Roadha Mihaaru
ކޮންޓްރެކްޓަރަށް ބިންތައް ނުދީ، ރަސްމާލެ ހިއްކަނީ

މާލެ ސަރަހައްދުން ކޮންޓްރެކްޓަރަށް ބިންތަކެއް ނުދީ، ރަސްމާލެ ހިއްކަން ފަށަނީ

30 މެއި 2024

ރަސްމާލެ މަޝްރޫއު ހިއްކަން ހަވާލުކުރި ކުންފުންޏަށް، ސަރުކާރަށް ދިން ޝެޑިއުލާ އެއްގޮތަށް މަސައްކަތް ކުރިއަށް ނުގެންދެވުމުން، އެ މީހުންނަށް އިތުރު ފުރުސަތެއް ނުދޭން ނިންމި މައިގަނޑު ސަބަބަކީ މާލެ ސަރަހައްދުން ކޮންޓްރެކްޓަރަކަށް ބިންތަކެއް ނުދީ، ކޮންޓްރެކްޓަރުން މެދުވެރިވެގެން ފައިސާ ހަމަޖައްސައިގެން ޕްރޮޖެކްޓް ކުރިއަށް ގެންދަން ސަރުކާރުން ބޭނުންވާތީ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް މިއަދު ވިދާޅުވެއްޖެ އެވެ.

ރަސްމާލެ މަޝްރޫއު ހިއްކަން ހަވާލުކުރި ކުންފުންޏަށް، ސަރުކާރަށް ދިން ޝެޑިއުލާ އެއްގޮތަށް މަސައްކަތް ކުރިއަށް ނުގެންދެވުމުން، އެ މީހުންނަށް އިތުރު ފުރުސަތެއް ނުދޭން ނިންމި މައިގަނޑު ސަބަބަކީ މާލެ ސަރަހައްދުން ކޮންޓްރެކްޓަރަކަށް ބިންތަކެއް ނުދީ، ކޮންޓްރެކްޓަރުން މެދުވެރިވެގެން ފައިސާ ހަމަޖައްސައިގެން ޕްރޮޖެކްޓް ކުރިއަށް ގެންދަން ސަރުކާރުން ބޭނުންވާތީ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް މިއަދު ވިދާޅުވެއްޖެ އެވެ.

"އިރާދަކުރެއްވިއްޔާ ރަސްމާލެ ހިއްކުމުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ އެވެ،" މިއަދު މެންދުރު ބޭއްވި މީޑިއާ ބްރީފިން އަށް ފަހު ކުރެއްވި ޓުވީޓެއްގައި އޭނާ ވިދާޅުވި އެވެ.

ރަސްމާލެ ތަރައްގީ ކުރަން ފުށިދިއްގަރުފަޅު ހިއްކަން ސަރުކާރުން މިދިޔަ އަހަރުގެ ޑިސެމްބަރު 18 ގައި ހަވާލުކުރީ ކެޕިޓަލް މެރިން އެންޑް އިންވެސްޓްމަންޓް (ސީއެމްސީ)އާ އެވެ.

އެ ކުންފުންޏާ މަޝްރޫއު ހަވާލުކުރީ ބިން ހިއްކުމުގެ އަގުގެ ގޮތުގައި ފައިސާގެ ބަދަލުގައި މާލެ ސަރަހައްދުން 70 ހެކްޓަރުގެ ބިން 99 އަހަރަށް ދޭ ގޮތަށެވެ. ފުށިދިއްގަރުން 60 ހެކްޓަރުގެ ބިމާއި ހުޅުމާލެ އިން 10 ހެކްޓަރުގެ ބިން ދިނުމަށް އޮތީ ނިންމައިފަ އެވެ.

ސަރުކާރުގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވި ގޮތުގައި ރަސްމާލެ ހިއްކަން އެއްބަސްވީ ގޮތަށް ސީއެމްސީއަށް މަސައްކަތް ކުރިއަށް ނުގެންދެވުމުން އެ ކުންފުންޏާ އެކު ދެން ކުރިއަށް ނުދާން ނިންމާފައިވާ ކަމަށެވެ.

އޮފިޝަލް ވިދާޅުވި ގޮތުގައި މިހާރު ބޭނުންވަނީ މާ ބޮޑަށް ސަރުކާރަށް ފައިދާވާނެ މޮޑެލްއަކަށް ރަސްމާލެ މަޝްރޫއު ހިންގާށެވެ.

އިރާދަކުރެއްވިއްޔާ ރަސްމާލެ ހިއްކުމުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ އެވެ،"--- މިނިސްޓަރު

"ކުރިން ރާވާފައި އޮތް ގޮތަށް ކުރިއަށް ނުދިޔައީމާ މިނިސްޓްރީން ނަގާފައި މިނިސްޓްރީ އަށް ކުރިއަށް ގެންދެވޭ ގޮތަކަށް ނޫން އޮތީ ބަޖެޓްގައި ނެތް މަޝްރޫއުއަކަށް ވާތީ. އެހެންވެ ދެން އަޅުގަނޑުމެން މި ޖެހެނީ އެހެން ކަހަލަ ފައިނޭންސިން މޮޑެލްއެއްގެ ތެރެއިން ކުރިއަށް ދާން، އޭގެ މަސައްކަތް އެބަ ކުރިއަށްދޭ. އޭގެ ތަފުސީލް މާލަސްތަކެއް ނުވެ ހާމަ ކުރެވޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އަމާޒަކީ ރަސްމާލެ އަށް ބޭނުންވާ ހުރިހާ ބިމެއް މި އަހަރު ނިމުމުގެ ކުރިން ހިއްކައި ނިންމުމެވެ.

