތް އެއްކޮށް ނިމޭނީ ސެޕްޓެމްބަރުގައި ކަމަށް މިނިސްޓަރު ވިދާޅުވިއިރު ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ މުނާސަބަތާ ދިމާކޮށް މި މަހުގެ 26 ގައި ހަނިމާދޫ އެއާޕޯޓު ހުޅުވާ ކަމުގެ އަޑުތަކެއް ވެސް އެރި އެވެ. އެތަން ހުޅުވުމުގެ ރަސްމިއްޔާތަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަޑައިގަންނަވާނެ ކަމަށް ވާހަކަ ދެއްކެވުނަސް ރަސްމީކޮށް އެކަމާ ގުޅިގެން ސަރުކާރުން ވަކި އެއްޗެއް ބުނެފައި ނުވެ އެވެ.

މިދިޔަ މެއި މަހު އޮތް ޕްރެސް ކޮންފަރެންސްއެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ޖުލައި 31 ވަނަ ދުވަހުގެ ނިޔަލަަށް އެއާޕޯޓު ނިންމުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ހަނިމާދޫ އެއާޕޯޓަކީ މިވަގުތު ރާއްޖޭގައި ހިންގާ އެއާޕޯޓު ތަރައްގީ ކުރުމުގެ އެންމެ ބިޔަ މަޝްރޫއުތަކުގެ ތެރޭގައި ހިމެނޭ އެއް މަޝްރޫއެވެ.

ކަލްޕަތަރު ޕްރޮޖެކްޓްސް އަށް މިހާރު ނަން ބަދަލުކޮށްފައިވާ އިންޑިއާގެ ކުރީގެ ޖީއެމްސީ ކުންފުންޏާ އެ އެއާޕޯޓްގެ މަސައްކަތް ހަވާލުކުރީ ސެޕްޓެމްބަރު 2022 ގަ އެވެ. އެ މަޝްރޫއުގެ ދަށުން ހަނިމާދޫ އެއާޕޯޓުގައި 2.7 ކިލޯމީޓާރުގެ އާ ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ އާ ޓާމިނަލަކާއި އާ އެއާޓްރެފިކް ކޮންޓްރޯލް ޓަވަރަކާއި ކާގޯ އިމާރާތެއްގެ އިތުރުން ފިއުލް ފާމެއް ހެދުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ.

އެ އެއާޕޯޓު ތަރައްގީ ކުރަނީ އެންމެ ބޮޑެތި ބޯޓު ވެސް ޖެއްސޭ ގޮތަށެވެ. އިންޑިއާގެ އެގްޒިމް ބޭންކުން ދީފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން އެ މަޝްރޫއަށް 136 މިލިއަން ޑޮލަރު (ދެ ބިލިއަން ރުފިޔާ) ހަރަދުކުރެ އެވެ.