Roadha Mihaaru
"ތަރައްގީ ގެންނާނީ ވިސްނައިގެން، ދެމެހެއްޓެނިވިގޮތަށް"

ތަރައްގީ ގެންނާނީ ވިސްނުންތެރިކަމާ އެކު ދެމެހެއްޓެނިވި ގޮތަކަށް: ރައީސް

19 ޖެނުއަރީ 2023

ތަރައްގީގެ މަޝްރޫއުތައް ގެންނަން ޖެހޭނީ ހިކުމަތްތެރިކަމާ އެކު ދިރާސާތަކަށްފަހު ކަމަށާއި މި ސަރުކާރުން މަޝްރޫއުތައް ހިންގާނީ އެގޮތަށް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ތަރައްގީގެ މަޝްރޫއުތައް ގެންނަން ޖެހޭނީ ހިކުމަތްތެރިކަމާ އެކު ދިރާސާތަކަށްފަހު ކަމަށާއި މި ސަރުކާރުން މަޝްރޫއުތައް ހިންގާނީ އެގޮތަށް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ.

ހަނިމާދޫ އެއާޕޯޓްގެ މަޝްރޫއު އިފްތިތާހުކުރަން މިރޭ އެރަށުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީ ގެނެވޭނީ ހަދަންޖެހޭ ދިރާސާތަކާއި ހިސާބުތައް ހެދުމަށްފަހު ކަމަށެވެ. އެހެން ނޫން ނަމަ އޭގެ ނަތީޖާ ގޯސްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ހަނިމާދޫ އެއާޕޯޓުގައި މަޝްރޫއު ފެށީ ވެސް އެގޮތަށް ކަމަށާއި އެ މަޝްރޫއުއަށް ދެން ހުއްޓުމެއް ނާންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އެގޮތަށް އެކަން ނުކޮށްފިނަމަ އެއީ ހަމަ ކަނޑުގައި އެޅި ރޮނގެއް. އެއާ އިދިކޮޅަށް ކަންކަން ކުރީމަ ދެންވަނީ މާ ދެރަ ގޮތެއް. ވިސްނުމާއި ފިކުރާއި ހިކުމަތްތެރިކަމާ ނުލައި ދެމެހެއްޓެނިވި ތަރައްގީއެއް ނުލިބޭނެ. ހަނިމާދޫ ބައިނަލްއަގްވާމީ އެއާޕޯޓުގެ މަސައްކަތް މިއަދު އަޅުގަނޑުމެން އެގޮތަށް. ހުއްޓި އޮވެ، ފަހަތަށް ގޮސް، ގެއްލި ހުސްނުވާ ގޮތަށް. މި ފެށިގޮތަށް ފެށީމާ މާތްﷲ ގެ އިރާދައާ އެކު ދެން މިކަމެއް ނުހުއްޓޭނެ." ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ގައުމެއްގެ ކަންކަން ހިންގަން ޖެހޭނީ އަމިއްލަ އިހްސާސްތަކާއި ޖަޒްބާތުތައް އެއްފަރާތްކޮށްގެން ކަމަށެވެ. އަދި ވިސްނުމެއް ނުވަތަ ރޭވުންތެރި ކަމެއް ނެތި ކުރާ ކަންކަމުގެ ނަތީޖާ ރަނގަޅު ނުވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"ކެހިކަނޑުލުގެ ހިތި ފިލުވޭނެ ކެތްތެރިކަމާއި ވިސްނުން ނެތި ކަނޑޫ ކަހައިފިނަމަ އެ ހިތި އެންމެންގެ އަރުގައި ލާނެ. ކުރިއަށް ދާންޖެހޭ ސީދާމަގުން ކައްސާލާ، މަގުމަތިވާނެ. ވިސްނުމެއް، ރޭވުމެއް ނެތިއްޖެނަމަ ރޭ އަލި ވިލޭއިރު އެންމެން އެކީ އެއްފަހަރާ ބިކަވާނެ." ރައީސް ވިދާޅުވި އެވެ.

މިރޭގެ ޖަލްސާގައި ރައީސް ބައިވެރިވެ ވަޑައިގަންނަވަނީ --- ފޮޓޯ/ރައީސް އޮފީސް

މިރޭގެ ޖަލްސާގައި ރައީސް ބައިވެރިވެ ވަޑައިގަންނަވަނީ --- ފޮޓޯ/ރައީސް އޮފީސް

ރައީސް ވިދާޅުވީ އެ މަޝްރޫއުއާ އެކު އިގްތިސާދީ ބޮޑު ހަބަކަށް ބޮޑު ތިލަދުންމަތި ވެގެންދާނެ ކަމަށެވެ. އެގޮތުން އެތައް ހާސް ވަޒީފާގެ ފުރުސަތު ލިބި އަދި އެތައް ޓޫރިސްޓުންނެއް އެ އެއާޕޯޓު ބޭނުންކުރަން ފެށުމުން އިގްތިސާދީ ކުރިއެރުންތައް އެ ސަރަހައްދަށް އަންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"ފެށުނީ ބޮޑުއުތުރާއި ބޮޑުތިލަދުންމައްޗަށް ތާރީޚުގައި އަންނާނެ އެންމެ ބޮޑު ބަދަލު." ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ހަނިމާދޫ އެއާޕޯޓުގެ މަޝްރޫއު ނިމޭއިރު ބޮޑުތިލަދުންމައްޗަކީ ޓޫރިޒަމް ފުޅާވެ އަދި އިންވެސްޓަރުންގެ އިތުބާރު އޮތް ސަރަހައްދަކަށް ވާނެ ކަމަށެވެ. އަދި އޭގެ ހެއްކަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ހަނިމާދޫ އެއާޕޯޓުގެ މަޝްރޫއުގެ ދަށުން 2.6 ކިލޯމީޓަރުގެ ރަންވޭއަކާ އެކު 1.3 މިލިއަން ޓޫރިސްޓުންނަށް އަހަރަކު ހިދުމަތް ދެވޭނެ ވަރުގެ ޓާމިނަލެއް އަޅާނެ އެވެ. އެ މަޝްރޫއުގެ މަސައްކަތް ދެ އަހަރުގެ ތެރޭގައި ނިންމަން ޖެހެ އެވެ.

އެ މަޝްރޫއުގެ މަސައްކަތް ހަވާލުކުރީ 136 މިލިއަން ޑޮލަރު (2.1 ބިލިއަން ރުފިޔާ) އަށެވެ.