ފުށިދިއްގަރު ފަޅަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ބޯހިޔާވަހިކަމުގެ "ޓޯޓަލް ސޮލިއުޝަން"ގެ ސިޔާސަތުގެ ދަށުން އެންމެ ބޮޑު އިސްކަމެއް ދީގެން ތަރައްގީކުރަން ނިންމާފައިވާ ތަނެކެވެ. ހިއްކާ ބިމުގެ ބަދަލުގައި ބިން ދޭ މޮޑަލަށް މި ސަރުކާރުން އެއްބަސްވީ، އެ ފަޅު ހިއްކަން މި އަހަރުގެ ބަޖެޓުގައި ހިމެނި 400 މިލިއަން ރުފިޔާ، އިދިކޮޅުގެ މެޖޯރިޓީ އޮތް މަޖިލީހުން އެ ބައި އެކީގައި އުނިކުރުމުންނެވެ.

ދައުލަތުން ހަރަދެއް ކުރުމުގެ ބަދަލުގައި ބިންތަކެއް ދޭ ގޮތަށް 8 މަސް ތެރޭ މަސައްކަތް ނިންމަން މިދިޔަ އަހަރުގެ ޑިސެމްބަރު 18 ގައި ހަވާލުކުރި ނަމަވެސް މިހާރު އެ މަސައްކަތް މެދުކެނޑިފައިވާ އޮންނަތާ ގިނަ ދުވަސްތަކެއް ވަނީ ވެފަ އެވެ. އޭރުގެ ތާވަލަށް ބަލާ ނަމަ އެ މަސައްކަތް ކުރިއަށް އޮތް ދެ މަސް ތެރޭގައި ނިންމަން ޖެހެ އެވެ.

ރަސްމާލެ މަޝްރޫއު އާ މޮޑެލްއަކަށް ހިންގަން ސަރުކާރުން ނިންމިއިރު، އެ މަޝްރޫއު ހަވާލުކުރި ގޮތުން ވެސް އޭރު ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވި އެވެ. ސީއެމްސީ އަށް ބިން ހިއްކުމުގެ ބަދަލަށް ހުޅުމާލެ އަދި ރަސްމާލެ އިން ބޮޑު ބިމެއް ހިލޭ ދޫކޮށްލުމަކީ ބޮޑު ގެއްލުމެއް ދައުލަތަށް ލިބޭނެ ކަމަށް ބުނެ ފާޑުކިޔާފައި ވެ އެވެ. މަޝްރޫއު ހަވާލުކުރި ގޮތް ތަހުގީގު ކުރަން އެންޓި ކޮރަޕްޝަން ކޮމިޝަނަށް މައްސަލަ ހުށަހަޅާފައިވާއިރު، އެ މައްސަލަ އެ ކޮމިޝަނުން ދަނީ ބަލަމުންނެވެ.

ސީއެމްސީ އަކީ ރާއްޖޭގައި އެހެން ބޮޑެތި ބިން ހިއްކުމުގެ މަޝްރޫއުތައް ވެސް ކުރިއަށް ގެންގޮސްފައިވާ ކުންފުންޏެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ބިންވެރިޔާ ސްކީމްގައި ހިމެނޭ ހުޅުމާލެ 3 އަދި ތިލަފުށީގެ ހަތަރު ވަނަ ބަޔާއި ދިޔަނެރު ފަޅު ހިއްކައި ރިވެޓްމެންޓް ޖެހުމާއި މަގުތައް ހެދުމާއި ފާލަން ހެދުމާއި ޖެޓީ ހެދުމަށް ސީއެމްސީސީއާ އެޗްޑީސީ އިން ހަވާލުކުރީ އެ ވެރިކަމުގެ ފަހު ދުވަސްކޮޅެވެ.

އެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ، އެ މަސައްކަތުގެ ބަދަލުގައި ތިލަފުށިން ހިއްކާ 9.6 ހެކްޓަރު އެއްކޮށް އަދި ހުޅުމާލެ ފޭސް 3 އިން 10 ހެކްޓަރު ބިން ސީއެމްސީއަށް ލިބޭ ގޮތަށެވެ. އެއީ އެޗްޑީސީ އަށް ހުށަހަޅާ ކޮމާޝަލް ޕްލޭނެއްގެ ދަށުން، ސީއެމްސީން ހިޔާރުކުރާ ކޮންމެ ޕްލޭނެއްގެ ދަށުން އެ ކުންފުންޏަށް ދޭން އެއްބަސްވެފައިވާ ބިމުގެ ސަރަހައްދެކެވެ.