Roadha Mihaaru
ތިލަމާލެ ބްރިޖުގެ 33 ޕަސެންޓް މަސައްކަތް ނިމިއްޖެ

ތިލަމާލެ ބްރިޖުގެ 33 ޕަސެންޓް މަސައްކަތް ނިމިއްޖެ

10 ފެބުރުއަރީ 2024

މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅުވާލުމަށް އިންޑިއާގެ އެހީގައި ސަރުކާރުން ހަދާ ތިލަމާލެ ބްރިޖް ޕްރޮޖެކްޓުގެ 33 ޕަސެންޓް މަސައްކަތް ނިމިއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅުވާލުމަށް އިންޑިއާގެ އެހީގައި ސަރުކާރުން ހަދާ ތިލަމާލެ ބްރިޖް ޕްރޮޖެކްޓުގެ 33 ޕަސެންޓް މަސައްކަތް ނިމިއްޖެ އެވެ.

ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ ސްޓޭޓް އަދި ޑެޕިއުޓީ މިނިސްޓަރުންނާއި އިންޖީނިއަރުންގެ ޓީމެއް މިއަދު ވަނީ ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރިއަށް ގެންދާ ގޮތް، ސައިޓަށް ވަޑައިގެން ބައްލަވާލައްވައިފަ އެވެ.

ބްރިޖް ސައިޓު ބައްލަވާލެއްވުމަށް ފަހު، ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިބްރާހިމް ތޯއާމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ތިލަމާލެ ބްރިޖް ޕްރޮޖެކްޓުގެ ޕައިލިން މަސައްކަތުގެ 54.4 ޕަސެންޓް މިހާރު ނިމިފައިވާ ކަމަށެވެ.

"..މުޅި މަޝްރޫއުގެ 33.4 ޕަސެންޓް މަސައްކަތް ވަނީ ނިމިފައި،" އޭނާ ވިދާޅުވި އެވެ.

ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ ސްޓޭޓް އަދި ޑެޕިއުޓީ މިނިސްޓަރުންނާއި އިންޖީނިއަރުންގެ ޓީމު ބްރިޖު ސައިޓުގައި.-- ފޮޓޯ: ކޮންސްޓްރަކްޝަން މިނިސްޓްރީ

ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ ސްޓޭޓް އަދި ޑެޕިއުޓީ މިނިސްޓަރުންނާއި އިންޖީނިއަރުންގެ ޓީމު ބްރިޖު ސައިޓުގައި.-- ފޮޓޯ: ކޮންސްޓްރަކްޝަން މިނިސްޓްރީ

އޭނާ ވިދާޅުވި ގޮތުގައި، ތިލަމާލެ ބްރިޖް ޕްރޮޖެކްޓުގެ ސްޕީޑް މިހާރު ހުރީ މަސައްކަތުގެ ޝެޑިއުލްއާ އަޅާބަލާއިރު 1.2 ޕަސެންޓް ކުރީގަ އެވެ.

"މިނިސްޓްރީން މި ދަނީ މި މަޝްރޫއު ކުރިއަށް ދާއިރު ދިމާވެދާނެ ގޮންޖެހުންތައް ދިރާސާކޮށް މަސައްކަތް މަޑުޖެހުމެއް ނެތި ކުރިއަށް ގެންދިއުމަށް އަޅަންޖެހޭ ފިޔަވަޅުތައް ދުރާލާ އަޅަމުން،" އޭނާ ވިދާޅުވި އެވެ.

މިނިސްޓްރީން މިއަދު އާންމުކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި، ތިލަމާލެ ބްރިޖު އެޅުމަށް ވިލިމާލެ ފަޅުތެރޭފައި ޖަހަން ޖެހޭ ތަނބުތަކުގެ މަސައްކަތުގެ ބޮޑު ބައެއް ނިމި މިހާރު ހުރީ ފެންނާށެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީން ކުރިން ބުނި ގޮތުގައި، މިހާރު ކަނޑައަޅާފައިވާ ޝެޑިއުލްއާ އެއްގޮތަށް މަސައްކަތް ދާ ނަމަ، އަންނަ އަހަރު ފެބްރުއަރީ އަށް މާލެ އާއި ވިލިމާލެ ގުޅާލެވޭނެ އެވެ. އަދި މުޅި މަޝްރޫއު ނިންމާލެވޭނެ ކަމަށް ލަފާކޮށްފައި ވަނީ 2026 ވަނަ އަހަރުގެ ފަހުކޮޅުގަ އެވެ.

ތިލަމާލެ ބްރިޖަކީ 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ)ގެ މަޝްރޫއެކެވެ. އެއީ އިންޑިއާގެ އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ދޭ 400 މިލިއަން ޑޮލަރާއި އިންޑިއާގެ ސަރުކާރުން ދޭ ހިލޭ އެހީގެ ގޮތުގައި ލިބޭ 100 މިލިއަން ޑޮލަރެވެ.